ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީންނަށް 667 އެނދުގެ ކަރަންޓީނު ފެސިލިޓީ އެއް ހުޅުމާލޭގައި

އެޗްޑީސީ އިން ބިދޭސީންނަށް 667 އެނދުގެ ކަރަންޓީނު ފެސިލިޓީ އެއް ހުޅުމާލޭގައި ހަދައިފި އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، އެ ކުންފުނިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި އަޅާފައިވާ އިމާރާތް ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ބިދޭސީންނަށް ހާއްސަ ކުރި މި ފެސިލިޓީގައި 667 އެނދު ހުންނާނެ އެވެ. އެ ކަރަންޓީން ފެސިލިޓީގައި ފާހަނާ ބްލޮކް އަކާއި ފެން ވަރާނެ ތަންތަން ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ފާހަނާ ބްލޮކްގެ މަސައްކަތް ފެޑޯ ކުންފުނި އާ ގުޅިގެން ނިންމާލާފައިވަނީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާއިރު އެންމެ ބޮޑެތި ކްލަސްޓާތައް ހެދިފައިވަނީ ދިރިއުޅެންް އެކަށޭނަ ނޫން އެއް ތަންތަަނުގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެެވެ. އެގޮތުން ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި ފުރަތަމަ ބުރުގައި 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން އެ ގައުމުގެ 1500 މީހަކު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 551 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން ގިނައީ ބިދޭސީންނެވެ.