ދީން

މޮޅު އިތުރުވެގެންވާ ބައެއް ޒިކުރުތައް

އިސްތިޣުފާރު ކުރުމާއި، ޒިކުރު ކުރުމަކީ އެންމެ ހެޔޮ އަމަލު ތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ތިމާގެ ދޫ ޒިކުރު ކުރުމާއި އިސްތިޣުފާރު ކުރުމުން ތެތް ކޮށްފިނަމަ ދެ ދުނިޔޭގެ ބާޖަވެރި އަކަށް ވުމުގެ މަގު ތަނަވަސްވީ އެވެ.

ހެޔޮ ޒިކުރު ކުރުމާއި، އިސްތިޣުފާރު ކުރުން ގިނަ ކުރުމަށް މާތް ނަބިއްޔާ އުންމަތަށް އިރުޝާދު ދެއްވާފައި ވެއެވެ. އަދި އެކަމުގެ ހެޔޮކަން ބަޔާން ކޮށްދެއްވި އެވެ. އަދި އެންމެ މަތިވެރި ޒިކުރުތައް ދަސްކޮށް ދެއްވި އެވެ.

އިސްތިޣުފާރު ކުރުމާއި، ޒިކުރު ކުރުމުގެ މަތީގައި ދެމި ހުރެއްޖެ މީހަކު ކަސިޔާރު މަގަކުން ނުދާނެ އެވެ. އެއީ ޔަގީން ކަމެކެވެ. ތިމާގެ ހިތުގައި މާތްﷲ އާ މެދު އަބަދުވެސް ބިރުވެތިކަން އޮންނާނެއެވެ. އެއީ ތިމާގެ އަަމަލުތައް ހެޔޮ ގޮތުގައި ބައްޓަން ކުރުމަށް ލިބޭ ބާރަކަށް ވާނެ އެވެ.

މީގެ އިތުރުން ހެޔޮ ޒިކުރުތައް ކުރުމަކީ ތިމާއަށް ލިބޭ ބޮޑު ރައްކާތެރި ކަމެކެވެ. ހަވާ ނަފުސުގެ ނުބައި ކަމާއި، އިންސާނާއަށް ގެއްލުންދޭ އެންމެހާ މަހުލޫގަކާއި ތަކެއްޗެއްގެ ކިބައިން ތިމާއަށް ރައްކާތެރިކަން ލިބޭނެ އެވެ. ހެނދުނާއި ހަވީރު ކިޔުމަށް އަންގަވާފައިވާ ޒިކުރުތަކާއި ދުއާތަކަކީ ވެސް އިންސާނާއަށް ވާ ރައްކާތެރި ކަމެކެވެ.

މި ބަލާލަނީ ކުރު އެެހެން ނަމަވެސް މަތިވެރި ވެގެންވާ ބައެއް ޒިކުރުތަކަށެވެ. ފަސޭހަ ކަމާއެކު ދުުލުން ކިޔާލެވޭނެ މި ޒިކުރުތައް ކުރުމުން ތިމާއަށް ލިބޭނެ މަތިވެރި ދަރުމައަށްވެސް ބަލާލާނަމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވެއެވެ. ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބަރު، ރަހުމާނުވަންތަ އިލާހުގެ ހަސްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެކަލިމައަކީ، سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ الْعَظِيمِ މި އެވެ. މާނައަކީ "އެންމެހައި ހަމްދު ތައުރީފެއް ލިބިވޮޑިގެންވާ ﷲ ހުސްތާހިރުވަންތަކަމާއެވެ. ﷲ ގެ ހުސްތާހިރުވަންތަކަމާއި މަތިވެރިކަމުގެ ބޮޑު ކަމާ އެވެ."

މިފަދަ މަތިވެރި ޒިކުރުތަކުގެ ތެރެއިން سُبْحَانَ اللهِ وَبِحَمْدِهِ ހިމެނެ އެވެ. މާނައީ ﷲ ގެ ހުސްތާހިރުވަންތަކަމާ އެވެ. ހުރިހާ ހަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެ އަށެވެ. މާތް ﷲ ގެ ހުސްތާހިރުވަންތަކަމޭ ބުނެވެނީ އެ އިލާހު ހުރިހާ އުނިސިފަތަކުން ބަރިއަވެގެންވުމުގެ ސިފަޔަށެވެ.

މި ޒިކުރުގެ މާތް ކަމާ ބެހޭގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެ އެވެ. ހެނދުނާއި ހަވީރު މިފަދައިން 100 ފަހަރު ކިޔައިފިނަމަ، އޭނާއަށްވުރެ ވަކީން ބޮޑު ހެޔޮ ކަމަކާއިގެން އައި ދެވަނަ މީހަކު ގިޔާމަތް ދުވަހުން ނުހުންނާނެ އެވެ. އެކަމަކު ހަމަ އެކަލިމަތައް އެ އަދަދަށް، ނުވަތަ އެއަށްވުރެ ގިނައިން ކިޔެވި މީހަކު މެނުވީ އެވެ.

އަދިވެސް އެހެން ރިވާޔަތެއްގައިވެ އެވެ. ދުވާލަކު 100 سُبْحَانَ الله وَبِحَمْدِهِ ކިޔައިފި މީހެއްގެ ފާފަތައް ކަނޑުގެ މައްޗަށް އަރާފައި ހުންނަ ފޮނުގަނޑަށް ވުރެ ގިނަ ކަމުގައި ވިޔަސް އެ ފާފަތް ފުއްސަވައި ދެއްވާނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަދީސް ކުރައްވާފަ އެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ދުވާލަކު 70 ފަހަރު ނުވަތަ 100 ފަހަރު ތައުބާވެވަޑައިގަންނަވާ ކަމުގައި ރިވާވެގެންވެ އެވެ. އެބަހީ އިސްތިޢުފާރު ކުރައްވަ އެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގިނަ ގިނައިން މި ޒިކުރު ކިޔުއްވާކަމުގައި އާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެ އެވެ. «سُبْحَانَ اللهِ وَبِحَمْدِهِ أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ؟» މާނައީ "އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާ އެވެ! އަދި އިބަރަސްކަލަނގެއަށް ހަމްދު ހުއްޓެވެ. އިބަރަސްކަލާނގެ ހަސްރަތުން މިއަޅާ ފާފަފުއްސެވުން އެދެމެވެ. އިބަރަސްކަލާނގެ ހަސްރަތަށް އަޅާ ތައުބާވަމެވެ."

ޒިކުރު ކުރުމުގެ މަދު އިބާރާތްކޮޅަކުން ސުވަރުގޭގެ މަތިވެރި ނިއުމަތްތަކަށް ވާސިލުވާނޭ މަގުވަނީ މާތް ﷲ ތަނަވަސް ކޮށްދެއްވާފަ އެވެ. لا حَوْلَ وَلاَ قُوَّةَ إِلاَّ باللهِ އަކީ ސުވަރުގޭގެ ހަޒާނާތަކުގެ ތެރެއިން ހަޒާނާއެއް ކަމުގައި ރިވާވެގެންވެ އެވެ. މި ޒިކުރުގެ މާނައަކީ "އެއްވެސް ކަމެއްގެ ކުޅަދާނަކަމެއް، އެއްވެސް ކަމެއްގެ ބާރެއް ﷲ ގެ ހަސްރަތުން މެނުވީ ނުވެއެވެ."

މިފަދަ މަދު އިބާރާތް ކޮޅެއް، ނުހަނު ފަސޭހަ ކަމާއެކު ދުލުން ކިޔައިލުމަކީ ތިމާ ހީވެސް ނުކުރާހާ ގިނަ ދަރުމަ އާއި ސަވާބު ލިއްބައިދޭ ކަމެއް ކަމުގައިވީހިނދު، މި ޒިކުރުތަކަކީ އަބަދުމެ ކިޔަން ފަރިތަކޮށް ދޫމަތީގައި އޮންނަ ބަސްތަކެއްކަމުގައި ހަދާށެވެ.

މި ނޫންވެސް އެތައް ޒިކުރުތަކެއް ވާދިރުވެގެންވެއެވެ. ބައެއް ޒިކުރުތަކަކީ ވަރަށް ދިގު ޒިކުރުތަކެވެ. މި ބަލާލީ ދުލަށްވެސް ފަސޭހަ ހިތުން ދަސްވެފައިވާ ކުރުކުރު ޒިކުރުތަކަށެވެ. ނަމަވެސް އެ ޒިކުރުގެ މަތިވެރިކަން އިސްވެ ބަޔާންވެ އެދިޔައީ އެވެ.

ދުނިޔެ މަތީގައި ހޭދަކުރެވޭ ވަގުތު ތަކުގެ ތެރެއިން މާތް ﷲ ޒިކުރު ކުރުމެއްނެތި ހޭދަކޮށްލެވޭ ކޮންމެ ހިނދުކޮޅަކާމެދު އާހިރަތުގައި ކޮންމެ މީހަކުވެސް ހިތާމަ ކުރާނެތެވެ. ކޮންމެ ކަމެއްގައި އުޅުނަށް ޒިކުރުކޮށްލަ ކޮށްލުމަކީ ދާދި ފަސޭހަ ކަމެވެ. އެކަމުން ހާސިލުކުރެވޭ ދަރުމަޔާ ސަވާބު ގިނަވެގެން ވެއެވެ.

މާތްﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ ވަރަށްވެސް މަތިވެރި އަޅުކަމެކެވެ. އެއީ ތިމާގެ އަތުން އެއްވެސް އެއްޗެއް ހޭދަކުރަން ޖެހޭނެ ކަމެއް ނޫނެވެ. އެހެންވީމަ މަތިވެރި ޒިކުރުތަކުން ތިމާގެ ދޫ އަބަދުވެސް ތެތްކޮށްފައި ބޭއްވުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ. އޭރުން ދެ ދުނިޔޭގެ ބާއްޖަވެރި ކަމަށް އެކަމުން މަގު ދައްކާނެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ