ލައިފްސްޓައިލް

ދުންހޮޅިޔަކުން ހެދުނު ބަންޔަން ޓްރީއަކަށް ސަމާލުކަން

ގުދުރަތީ ކަންކަމަކީ ބަލާ ފޫހިނުވާ ވަރުގެ އަޖައިބުތައް އެކުލެވޭ ކަންކަމެވެ. ގައުމުތައް ލޮކްޑައުންގައި އޮތުމުގެ ސަބަބުން ތިމާވެށީގެ ތަޣައްޔަރުކަން ގޮސް ދުނިޔޭގެ މާހައުލު ވަރަށް ބޮޑަށް ސާފުވެ ކުރިން ވައި ނުސާފު ކަމުން ނުފެންނަ ރީތި ގިނަ މަންޒަރުތައް ފެނުމުގެ ނަސީބު ވެސް މިހާރު ލިބިފައި ވެއެވެ. ނަމަވެސް މިފަހަރު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ މިފަދަ މަންޒަރެއް ނޫނެވެ. އާދަޔާޚިލާފަށް ހެދިފައިވާ ރީތި ބޮޑު ގަހަކަށެވެ.

ބޮޑު ދުންހޮޅިއެއްގެ ތެރެއިން ރީތި ގަހެއް ހެދިގެން އަރައިފާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ އަދި މިފަދަ ގަހެއް ހެދިފައިވާ ތަން ފެނިފައިވޭ ހެއްޔެވެ؟

އިންޑިއާގެ އައިއޭއެސް އޮފިސަރެއް ކަމަށްވާ ވިޖޭ ކަލުންގޭ ޓުވިޓާގައި ޝެއާކުރި ޕޯސްޓެއްގައި ވަނީ މިގޮތަށް ދުންހޮޅިޔަކުން އަރާފައިވާ ވަރަށް ރީތި ބޮޑު ބަންޔަން ޓްރީއެއްގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ފޮޓޯތަކަކީ އިންޑިޔާގެ އޮޑީއްސާ ސިޓީގެ ބްރަހްމާޕޫރްގައި ހުރި ގަހެއްގެ ފޮޓޮއެކެވެ.

މިއީ ގުދުރަތީގޮތުން ބައެއް ކަންކަން ދިމާވެފައި ހުންނަ އާދަޔާޚިލާފު ގޮތްގޮތުގެ ވާހަކަ ވެސް ބަޔާން ކޮށްދޭ ފޮޓޮއެއް ކަމުން މި ފޮޓޯ ގިނަ ބަޔަކަށް އަޖައިބު މަންޒަރުތަކަކަށް ވަނީ ވެފަ އެވެ.

ފޮޓޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ މި ގަހުގެ ރީތިކަމާއި ހެދިފައިވާލެއް އަޖައިބުކަމުން ހައިރާންވެފަ އެވެ. އަނެއް ބަޔަކު ބުނީ ގުދުރަތީ މި ކަހަލަ މަންޒަރުތަކަށް އެމީހުން ވަރަށް ލޯބިކުރާ ކަމަށެވެ.