ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 45 މީހަކު ޕޮޒިޓިވްވެ އަދަދު 618 އަަށް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 618 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ 44 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރިން އިތުރު މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވީމަ މިއަދުގެ މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.

މިއަދު ފުރަތަމަ ޕޮޒިޓިވްވީ ބިދޭސީއެކެވެ. އޭގެ ފަހުން ޕޮޒިޓިވްވީ 45 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 34 މީހަކާއި 8 ދިވެހިންގެ އިތުރުން އިންޑިއާގެ ދެ މީހެކެވެ.

ޕޮޒިޓިވްވީ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން މި ފެށީ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެފައި ވަނިކޮށެވެ. އިއްޔެ ޕޮޒިޓިވްވީ 21 މީހުންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ދިވެހި އަންހެނަކާއި ބިދޭސީ ފިިރިހެނެކެވެ. އުމުރުން ދުވަސްވީ އެ އަންހެން މީހާގެ ނަތީޖާ ލިބުނީ މަރުވި ފަހުންނެވެ.