ބޮލީވުޑް

ރިޝީގެ ޒަމާންވީ ދެ އެކުވެރިން ހިތާމައިގައި

ރިޝީ ކަޕޫރުގެ ހަނދާންތައް ހިންދީ ފިލްމަށް ލޯބިކުރާ މީހުންގެ ހިތުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމިހުންނާނެކަން ޔަގީނެވެ. އޭނާގެ ވާރިސުންގެ އިތުރުން ޒަމާންވީ ބައެއް އެކުވެރިންނަށް ރިޝީގެ ވަކިވެ ދިއުން ވެފައިވަނީ ވަރަށް ހިތްދަތި ތަޖުރިބާ އަކަށެވެ.

ރިޝީ އާއި އޭނާގެ ރަން ދައުރުގައި އޭނާއާ ވަރަށް ވާދަވެރިކޮށް ފިލްމު ކުޅުނު ދެ ތަރިއަކާއެކު ވަރަށް ޚާއްސަ ގުޅުމެއް އުފެދިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. އެއީ ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރަ އާއި ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން އެވެ. ރިޝީ، ރާކޭޝް އަދި ޖީތެންދުރަ ބެސްޓް ފްރެންޑުންގެ ގޮތުން 50 އަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައި ވެއެވެ.

ތިން މީހުން އެކުވެގެން ޕާޓީތަކަށް ގޮސް މަޖާ ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ޖީތެންދުރަގެ 75 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2017 ގައި ޖައިޕޫރުގައި ބޭއްވި ޕާޓީން ވެސް މި ތިން މީހުންގެ އޮތް ގާތް ގުޅުން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް ޖީތެންދުރަގެ ދަރިފުޅު އެކްތާ ކަޕޫރު ބުނެފައި ވެއެވެ.

ރިޝީ އަށް ކެންސަރު ޖެހިފައިވާކަން އެނގުމުން އެކަމާ ވެސް އެންމެ ހިތާމަކުރީ އޭނާގެ މި އެކުވެރިންނެވެ. އަދި ކެންސަރަށް ބޭސް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި ހުރުމަށްފަހު މިދިޔަ އަހަރު ފަހުކޮޅު ރިޝީ އެނބުރި އައުމުން އެކަމާ އެންމެ އުފާ ކުރީ ވެސް ހަމަ އެ މީހުންނެވެ. ރިޝީ އައުމުގެ އުފަލުގައި އެމީހުން ވަރަށް ބޮޑު ޕާޓީއެއް ވެސް ބޭއްވި އެވެ. މި ޕާޓީގެ ފޮޓޮއެއް ޓުވީޓްކުރަމުން ރިޝީ ވަނީ އޭނާގެ އެކުވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

ރިޝީގެ 50 އަހަރަށް ވުރެ ދިގު ކެރިއަރުގައި އޭނާގެ ރާކޭޝް ރޯޝަން އާއި ޖީތެންދުރަ އާއެކު ގިނަ ފިލްމުތަކެއް ވެސް ކުޅުނެވެ. މީގެ ތެރެއިން ވެސް "އާޕް ކޭ ދިވާނޭ" ފާހަގަ ކޮށްލެވެ އެވެ. މީގެ 40 އަހަރު ކުރިން 1980 ގައި ރިލީޒްކުރި މި ފިލްމުގައި މި ތިން ތަރިން ވެސް އަދާކުރީ ބެސްޓް ފްރެންޑުންގެ ރޯލަށް ވެފައި އެމީހުންގެ އެކުވެރިކަމުގެ ބިންގާ ވެސް އެޅުނީ މި ފިލްމު ކުޅުނު ދުވަސްވަރު ކަމަށް ވާތީ އެވެ.

ރިޝީގެ ދެ އެކުވެރިންނަށް އޭނާ ވަކިވެ ދިއުމުގެ ހިތާމަ ވަރަށް ބޮޑެވެ. އެމީހުން އެކުގައި މަޖާކޮށް ޕާޓީކޮށް ހެދި ދުވަސްތައް ހަނދާންވުމުން އެމީހުންގެ ލޮލުން ކަރުނަ އާދެ އެވެ. އަދި ދެން ދުވަހަކުވެސް މިފަދަ ގޮތަކަށް އެކުވެރިޔާ އާއެކު ޕާޓީ ކޮށްލުމުގެ ފުރުސަތު ނުލިބޭނެކަން އެމީހުންނަށް ގަބޫލު ކުރެ ވެއެވެ.