ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19އަށް ވެކްސިނެއް ހޯދަން އެމެރިކާއިން އެހީއެއް ނުވި

May 5, 2020
3

ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތަށް ދުނިޔޭގެ ގިނަ ގައުމުތަކުން އެހީތެރިވާނެ ކަމަށް ވައުދު ވެފައިވާއިރު، ގުޅިގެން ކުރާ މަސައްކަތަށް އެމެރިކާއިން އެހީ ނުދޭނެ ކަމަށް ބުނެފި އެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކަކާއި، އިނގިރޭސި ވިލާތް، ނޯވޭ އަދި ސައުދީ އަރަބިއްޔާ އިސް ނަގައިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ޖަޕާނު، ކެނެޑާ، ދެކުނު އެފްރިކާ ފަދަ ގިނަ ގައުމުތަކެއް ވަނީ ބައިވެރިވެފަ އެވެ.

އެ ބައްދަލުވުމުގެ ބޭނުމަކީ ވޯލްޑް ބޭންކާއި ހެޔޮ އެދޭ ވިޔަފާރިވެރިންނާއި އެކި އަމިއްލަ ފަރާތްތަކުން ވެކްސިނެއް އުފެއްދުމަށް ދީފައިވާ މާލީ އެހީތެރިކަމަށް ގައުމުތަކުން ވެސް އިތުރު ފައިސާ ހޯދުމެވެ.

އެގޮތުން، އެ ބައްދަލުވުމުގައި އެކި ގައުމުތަކުން ޖުމްލަ 8.1 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ވައުދުވެފަ އެވެ. ނަމަވެސް، އެއް ގައުމަކުން އެންމެ ގިނަ އަދަދެއްގެ މީހުނަށް އެ ބަލިޖެހިފައިވާ އެމެރިކާއިން އެ މަސައްކަތުގައި ބައިވެރި ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެކަމުގެ ސީދާ ސަބަބެއް ހާމަ ކޮށްފައި ނުވި ނަމަވެސް، ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަމްލިޔުއެޗްއޯގެ އިހުމާލު އޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޖަމިއްޔާއަށް އެހީ ދިނުން ހުއްޓާލަން ނިންމަވައިފަ އެވެ.

އދ. އިން މީގެ ކުރިން ވަނީ، ބައްޔާ ދެކޮޅަށް ކުރަންޖެހިފައިވާ މަސައްކަތަށް ވަގުތުން ވަގުތަށް އަށް ބިލިއަނެއްހާ ޑޮލަރު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެގޮތުން ވެކްސިނެއްގެ މަސައްކަތަށް ތިން ބިލިއަން ޑޮލަރު އަދި ބާކީ ޓެސްޓިން ކިޓުތަކާއި ރައްކާތެރިކަމުގެ އާލާތްތައް އުފެއްދުމަށް ހަރަދުވާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.