އެމެރިކާގައި ދާދިފަހުން ހިނގި ހާދިސާއެއްގައި ފަސް އަހަރުގެ ކުއްޖަކު އޭނާގެ މައިންބަފައިން ދުއްވާ ކާރު ވަގަށް ނަގައިގެން އޭގައި ތިން ކިލޯ މީޓަރަށް ދަތުރުކޮށްފި އެވެ. އޭނާ މިގޮތަށް ކަންތައް ކުރީ އޭނާގެ މަންމަ އޭނާއަށް ލެމްބޯގިނީ ކާރެއް ގަނެ ނުދީގެންނެވެ. އޭނާ ދިޔަ ކަމަށް ވަނީ މި މޮޑެލްގެ ކާރެއް ގަންނާށެވެ.
އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ހައިވޭ ޕެޓްރޯލް އޮފިސަރަށް މި ކުއްޖާ ކާރު ދުއްވާފައި ދާތަން ފެނިފައި އެންމެ ފުރަތަމަ ގަބޫލު ކުރަން ވެސް ދަތިވި އެވެ. ސަބަބަކީ ޑްރައިވަރު ސީޓުގައި އިން ކުއްޖާގެ ކުޑަކަމުންނެވެ. އޭނާ ބުނި ގޮތުގައި ހަމަ ޔަގީނުން ވެސް އޭނާގެ އުމުރުން ފަސް އަހަރުގައި އޭނާގެ އަތް ކާރުގެ ހުންގާނަށް ފޯރައިފިނަމަ ފައި ބުރަކި ޕެޑަލަކު ނުޖެހޭނެ އެވެ.
ކާރު ހުއްޓުފައިވާ ސުވާލު ކުރުމުން އެޑްރިއަން 5، ބުނީ އޭނާގެ މައިންބަފައިން ވީ ވަޒީފާއަށް ގޮސް ކަމަށާއި އޭނާ ބެލެހެއްޓުމާ ހަވާލު ވެގެން ތިބީ އޭނާގެ ދޮއްޓަށް ތިބި ކުދިން ކަމަށެވެ.
އެ ކުއްޖާ ހިތުން އޭނާ އެ ދަނީ ކެލިފޯނިޔާ އަށެވެ. ދުއްވާ އެއްޗެއްގައި ޔޫޓާއިން ކެލިފޯނިއާ އަށް ދެވޭނީ ގާތްގަނޑަކަށް 12 ގަޑިއިރުންނެވެ. މި ކުއްޖާ ފުލުހުން ކައިރީ ބުނީ އޭނާގެ މައިންބަފައިންގެ ކާރު ވަގަށް ނަގައިގެން އޭނާ އެ ދަނީ ލެމްބޯގިނީ ސުޕަ ކާރެއް ގަންނަން ކަމަށެވެ. އަދި އެފަދަ ކާރެއް ގަނެދޭން އޭނާ މަންމަ ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.
އެންމެ މަޖާ ކަމަކީ މި ކުއްޖާ ކާރެއް ގަންނަން ގެއިން ނުކުމެގެން ކާރެއްގައި ނައްޓާލައިގެން ދިޔައިރު އޭނާގެ ޖީބުގައި އޮތީ އެންމެ ތިން ޑޮލަރު ކަމެވެ.
ޔޫޓާ ހައިވޭ ޕެޓްރޯލްގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި މިއީ ހަމަ ހިނގާފައިވާ ހަގީގީ ހާދިސާއެއް ކަން ޔަގީން ކޮށްދީފައި ވެއެވެ.
"މި ކުއްޖާ ބުނަނީ މަންމައާ ދެބަސްވެފައި ގެއިން ނުކުތީ ކަމަށް. މަންމަ ދެކެ ހިތްހަމަނުޖެހުނީ ލެމްބޯގިނީ އެއް ނުގަނެދޭނަމޭ ބުނެގެން ކަމަށް ކުއްޖާ ބުނި. އެހެންވެ މައިންބަފައިން ދުއްވާ ކާރުގައި އަމިއްލައަށް ލެމްބޯގިނީ އެއް ގަންނަން ކެލިފޯނިއާ އަށް ދަތުރުކުރަން ނިންމީ ކަމަށް ކުއްޖާ ބުނޭ. ނަމަވެސް އޭނާގެ ވޮލެޓުގައި އޮތީ އެންމެ ތިން ޑޮލަރުވީމަ ތަންކޮޅެއް ލާރި މަދުހެން ހީވަނީ،" ޔޫޓާ ހައިވޭ ޕެޓްރޯލްގެ ޓުވީޓްގައި ވެއެވެ.
މި ކުއްޖާގެ ވާހަކަ ވައިރަލްވީތާ އެންމެ ދުވަހެއް ތެރޭގައި އޭނާ ގޮވައިގެން ލެމްބޯގިނީގައި ދުއްވާލަން ދާން ބޭނުންވެގެން އެތައް ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މިހާރު އެޑްރިއަން ގޮވައިގެން ލެމްބޯގިނީ ދުއްވާލަން ދާނެ މީހަކު ވެސް އާއިލާއިން ވަނީ ހޯދާފަ އެވެ. މި ވަގުތު ދެން އެޑްރިއަން އަށް ލެމްބޯގިނީ އެއް ދުއްވާލެވޭނެ އޮތީ ހަމައެކަނި މިގޮތެވެ.