ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރުގެ އެހީ ދެނީ

May 7, 2020
3

ކާރިސާ ތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރު ކުރުމަށްޓަކައި ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 255 މިލިއަން ރުފިޔާ) ގެ އެހީއެއް ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ޑިޖިޓަލްކޮށް ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. ވޯލްޑް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.

ވޯލްޑް ބޭންކުން ދީފައިވާ މި އެހީއަކީ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" މަޝްރޫއުގެ ދަށުން، މާލޭގެ ފެން ހިންދުމުގެ ނިޒާމްގެ ފެންވަރު މަތި ކުރަން ދިން އެހީ އެކެވެ.

މި ނިޒާމަކީ، 40 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ބޭނުން ނުހިފޭ ހާލަތުގައިވާ ނިޒާމެކެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެހޭ ވާރޭގެ ނިސަބަތް އިތުރުވަމުން ގޮސްފައިވާއިރު، ފެން ހިންދާ ހޮޅިތައް ހަލާކުވެފައިވުމާއި ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހިފައިވެ އެވެ. މި ހާދިސާތަކުގެ ސަބަބުން، ވިޔަފާރިތަކަށާއި މަގުމަތީގެ ޓްރެފިކަށް އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވެ އެވެ. އަދި މި އެހީގެ ދަށުން ހުޅުމާލޭގައި ހަދާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނެ ކަމަށެވެ.

"މި ޕްލާންޓްގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އުކާލެވޭ ފެން މި ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް އެޅުން މަދުވެގެން ދިއުމާ އެކު، ސިއްހީ ނުރައްކާތައް ކުޑަވެ، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖޭގެ މުހިންމު ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތްތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތް ވެވޭނެ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމުގައި ސާފު ތާހިރުކަން މުހިންމު ދައުރެއް އަދާކުރާއިރު، މި ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ބޭނުން ވަނީ އިހުނަށް ވުރެ ބޮޑުވެފަ އެވެ،" ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

އަލަށް ހިންގާ "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނާޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.