ޓީޗަރުން ވަޒީފާގައި ތިބެގެން އަމިއްލަ ހަރަދުގައި ކިޔަވަން ކުރާ މަސައްކަތަށް ހިތްވަރުދީ އެކަމަށް ފަސޭހަވާނެ ގޮތަށް ސިޔާސަތު އިސްލާހު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ޓީޗަރުން ވަޒީފާގައި ތިބެ އަމިއްލަ ހަރަދުގައި އަމިއްލަ ކުރިއެރުމަށް ކުރާ މަސައްކަތަކަށް ހިތްވަރުދީ އެކަމަށް ފަސޭހަވާނެ ގޮތަށް ސިޔާސަތު އިސްލާހު ކުރަން ޖެހޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ބްލޮކް މޯޑް އުސޫލް އިސްލާހު ކޮށްފައި ނޫނީ އެއަށް އަމަލު ނުކުރުމަށް ގޮވާލާ ކަމަށެވެ.
އެމްޑީޕީން ބުނީ އެޑިއުކޭޝަނުގެ އެންގުމާއެކު "ކޯސްތަކުގައި ބްލޮކް މޯޑު އުޞޫލުން ކިޔަވާ މުވައްޒަފުން ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު" ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށާއި އޭގެ އިބާރާތްތަކުން ދޭހަކޮށްދީފައި ވަނީ ބްލޮކް މޯޑްގެ އުޞޫލުން ޓީޗަރުން މިހާރު ކިޔަވަމުން ގެންދަނީ އެޑިޔުކޭޝަނުން އެހީ ދީގެން ކަމަށެވެ. އަދި އެއީ މިނިސްޓްރީން އަލަށް ފެށި ކަމެއްގެ ގޮތުގައި ކަމަށާއި ތަޢުލީމީ ދާއިރާގެ ކަންކަން މިނިސްޓްރީ އޮޅުވާލަން އުޅޭތީ އެޕާޓީން ކަންބޮޑުވާ ކަމަށެވެ.
"ބްލޮކް މޯޑްގެ އުސޫލުން ޓީޗަރުން ވަޒީފާގައި ތިބެ ކިޔަވަނީ ޓީޗަރުން އަމިއްލަ ހަރަދުގައެވެ. އެއީ މީގެ އަހަރުތަކެއް ކުރިއްސުރެ ޓީޗަރުން ކުރާ ކަމެކެވެ. މަތީ ތަޢުލީމު ދޭ ތަންތަނުން، ބްލޮކް މޯޑަށް ނުވަތަ، ހަފްތާ ބަންދުގައި، ނުވަތަ އެހެންވެސް ބަންދު ދުވަސްތަކުގައި ގިނަ ތަކެތި އެއްފަހަރާ ކިޔަވާ ގޮތަށް ރާވާފައި ވަނީ ވެސް ޓީޗަރުން އެކަމަށް ބޭނުންވާތީ އެވެ. އެހެންކަމުން، ޓީޗަރުން މި ކޯސްތައް ހަދަމުން ދަނީ ޢާންމުކޮށް ކިޔެވުން ނޯންނަ ދުވަސްތަކުގައެވެ. ކިޔެވުން އޮންނަ ދުވަހެއް ދިމާވެއްޖެނަމަ ސްކޫލުގެ ޕްރިންސިފަލާއި ލީޑިން ޓީޗަރުންނާ ވާހަކަދައްކަވައިގެން އެ ދުވަހުގެ މަސައްކަތް ޓީޗަރުން އެހެން ގޮތަކަށް އިންތިޒާމު ކުރެ އެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެ ޕާޓީގެ ބަޔާން ބުނަނީ ބްލޮކް މޯޑަށް ކިޔެވުމަށް މުއައްޒަފުން ދޫކުރުމުގެ ނަމުގައި އެޑިއުކޭޝަނުން ފޮނުވާފައިވާ އުޞޫލުގެ ދަށުން ޓީޗަރުން ވަޒީފާގައި ތިބެގެން އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތަށް ދަތިކޮށް ހަނިކޮށްފައިވާ ކަމަށާއި ބަންދު ދުވަސް ދުވަހުގައި ވެސް ޓީޗަރުންނަށް ކިޔަވަން ދެވޭނީ ސްކޫލުން ދޫކުރުމުން ކަމަށް އެ އުޞޫލު ބުނާ ކަމަށެވެ.
އަދި ސްކޫލުން ދޫކޮށްގެން އަމިއްލައަށް ކިޔެވި ނަމަވެސް ސަރުކާރުގެ ޚަރަދުގައި ކިޔަވާ މީހަކަށް އޮންނަ ޝަރުތުތައް އެ ޓީޗަރަކަށް އޮންނާނެ ކަމަށާއި އެ އުޞޫލާ ހިލާފަށް ކިޔަވަންދާ ޓީޗަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނާ ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި އެ އުޞޫލު ތަންފީޒުކުރަން ފަށާއިރު ބްލޮކް މޯޑުގެ ދަށުން ޑިޕްލޮމާ އާއި ޑިގްރީ ފަދަ ޕްރޮގްރާމްތައް ހަދާ ޓީޗަރުންގެ ތައުލީމުގެ ފުރުޞަތުތައް މެދުކެނޑުމުގެ ކަމުގެ ބިރު ވެސް އެބައޮތެވެ.
އެ އުޞޫލު އެޑިޔުކޭޝަނުން ސްކޫލްތަކަށް ފޮނުއްވުމުން ޓީޗަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެއަށް ޢަމަލުކުރުން ފަސްކޮށްފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.