ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަވަސް އަރުވާލައިފިނަމަ އިތުރު ލޮކްޑައުން އަންނާނެ: ޓެޑްރޯސް

May 7, 2020
1

ކޮވިޑް-19 އާ ދެކޮޅަށް ގިނަ ގައުމުތަކުން މިހާރު އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރަން ފަށައިފި ނަމަ، އަނެއްކާވެސް އިތުރު ލޮކްޑައުންތަކެއްގެ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

ވައިރަސް ފެތުރުން މަޑުޖެހި، ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުން އަންނަ ދަނޑިވަޅެއްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރެވިއްޖެ ނަމަ، އަނެއްކާ ވެސް އެނބުރި ލޮކްޑައުންގެ ހާލަތާސް ދާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން، ބައްޔަށް ސްކްރީން ކުރުމާއި ސިއްހީ ނިޒާމު އެލާޓުގައި ބާއްވައި ފިޔަވަހިތަކަކަށް ބަހާލައިގެން ފިޔަވަޅުތައް މަޑުމަޑުން ލުއި ކުރުންޖެހޭ ކަމަށް ޓެޑްރޯސް ފާހަގަ ކުރެއްވި އެވެ.

"ވަރަށް ފަރުވާތެރި ކަމާއެކު، ފިޔަވަހިތަކަކަށް ބަހާލައިގެން ފިޔަވަޅުތައް ލުއި ނުކުރާނަމަ، އެނބުރި ލޮކްޑައުނަށް ދާން ޖެހުމުގެ ނުރައްކާ ބޮޑު،" އޭނާ ވިދާޅުވި އެވެ.

ވައިރަސް ކޮންޓްރޯލް ކުރެވުމުން، ކުރީގެ އޮތް ހާލަތަށް އެނބުރި ނުދެވޭނެކަން ފާހަގަ ކުރައްވަމުން، ޓެޑްރޯސް ވަނީ ގައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރަން އިތުރު އިންވެސްޓުމަންޓުތަކެއް ކުރަން ގޮވާލައްވައިފަ އެވެ.

"މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް އަންނާނެ. އެކަމަކު އެ ދުވަހު، ދުނިޔެ ކުރީން އޮތް އާއްމު ހާލަތަށް އެނބުރިއެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 މިހާރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3.6 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 257،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.