ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
އެ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. އެއީ 70 އަހަރާއި 80 އަހަރުގެ ދެ ފިރިހެނުންނެވެ.
ދެން ތިބި މީހުންގެ ތެރެއިން 80 އަހަރުގެ ފިރިހެނަކަށް އޮކްސިޖަން ދެމުންދާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ އެހެން މީހުންގެ ހާލަތު "ސްޓޭބަލް" ކަމަށެވެ. އެެއީ 80 އަހަރުގެ ދިވެހި އަންހެނަކާއި، 68 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 48 އަހަރުގެ ބިދޭސީއެކެވެ. އެ މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
މިއަދު ޕޮޒިޓިވް ވި 22 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 573 އަށް އަރާފަ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ދިވެހި އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ.