އަހުމަދު މަހްލޫފު

މިނިސްޓަރުގެ ޖަވާބުން ފާޑުކިޔުން އިތުރުވެއްޖެ

ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެލަވެންސާ ބެހޭގޮތުން، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި ޖަވާބުން، މިނިސްޓަރަށް ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ލަސްވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރުން ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދެނީ އެ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކުގެ މައްޗަށް ބިނާކޮށް އެސޯސިއޭޝަންތަކުން ފޮނުވާ ލިސްޓަށް ކަމަށެވެ. އެހެންވެ ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުދެނީ ކަމަށް ވިދާޅުވި އެވެ.

"މުޅިން އާ ކަމެއް ކުރިމަތި ވެގެން މިއުޅެނީ ދުވަހަކު ކުރިމަތި ނުވާ ކަމެއް، މިހާރު ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުލިބިގެން މިއުޅެނީ." މަހްލޫފް ވިދާޅުވެފައި ވެއެވެ.

މަހްލޫފްގެ ޖަވާބާ ގުޅިގެން ގައުމީ ޓީމުތަކަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ވެސް ވަނީ ފާޑު ކިޔާފަ އެވެ. ބައެއް ކުޅުންތެރިން ސޯޝަލް މިޑިއާގައި ބުނެފައި ވަނީ ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލާފައިވާ ވަގުތެއްގައި ޕްރެކްޓިސް ކުރެވޭނެ ހާލަތެއް ނެތް ކަމަށެވެ.

ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން އިސްވެ އެންގީ ޔޫތު މިނިސްޓްރީންނެވެ. މިނިސްޓްރީން އެ ގޮތަށް އެނގުމަށް ފަހު މާޗް މަހުގެ 15 ދުވަހު ކުޅިވަރު ކުޅޭ ތަންތަން ބަންދު ކޮށްފައިވާ ކަން ހާމަކޮށް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން، ބުނީ ކުޅުންތެރިންނާއި ކޯޗުންގެ މުސާރައާ ބެހޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަ ރަނގަޅު ނޫން ކަމަށެވެ.

"މިނިސްޓަރު ވިސްނާ ނުލައްވައި އެހެން ވިދާޅުވެފައި އެ އޮތީ، އެހެން ނޫންނަމަ އެކަހަލަ އެއްޗެއް ވިދާޅު ނުވާނެ،" ސުޒޭން ބުނެފައި ވެއެވެ. "ފުރަތަމަ ކަމަކަށް ކުޅުންތެރިންނެއް ނޫން ކުޅުން ހުއްޓާލައި ސީޒަން މެދުކަނޑާލައިގެން މި އުޅެނީކީ، މި ހާލަތަކީ އެސޯސިއޭޝަނަކުން ނުވަތަ މިނިސްޓްރީއިން ވެސް ކޮށްގެން އުޅޭ ކަމެއް ނޫން."

"ކުޅުން މެދުކެނޑިފައި އޮތީމަ މުސާރަ ނުދެވޭ ކަމަށް ވިދާޅުވުމަށް ވުރެ މި ހާލަތުގައި އެފަދަ ކަމަކަށް ހަރަދު ކުރެވެން ނެތިއްޔާ އެވާހަކަ ވިދާޅުވި ނަމަވެސް ރަނގަޅު."

މަޝްހޫރު ވޮލީކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނެފައި ވަނީ، ސަރުކާރުގެ އެހީތެރިކަން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެންމެ ބޮޑަށް ބޭނުންވާނެ ވަގުތަކީ މިވަގުތު ކަމަށެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް، އަދި ޓީސީގެ މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު ބުނެފައި ވަނީ، ކުޅުންތެރިން ޕްރެކްޓިސް ނުކުރަނީ އެކަން މިވަގުތު ކުރެވެން ނެތުމުން ކަމަށެވެ. އެލަވެންސަކީ ހުރިހާ ކުޅުންތެރިން ވެސް މިވަގުތު އެންމެ ބޭނުންވާނެ ކަންތައް ކަމަށް ޝާޒް ބުންޏެވެ.

"އެކަންތައް ކޮށްދެވޭނެ ބޭފުޅަކީ މިނިސްޓަރު، އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގަތުން ވަރަށް މުހިންމު." ޝާޒް ބުނެފައި ވެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދެއްކި ކުޅުންތެރިޔަކު ބުނީ، ކުޅިވަރު ކަލަންޑަރުގެ އޮފް ސީޒަންގައި ވެސް މީގެ ކުރިން އިނާޔަތުގެ ފައިސާ ދީފައި އެބަހުރި ކަމަށެވެ.

"ހަމަގައިމު ވެސް އެއަށް ޑިޕެންޑް ވެގެން ތިބި ކުޅުންތެރިން އެބަތިބި،" ވާހަކަ ދެއްކި ކުޅުންތެރިޔާ ބުންޏެވެ. "މިކަހަލަ ހާލަތެއްގައި ނުލިބުނީމަ އެންމެންނަށްވެސް ދަތި ވާނެ."

ކުޅުންތެރިންނަށް ލިބެން ޖެހޭ މިދިޔަ ދެ މަހުގެ އިނާޔަތް ދޫކޮށްފަ އެއް ނުވެ އެވެ. ހޯމަ ދުވަހު މިނިސްޓަރު ވިދާޅުވީ ހާއްސަ ހާލަތެއް ކަމަށް ބަލައި، އެސޯސިއޭޝަންތަކާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

"އެކަމަކު މިއީ ހާއްސަ ހާލަތެއް ވީމަ މިކަމުން އަރައި ގަނެފަ އަދި އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމިގެން ދާނީ." ކުޅުންތެރިންނަށް ދޭ އޮލޮވެންސާ ބެހޭގޮތުން މިނިސްޓަރު

ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް އިނާޔަތް ދިނުމަށް މަހަކު 1.4 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެއީ ކޮންމެ ކުޅުންތެރިޔަކަށް 5000 ރުފިޔާ އެވެ.