ހޮލީވުޑް

އެންޖެލީނާއާއި ބްރެޑްޕިޓްގެ ދަރިންވެސް ހޮލީވުޑް ފަތަހަ ކުރަނީ

Sep 17, 2015

އެންޖެލީނާ އާއި ބްރެޑް ޕިޓްގެ ދަރިފުޅު، 14 އަހަރުގެ މެޑޮކްސް ވެސް ހޮލީވުޑަށް ވަދެއްޖެ އެވެ.

ބްރެޑް އާއި އެއްކޮށް މިހާތަނަށް ކުޅުނު ދެވަނަ ފިލްމުގެ ޝޫޓިން ނިންމާލާފައި މިހާރު އެންޖެލީނާ މަސައްކަތް ކުރަމުން ދަނީ "ފަސްޓް ދޭ ކިލްޑް މައި ފާދާ" ޑައިރެކްޓް ކުރަމުންނެވެ. މި ފިލްމަކީ މެޑޮކްސްގެ އުފަންރަށް ކަމުގައިވާ ކެމްބޯޑިއާ އަށް 1970 ގައި ނިސްބަތްވި ކޮމިއުނިސްޓް ޕާޓީގެ ސަޕޯޓަރުންނަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ދެހާސް ވަނަ އަހަރު ނެރުނު މިފިލްމްގެ ފޮތް އެއްކޮށް ކިޔާ ނިންމާލައި މެޑޮކްސް މިހާރު ދަނީ ފިލްމަށް ތައްޔާރު ވަމުންނެވެ. ކެމްބޯޑިއާއަކީ އޭނާގެ އުފަންރަށަށް ވުމުން އޭނާއަށް އެތާ ބަހުން ވާހަކަ ދައްކަން މާބޮޑު އުނދަގުލަކަށް ނުވިއެވެ.

އެންޖެލީނާ އާއި ބްރެޑް މަޑު މަޑުން ދަނީ އާއިލާ ފިލްމީ ދުނިޔެއަށް ވައްދަމުންނެވެ. މިގޮތުން މިއީ މެޑޮކްސް ފުރަތަމަ ބޮޑު ފިލްމު ކަމުގައިވިޔަސް އޭނާ ވަނީ ބްރެޑްއާއި އެއްކޮށް "ވޯލްޑް ވޯ ޒީ" ވެސް ގައި ކުޑަ ރޯލެއް ކުޅެފައެވެ. މީގެ އިތުރުން އެ ދެމީހުންގެ ފަސް އަހަރުގެ އަރޯރާވެސް ވަނީ އެންޖެލީނާގެ "މެލެފިސެންޓް" ގައި ރޯލެއް އަދާ ކޮށްފަ އެވެ.

މަޝްހޫރު ހޮލީވިޑް ތަރި ޖެނިފާ އެނިސްޓަންއާއެކު ފަސް އަހަރު ދުވަސް ކައިވެނި ކޮށްގެން ހުރެ ފުރަތަމަ އެންޖެލީނާއާއި އެއްކޮށް ކުޅުނު ފިލްމު "މިސްޓަ އެންޑް މިސިޒް ސްމިތް" އިން ދިމާވެ ލޯބީގެ ގުޅުން ފެށުނު ފަހުން އެ ދެމީހުންނަށް ވަނީ ހަކުދިން ލިބިފައެވެ. އޭގެ ތެރެެއިން ތިން ކުދިންނަކީ އެޑޮޕްޓުކޮށްފައިވާ ކުދިންނެވެ. އެންމެ ދޮށްޓަށް ހުންނަނީ މެޑޮކްސްއެވެ. އެންޖެލީނާއާއި ބްރެޑްޕިޓް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓުމަހުގަ އެވެ.