ރ. ވާދޫ އަށް ރޭ ފަތިހު އައި ކޮޅިގަނޑެއްގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ވާދޫ ކައުންސިލް ރައީސް ހުސައިން އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ފަތި ގާތްގަނޑަށް 5:00 ހާއިރު ވަރަށް ބޮޑަށް ގުގުރުމާއެކު އައި ކޮޅިގަނޑެއްގައި އެރަށުގެ ވަރަށް ގިނަ ގެތަކުން ފުރާޅަ އެއްލައި ރަށަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
ހުސައިން ވިދާޅުވީ މީހުން ދިރިއުޅޭ ވަރަށް ގިނަ ގެ ތަކަށް ގެއްލުންވި ކަމަށާއި މީހުން ނޫޅޭ ވަރަށް ގެއްލުން ލިބިފައިވާ ތިން ގެއެއް އެބަހުރި ކަމަށެވެ. އަދި މިހާރު އެ ގެތަކުގެ މީހުންނަށް އެހީތެރިވުމަށް ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އަންގާފައިވާނޭ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ޑިސާސްޓާ މެނޭޖްމަންޓަށާއި ކަމާގުޅޭ އެހެނިހެން އިދާރާތަކަށްވެސް މިކަން އަންގާފައިވާނެ ކަމަށެވެ.
"މިރަށުގަ ވަރަށް ގިނަ ގެ ތަކުގަ ފުރާޅުން ބައެއް އެއްލާލައި ގެއްލުންތަކެއްވެފަ މިހުރީ. ދިރިނޫޅޭ ވަރަށް ހަލާކުވެފައިވާ ތިން ގެއެއް އެބަހުރި. އެގެތަކުގެ ީހުންނަށް ރައްޔިތުންގެ ފަރާތުން ދަނީ އެހީތެރިކަން ލިބެމުން. ދެން ވރަށް ގިނަ ދުވަސްވީ ގަސްތަކާއި ރުށްތަށްވެސް އެބަހުރި ބިމާ ހަމަވެފަ. މުލުން ލުހިގެން ދިޔަ ބޮޑެތި ގަސްތައްވެސް އެބަހުރި. އެގަސްތައް އަލުން އިންދުމަށް ވަރަށް ބޮޑަށް ބޭނުން. އެކަމަކު އެކަމަށް ބޭނުންވާ ވަސީލަތްތަށް ނެތުމުން އެ ވަސީލަތްތަށް މިވަގުތު ވަރަށް ބޮޑަށް ބޭނުން." ލިބިފައިވާ ގެއްލުންތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވި އެވެ.
ވާދޫ އަށް ލިބުނު އިތުރު ގެއްލުންތަކަށް ބާލާއިރު ދޯނި ބަންނަ ހަރުގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބަނދަރުގައި ހުރި ނެރު ބައްތިއެއް ވެއްޓިފައިވާ އިރު، ޕީޕީއެމް ޖަގަހައިގެ ލައުޑް ސްޕީކަރު ބަހައްޓަން ހަދާފައި ހުރި ޓަވަރު ވެސް ވަނީ ވެއްޓިފަ އެވެ.
ހުސައިން އިތުރަށް ވިދާޅުވީ މިހާރު ރައްޔިތުންނަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރަށުތެރެ ސާފްކުރުމުގެ މަސައްކަތްތަށްވެސް މިވަގުތު ކުރަމުންދާ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރަމުންދަ ދުވަސް ވަރަކަށް ވުމާއެކު މިކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.