ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރު ދެނީ

Apr 3, 2020
2

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ 7.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 112 މިލިއަން ރުފިޔާ) ދޭން ވޯލްޑް ބޭންކުން ނިންމައިިފި އެވެ.

ވޯލްޑް ބޭންކުގެ ބޯޑުން ނިންމި ނިންމުމުގެ މައްޗަށް، ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް" ގެ ދަށުން މި އެހީ ދެނީ، ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުން ކުރެވޭ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށެވެ.

މީގެ އިތުރުން ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް މި އެހީގެ ބޭނުން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ އިތުރަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށާ، މިއީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ ކަމަށެވެ.

"ކުއްލި ހާލަތުގައި ވޯލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރި ވެދެވޭނެ،" އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ، ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫއުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

ވޯލްޑް ބޭންކުން ދުނިޔެއަށް ބޮޑު އެހީއެއް

ކޮވިޑް-19 އާ ގުޅިގެން ވޯލްޑް ބޭންކް ގްރޫޕުން ވަނީ 14 ބިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. މި ޕެކޭޖުގެ ދަށުން، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގައުމުތަކަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ވަގުތުން ވަގުތަށް ވެދެވޭ އެހީތެރިކަމުގެ ތެރޭގައި، މާލީ އެހީތެރިކަމާއި، ސިޔާސަތުތައް ބައްޓަން ކުރުމުގައި ލަފަޔާއި އިރުޝާދާއި، އަދި ފަންނީ އެހީތެރިކަން ހިމެނެ އެވެ.

އިންޓަނޭޝަނަލް ފައިންނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވަނީ މި ބަލިމަޑުކަމުގެ އަސަރު ކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް އެހީތެރިވެދީ، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި އަށް ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ. އިންޓަނޭޝަނަލް ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އައިބީއާރްޑީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ވަނީ، ސިއްހީ ދާއިރާ އަށް އެހީތެރިވުމަށްޓަކައި ފުރަތަމަ ބުރުގައި ހަ ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ. ގައުމުތަކުން މިއަށް ވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ބޭނުންވާތީ، 15 މަސް ދުވަހަށް ބެހިގެންދާ ގޮތަށް ވޯލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމަ އަށް އެހީތެރި ވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަގީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިގްތިސޯދު ކޮޅަށް ޖެހުމެވެ.