ދީން

ދުއާ ކުރަން އެންމެ ހެޔޮ ވަގުތުތައް

ހެޔޮ ކަމުގެ މޫސުން ތަކުރާރު ވާނެ ގޮތުގައި ލެއްވީ މާތް ﷲ އަޅުތަކުން މައްޗަށް ދެއްވާފައިވާ ބޮޑު ނިއުމަތެއްގެ ގޮތު އެވެ. އޭގެ ތެރޭގައި އަހަރަކު އެއްފަހަރު އަންނަ ދުވަސްތައް، މަހަކު އެއްފަހަރު އަންނަ ދުވަސްތައް، ހަފުތާއަކު އެއްފަހަރު އަންނަ ދުވަސްތަކާއި ރެޔަކާދުވާލު ތެރޭ ތަކުރާރުވާ ވަގުތުތައް ވެސް ހިމެނެ އެވެ.

އެހެން ކަމުން އެފަދަ ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހެ އެވެ. ހާއްސަކޮށް އަޅުކަމުގެ ތެރޭގައި ހިމެނިފައިވާ ކަންކަން އިތުރު ކުރުމަށް އެ ވަގުތުތަކުގައި ގަދައަޅާ މަސައްކަތް ކުރަން ޖެހެ އެވެ. މި ފަހަރު މި ބަލާލަނީ އެންމެ ހެޔޮ ވެގެންވާ ވަގުތުތަކަށެވެ.

އަހަރަކު އެއްފަހަރު އަންނަ ހެޔޮ ކަމުގެ މޫސުންތަކުގެ ތެރޭގައި، ރޯދަ މަހާއި ހައްޖު މަހުގެ ފުރަތަމަ 10 ދުވަހާއި އާޝޫރާ ދުވަސް ހިމެނެ އެވެ. އެއީ ހެޔޮ ކަމުން ފުރިގެންވާ ދުވަސްތަކެކެވެ.

މަހަކު އެއް ފަހަރު އަންނަ ދުވަސްތަކުގެ ތެރޭގައި ހަނދު ފުރިހަމަވާ ތިން ދުވަސް ހިމެނެ އެވެ. އެއީ 13، 14، 15 މި ތިން ދުވަހެވެ. ކޮންމެ މަހެއްގެ ވެސް ހަނދު ފުރިހަމަވާ ތިން ދުވަހު ރޯދަ ހިފުމަކީ ގަދަ ވެގެންވާ ސުންނަތެވެ.

ހަފުތާގެ ތެރޭގައި ނަމަ ހުކުރު ދުވަސް، ހޯމަ އަދި ބުރާސްފަތި ދުވަސް ހިމެނެ އެވެ. ހުކުރު ދުވަހަކީ ހަފުތާގެ އީދު ދުވަހެވެ. ހުކުރު ދުވަހު ދުއާ އިޖާބަ ކުރައްވާ ހާއްސަ ވަގުތެއްވާ ކަމުގައި ވެއެވެ. އެހެން ކަމުން އެ ދުވަހު ދުއާ ކުރުން ގިނަ ކުރަން ޖެހެވެ. މީގެ އިތުުރުން އެ ދުވަހު އިރުއޮއްސުމުގެ ކުރިން ސޫރަތުއް ކަހަފް ކިޔަވައިފި މީހަކަށް އަންނަ ހަފުތާއާ ހަމައަށް ނޫރެއް ލިބިގެންވާ ކަމަށް ހަދީސްތަކުގައި ވެއެވެ.

ދުވާލުގެ ސައްވީސް ގަޑިއިރުގެ ތެރޭގައި ވެސް މިފަދަ މާތް ވަގުތުތައް ތަކުރާރު ވަމުން ދެއެވެ. އޭގެ ތެރެއިން އެއް ވަގުތަކީ ރޭނގަޑުގެ ފަހު ތިންބައިކުޅަ އެއްބައިގެ ވަގުތެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ.

"ކޮންމެ ރެއްގެ ވެސް ފަހު ތިންބައިކުޅަ އެއްބައިގައި އަހަރުމެންގެ ރައްބު ތަބާރަކަ ވަތައާލާ ދުނިޔޭގެ އުޑަ ފައިބާ ވޮޑިގަންނަވަ އެވެ. އަދި ވަހީ ކުރައްވަ އެވެ. ތިމަން އިލާހަށް ދުއާ ކުރަނީ ކޮން އަޅެއް ހެއްޔެވެ؟ އޭނާއަށް އިޖާބަ ދެއްވާ ހުށީމެވެ. ތިމަން އިލާހަށް އެދި ދަންނަވަނީ ކޮން އަޅެއް ހެއްޔެވެ؟ އޭނާއަށް ދެއްވާ ނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން އިލާހަށް ދަންނަވަނީ ކާކު ހެއްޔެވެ؟ އޭނާގެ ފާފަ ފުއްސަވައި ދެއްވާނަމެވެ." މި ހަދީސް ރިވާ ކުރެއްވީ އަލްއިމާމު މުސްލިމެވެ.

މިއީ ކިހާ މަތިވެރި ކިހާ މުހިންމު ވަގުތެއްތޯ އެވެ. ތިމާގެ ދެ ދުނިޔޭގެ ބާޖަވެރިކަމަށްޓަކައި ދުއާ ކުރުމުގައި އެ ވަގުތުތައް ހޭދަ ކުރާށެވެ. މީގެ އިތުުރުން ފަތިސް ވަގުތަކީ ވެސް އެފަދަ މާތް ވަގުތެކެވެ. އަލްއިސްރާއު ސޫރަތުގެ 78 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައި ވެއެވެ.

"އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (މެންދުރު ނަމާދާއި، عصرނަމާދާއި، مغربނަމާދާއި، عشاءނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكةންނާއި ދުވާލުގެ ملائكةންގެ ފަރާތްޕުޅުން) ހެކި ލިބިގެންވާ ނަމާދެއް ކަމުގައި ވިއެވެ."

މި ހަދީސުން ފަތިސް ނަމާދުގެ މާތްކަން އެނގިގެން ދެއެވެ. މީގެ އިތުރުން ފަތިސް ނަމާދުގެ ސުންނަތަކީ ވެސް އެފަދަ މާތް އަޅުކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. "ފަތިސްނަމާދު ސުންނަތުގެ ދެ ރަކުއަތަކީ ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދެ ރަކުއަތެވެ."

މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. "އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަމްދާއެކު ތަސްބީހަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ!" މި ބަސްފުޅުން މި ވަގުތުތަކުގެ މުހިންމުކަން ވެސް އެނގިގެން ދެއެވެ. އަދި އަޅުކަމުގެ ގޮތުން ކުރަން އަންގަވާފައިވާ ކަންކަން ވެސް އެ ވަނީ ބަޔާން ވެގެނެވެ.

ލުހާ ވަގުތަކީ ވެސް މާތް ކުރައްވާފައިވާ ވަގުތުތަކުގެ ތެރެއިން ވަގުތެކެވެ. މި އުންމަތުގައި ވަނީ ހެނދުނުގެ ވަގުތު ކުރާ މަސައްކަތުގައި ބަރަކާތް ލެވިގެންނެވެ.

އަދި ފަތިސް ނަމާދު ކޮށްގެން އިރު އަރަންދެން މާތް ﷲ ޒިކުރުކޮށް ދުއާކު ރުމަށް އިނުމަށްފަހު ދެރަކުއަތް ނަމާދެއް ކޮށްފި މީހަކަށް ފުރިހަމަ ހައްޖަކާއި އުމްރާއެއްގެ ސަވާބު ލިބޭނޭ ކަމުގައި ވެސް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ.

އިތުރު އެކަލޭގެފާނުގެ ބަސްފުޅުގައި ވެއެވެ. "ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށްފަހު، އިރު އަރަންދެން މާތް ﷲ އަށް ޒިކުރު ކުރުމުގައި އިނުމަށްފަހު ދެ ރަކުއަތް ކޮށްފި މީހާކައަށް ފުރިހަމަ ހައްޖަކާއި އުމްރާއްގެ ސަވާބު ދެއްވާނެއެވެ." މި ހަދީސް ރިވާ ކުރެއްވީ އަލްއިމާމުއް ތިރްމިޒީ އެވެ.

ލުހާ ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެހެން ކަމުން އެ ވަގުތު އެ ނަމާދުގެ އަޅުކަން އަދާކޮށް ދަރުމަ އާއި ސަވާބުގެ ތިލަފަތް ބަރުކު ރުމަށް މަސައްކަތް ކުރާށެވެ. ލުހާ ކުރުން އެންމެ މޮޅު އިތުރުވެގެން ވަނީ ހެނދުނުގެ ހޫނުކަން އެންމެ ގަދަވެގަންނަ ވަގުތެވެ. އެއީ ގާތްގަނޑަކަށް ނުވައެއްޖަހާ އެހާކަންހާއިރެވެ.

މީގެ އިތުރުން ކޮންމެ ބަންގިއަކާ ގަމަތާ ދެމެދުން އޮންނަ ވަގުތަކީ ވެސް ދުއާ ކުރުން މޮޅު އިތުރުވެގެންވާ ވަގުތެކެވެ.

އަންސް رضي الله عنه ވިދާޅުވި އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވި އެވެ. "ބަންގިއާއި ގަމަތާ ދެމެދު ކުރާ ދުއާ އިޖާބަ ނުކުރެއްވެވި ރައްދު ނުވާ ހުއްޓެވެ."

އަދި ފަރުލު ނަމާދު ނިމުމަށްފަހު އޮންނަ ވަގުތަކީ ވެސް އެފަދަ ވަގުތެކެވެ.

ކޮންމެ ހެޔޮ އަމަލެއް ނިމޭ ވަގުތަކީ ދުއާ ކުރުން މޮޅު އިތުރުވެގެންވާ ވަގުތެކެވެ. އެގޮތުން ފަރުލު ނަމާދު ނިމޭވަގުތާއި، ގުރްއާން ހަތިމުކޮށް ނިމޭ ވަގުތަކީ ވެސް ދުއާކުރުން މޮޅު އިތުރުވެގެންވާ ވަގުތެކެވެ. ކޮންމެ ނަމާދެއްގެ އައްތަހިއްޔާތުގެ ފަހުން ސަލާމް ދިނުމުގެ ކުރިންނާއި ސަލާމް ދިނުމަށްފަހު ވެސް މާތް ﷲ އަށް ޒިކުރު ކުރުމާއި ދުއާ ކުރުމަކީ ސުންނަތެއް ކަމުގައި ވަނީ ލައްވާފަ އެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ނަމާދުން ނިމިވަޑައިގަންނަވާ ގޮތަށް أَسْتَغْفِرُ اللهِ ތިން ފަހަރު ވިދާޅުވުމަށް ފަހު މި ޒިކުރު ވިދާޅުވެއެވެ. "اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ" ރިވާ ކުރެއްވީ މުސްލިމް އެވެ.

މި ވަގުތުތަކުގެ ތެރޭގައި ރޯދަ ވީލުމުގެ ކުރިޔަށް އޮންނަ ވަގުތު ވެސް ހިމެނިގެން ދެއެވެ. އެއީވެސް މަތިވެރި އަޅުކަމެއްގެ ނިމުމުގެ ވަގުތެވެ. ރޯދަވެރިޔާގެ ދުއާއަކީ އިޖާބަ ކުރެވޭނޭ ދުއާ އެކެވެ. އަދި ރޯދައަށް ހުންނަ ވަގުތުގައާއި ރޯދަ ވީއްލާ ވަގުތު ދުއާ ކުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.

އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ. "ތިން މީހެއްގެ ދުއާ އިޖާބަ ނުކުރެއްވެވި ރައްދު ނުވާހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލުމަށް ދާންދެންނާއި، އަދުލުވެރި ވެރިއެއްގެ ދުއާއާއި އަނިޔާ ލިބިފައިވާ މީހާގެ ދުއާ އެވެ."

އެހެން ކަމުން ރޯދަވީއްލާ ހިނދު މި ދުއާ ކުރުން ހިމެނެއެވެ. «ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ» އެވެ.

އިންސާނާގެ ހަޔާތުގެ ވަރަށް ގިނަ ވަގުތުތަކަކީ ހާއްސަ ވަގުތުތަކެއްކަން އެނގިގެން ހިނގައްޖެއެވެ. ވީމާ ހެޔޮ އަމަލުތަކަށް އެ ވަގުތުތައް ހުސްކޮށް، ދެ ދުނިޔޭގެ ހަޔާތުގެ ބާއްޖަވެރި ކަމަށް މަސައްކަތް ފަށާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ