ބަލްގޭރިޔާގެ އެންޑްރިއާ އިވަނޯވާއަކީ އިންސްޓަގްރާމް މޮޑެލް އެކެވެ. އުމުރުން 22 އަހަރުގެ މި ޒުވާނާ މިހާރު ވެސް ވިއްސަކަށް ފަހަރު އޭނާގެ ތުންފަތަށް އެސިޑް އިންޖެކްޝަން ވަނީ ޖަހާފަ އެވެ. މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ އޭނާގެ ފޮޓޯއަކާއި މިހާރުގެ ފޮޓޮއެއް އިންސްޓަގްރާމަށް ވަރަށް ފަހުން ލާފައިވާއިރު ތުންފަތަށް އައިސްފައިވާ ބަދަލު ވަރަށް ރަނގަޅަށް އެނގެ އެވެ.
ހަގީގީ ބާބީ ޑޯލް އެއްގެ ގޮތުގައި އެންޑްރިއާ އަށް މިހާރު ތަފާތު ޕްލެޓްފޯމްތަކުގައި މުޚާތަބު ކުރެވެ އެވެ. މިއީ އޭނާ ބޭނުންވާ ވެސް ގޮތެވެ. ތުންފަތް ބޮޑު ކުރުމުގެ މަސައްކަތް އެންޑްރިއާ ފަށާފައިވަނީ 2018 ގައެވެ. އެގޮތުން ކޮންމެ ފަހަރަކު އިންޖެކްޝަން ޖަހައި ފަރުވާ ކުރުމަށް އޭނާ ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރަމުން ގޮސްފައި ވެއެވެ.
އެންޑްރިއާ ބުނީ މިހާރު ތުންފަތް ހުރި ވަރު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އަދިވެސް އިތުރަށް ބޮޑު ކުރަން އޭނާ ބޭނުންވާ ކަމަށެވެ.
"އަހަރެންގެ ޑޮކްޓަރުން ބުނެފައި ވަނީ އަދިވެސް އަހަރެން ބޭނުން ނަމަ އިތުރަށް އިންޖެކްޝަން ޖެހިދާނެ ކަމަށް. ނަމަވެސް ދެ މަސް ދުވަހު މަޑުކުރަން ޖެހޭނެ ކަމަށް ބުނީ،" އެންޑްރިއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު ތުންފަތް ހުރި ގޮތް އޭނާއަށް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން ދެ ތިން ދުވަސްވަން ދެން ކައިބޮއި އުޅެން ވަރަށް ދަތި ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ އަހަރު ވެސް އެންޑްރިއާ ވަނީ އޭނާގެ ތުންފަތަށް 15 އިންޖެކްޝަން ޖަހާފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ވަރަށް ވުރެ ތިން ގުނަ އޭނާގެ ތުންފަތް ބޮޑުވި އެވެ. އޭނާ ބުނީ ސޯފިއާގެ އެސްތެޓިކް ފަރުވާ ދޭ ހުރިހާ ކްލިނިކަކަށް ކަހަލަ ގޮތަކަށް އޭނާ ވަނީ ގޮސްފަ އެވެ. އަދި ތުންފަތަށް ޖެހޭނެ ހުރިހާ ވައްތަރެއްގެ އިންޖެކްޝަނެއް ވަނީ ޖަހާފަ އެވެ.
ސޯޝަލް މީޑިއާގައި އެންޑްރީއަށް ބައެއް މީހުން ތައުރީފުކުރާއިރު އޭނާއަށް ފުރައްސާރަ އާއި މަލާމާތާ ވެސް ކުރިމަތިވެ އެވެ.
"އަހަރެންގެ ތުންފަތަށާއި އަޅާ ހެދުމަށް އެތައް ހާސް ބަޔަކު ތައުރީފުކުރޭ. ހަމަ އެއާއެކު ނެގެޓިވް ކޮމެންޓް ވެސް ލިބޭ. ގިނަ ފަހަރަށް ނެގެޓިވް ކޮމެންޓް ކުރަނީ އަންހެނުން،" އެންޑްރިއާ ބުންޏެވެ.