ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތީގެ އިމްޕޯޓް ނުވެއްޓޭ: ކަސްޓަމްސް

May 6, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ދަށަށް ދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ކާބޯތަކެތީގެ އިމްޕޯޓް ނުވެއްޓޭ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ހީނަރު ކަމެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އިމްޕޯޓް ޑިއުޓީއެއް ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދަައުލަތައް ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެގޮތުން އާންމުކޮށް ބޭނުން ކުރާ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށާއި އަދި ބައެއް ބާވަތްތަކުން އިމްޕޯޓް އިތުރުވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިކަހަލަ ދުވަސްވަރެއްގައި އެންމެން ބޮޑަށް ބޭނުންވާ އެއް ބާވަތަކީ ކާޑުގެ ބާވަތް، ކާޑުގެ ބާވަތުން އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ 45 އިންސައްތައިގެ ކުރިއެރުމެއް. އަދި ޕެޓްރޯލާއި ޑީސެލް އިމްޕޯޓު ކުރެވުނު މިންވަރު ވެސް ހަ އިންސައްތަ ކުރިއެރުމެއް އައިސްފަ މި ވަނީ. އަދި ބިސް އިމްޕޯޓު ކުރެވުނު މިންވަރު ވެސް ފަސް އިންސައްތައިގެ ކުރިއެރުމެއް އައިސްފަ މި ވަނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިމްޕޯޓް އެންމެ ބޮޑަށް ދަށްވެފައި ވަނީ ރަލާއި އޫރުމަލާއި އޭވިއޭޝަން ގޭސް ފަދަ ތަކެތިން ކަމަށެވެ. އެއީ ޓޫރިސްޓު ރަށްތަކަށް ގެންދާ ސާމަނުތައް ކަމަށާއި އެތަކެތީގެ އިމްޕޯޓް ދަށްވީ އެ ތަންތަން ބަންދުކޮށްފައި އޮތުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ އާލާތްތަކުގެ ތެރޭގައި މިހާތަނަށް ރާއްޖެއަށް 4.7 މިލިއަން ފޭސް މާސްކު އެތެރެކޮށްފައިވާ ކަމަށާއި 248 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓު ކުރާ ސާމާނާއި އޭގެ ބާވަތްތަކާއި 50 ޓަނުގެ އަތް ދޮންނަ ސާމާނު ފަދަ ތަކެތި ގެނެސްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މާލެ ތެރެއިން ކޮވިޑް-19 އަށް މީހަކު ޕޮސިޓިވްވި ހިސާބުން ފެށިގެން ކަސްޓަމްސް އިން އެކުލަވާފައިވާ ކޮންޓިންޖަންސީ ޕްލޭނާ އެއްގޮތައް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މުދާ ކްލިއާ ކުރުމުގެ މަސައްކަތައް ބޭނުންވާ ޑޮކިއުމަންޓް ނިންމުމުގެ މަސައްކަތުގައި ޝާމިލުވާ ގިނަަ އޮފިސަރުންތައް ގޭގައި ތިބެގެން މަސައްކަަތް ކުރެވޭނެ ނިޒާމް ގާއިމް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މަސައްކަތު މާހައުލަށް ގޮސްގެން މަސައްކަތް ކުރަން ޖެހޭ އޮފިސަރުން އެކަހެރިކޮށްގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 570 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އެ ބަލީގައި ދިވެއްސަކާއި ބިދޭސީއެއް ވަނީ މަރުވެފަ އެވެ.