ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ހަރަދު ކުޑަކުރޭ، ނޫނީ ހިތި ބޭސް ބޯން ތައްޔާރުވޭ!

އެތައް މިލިއަން ޑޮލަރުން ހެދި ރިސޯޓުތައް އެހުރީ ހުއްޓިފަ އެވެ. ހިނގަ ހިނގާ ހުރި އެތައް ވިޔަފާރިއެއް އެހުރީ ބަންދުވެފަ އެވެ. އެ ތަންތަނުގައި އުޅުނު އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. އެ މީހުން ތިބީ ތަދުމަޑުކަމެއްގައި ވާއެއް ނުވާއެއް، ދާންވީ ދިމާއެއްވެސް ނޭނގިފަ އެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދި އެތައް ބައެއްގެ ދިރިއުޅުން ގޮސް ހުއްޓިފައި ވަނީ ހަތަރުއަނގޮޅިއަކަށެވެ. މިއީ ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ވީހާ ގޮތްގޮތެވެ.

މިހާރު ހުރިހާ އެންމެން މިތިބީ އަމިއްލަ ޖާނާއި ފުރާނައިގެ ރައްކާތެރި ކަމަށް ގޭގައި ބަންދު ވެގެނެވެ. ހުރިހާ ކަމެއް ހުއްޓިފަ އެވެ. މިހުރިހާ ކަމެއް މިހެން ދިމާވި އިރުވެސް ޒަމާނުއްސުރެ ގެން އާދެވެފައިވާ "ފޮނި" ދިރިއުޅުމަށް އަދިވެސް ކުޑަ ވެސް ބަދަލެއް އައިހެނެއް ހީއެއް ނުވެ އެވެ. ގޭގައި ތިބެގެން މިހާރު ވެސް ކަނީ ޕިއްޒާ އެވެ. މިހާރު ވެސް ހަމަ ކާންވަނީ "މޮޅު ކުކުޅެ" އެވެ.

އެކަމަކު މި ނުރައްކާތެރި ހާލަތާއެކު ފަރުދާގެ ފުރަގަހުގައި ބޮޑެތި ގިނަ އެތައް ކަމެއް ހިނގައި އެތައް ބަދަލެއް އެބަ އާދެ އެވެ. ކުރިއަށް އޮތީ ކުރިން އުޅުނު ތިޔާގި ދިރިއުޅުން ނޫންކަމުގެ ނިޝާންތައް ދުނިޔެ ވަނީ ގަބޫލުކޮށްފަ އެވެ. އެހެންވެ މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ ހަރަދު ކުޑަކޮށްގެން އުޅެން ދަސް ކުރުމެވެ. ހަރަދު ކުޑަ ދިރިއުޅުމަކަށް ނުގޮސްފި ނަމަ، އޮތީ އިތުރު ދަތިކަމާއި ހިތްދަތި ކަމެވެ.

"ބޭނުންވާ އެއްޗަކަށް އޯޑަރު ދިނީމަ އަންނަނީ.. ގިނަ މީހުން ހިތަށް އަރަނީ މިއީ ހަމަ އާއްމު ހާލަތޭ. އެހެންވެ، އެބަގެނޭ ކޭހުން ބައެއް އެއްޗިހި ގަނެގެން. އެކަމަކު މިއީ އެ ހާލަތެއް ނޫން. މިއީ އަތުގައި ހުރި ފައިސާ ކޮޅު، ފޮރުވައިގެން އެންމެ މިނިމަމްކޮށް ފުއްދާލައިގެން އުޅެން ޖެހޭ ވަގުތު،" އިގްތިސޯދީ މާހިރަކު އޭނާގެ ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ.

ބޭނުންވާ ފުދޭތީ މިހާރު ވެސް ބައެއް މީހުންގެ ވިސްނުން ހުންނަނީ ހަމަ ވަރަށް އީޒީ ދިއުޅުމެއްގެ ގޮތުގަ އެވެ. މެދު ކެނޑުމެއް ނެތި، ބަރާބަރަށް ކަރަންޓު ލިބެ އެވެ. އެއާ ކޮންޑިޝަން އޮންވެ ފިނި ވެއެވެ. ސަޕްލައި ފެން ލިބެ އެވެ. ހަމަ ގޭހަށް ގުޅާލާއިރަށް ގޭސް ގެނެސް ދެއެވެ. ދެން ހާސް ވާންވީ ކޮން ކަމަކަށް ހެއްޔެވެ؟ ކުރިން ރޯދަ މަސް ކައިރިވާއިރު ހެދި މާހެފުންތައް މި އަހަރު ވެސް ހަދަންވީ ނޫން ހެއްޔެވެ؟ ގޭގައި ތިބެގެން ހަމަ ކާންވީ އެވެ.

އެންމެ އަވަހާ ހުސް ވާނީ ފައިސާ

ރާއްޖެ އަށް ބޭރު ފައިސާ ލިބުން މި ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ޓޫރިޒަމެއް ނެތެވެ. ބޭރު ފައިސާ ލިބުން ހުއްޓުމުގެ މާނައަކީ އޭގެ އަސަރު ސީދަލަށް ގޮސް އާއްމު ދިރިއުޅުމަށް ކުރުމެވެ. އެތަށް ހާސް ބައެއްގެ ވަޒީފާ މިވަނީ ގެއްލިފަ އެވެ. އެހެންވެ ކުރިން އެއް ކޮޓަރި ޝެއާ ކޮށްގެން އުޅުނު އެކުވެރިންނާއެކު ކޮޓަރިއަށް ސަބްމެރިން ގެނެސްގެން ކެއަސް މިހާރު މިއީ އެކަން ކުރަންވީ ވަގުތެއް ނޫނެވެ.

ކުރިން މީހަކަށް ސަބްމެރީނެއް ގެންނަމަ މިހާރު ޖެހިފައި މި ވަނީ އެއް ސަބްމެރިން ޝެއާ ކޮށްލައިގެން އެންމެން ކާށެވެ. ކުރިން ޖޫސް ފުޅިއަކުން 40 ތަށި ޖޫސް ގިރޭ ނަމަ މިހާރު އެ ފުޅިން 80 ތަށި ގިރަން ޖެހެ އެވެ. މިހާރު ހަރަދު ކުޑަ ކުރަން އިސްކުރު ފެން ވެސް ބޯން މި ވަނީ ޖެހިފަ އެވެ. އޯޑަރު ކޮށްލުމުން ފެން ގެނެސް ދިނެއް ކަމަކު އިސްކުރު ފެން ބޮއިގެން ވެސް ފެނުގެ ހަރަދު ކުޑަ ކުރެވި ދާނެ އެވެ.

ކުރިން އާއްމު ގޮތެއްގައި އަބަދު އެއާ ކޮންޑިޝަން ޖައްސައިގެން އުޅުނު ނަމަވެސް، މިހާރު އެ ބޭނުން ކުރާ މިންވަރު ވެސް މަދު ކުރެވި ދާނެ އެވެ. ގޭގައި ތިއްބަސް ކަރަންޓު ބޭނުން ކުރުން ވެސް މަދު ކުރެވި ދާނެ އެވެ. އެހެން ނޫންނަ އެންމެ އަވަހަށް ހުސް ވެގެން ދާނީ އަތުގައި ހުރި ފައިސާ ކޮޅެވެ. އެ ފައިސާ ހުސްވެ، ގޭގައި އިންނަން ޖެހޭ ވަގުތު އައުން މިއޮތީ ވަރަށް ކައިރީގަ އެވެ.

ހަރަދަށް ނުބެލުން، ސަރުކާރަށް އިތުރު ބުރައެއް

ކޮވިޑް ބަލާއާާފާތަކާއެކު ދިހިން ހާސް ވެފައިވާއިިރު ރާއްޖެ މިއޮތީ "އިގްތިސޯދީ ހަނގުރާމައެއް" ވަރު އަރަމުންދާ މައިދާނުގެ މެދުގަ އެވެ. ބަޑީގެ އުންޑަތައް ގޮވާ އަޑު ކަންތަފަށް ނީވުމެއް ކަމަކު މި ހަނގުރާމަ ދަނީ ހަރުވަމުން ހޫނު ވަމުން ކުރި އަށެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރަށް ކުރެވުނު މަސައްކަތެއް ވިއްޔާ އެބަކުރެ އެވެ. އެއީ ރުއިން ކަމަށް ވަންޏާ އެކަން ވެސް ކޮށްފި އެވެ. ސަރުކާރުގެ އެ މަސައްކަތުގެ ފްރޮންޓްލައިންގައި ތިބީ ސިއްހީ ދާއިރާގެ ހިތްވަރު ގަދަ ފަހުލަވާނުންނާއި އެހެނިން ދާއިރާތަކުގެ މީހުނެވެ.

މި ވަގުތު ވެސް ސަރުކާރުގެ މާލިއްޔަތުން އެ ދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ. ކޮންމެ ދުވަހަކު ރާއްޖޭގެ އެކި ހިސާބު ތަކުން ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ސާމްޕަލްތައް ގެންނަން ޖެހެ އެވެ. އެންމެ އަވަހަށް ކުރަން ޖެހެނީ ވެސް އެ ކަމެވެ. ރަށްރަށުން ސާމްޕަލްތައް އެއް ކުރުމާއެކު، އެންމެ ސާމްޕަލެއް ހިފައިގެން ވެސް ބޯޓު ފަހަރު އަންނަން ޖެހޭ ވަގުތު އާދެ އެވެ.

ދުނިޔޭގެ އެންމެން "ވެންޓިލޭޓަރު" ހޯދަން ދުވާއިރު، ރާއްޖެ އަށް ވެސް އެ ބޭނުންވެ އެވެ. ސިއްހީ މާހިރުންގެ ހަށި ރައްކަލަށް ބޭނުންކުރާ، ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) އަކީ ވެސް ކޮންމެހެން ހޯދަން ޖެހޭ ތަކެއްޗެކެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގުތައް ހުރި ގޮތަށް ބަލާއިރު މިއީ ހަމަ "މާވަހަރެ" ވެ. ކިތަންމެ އަގު ބޮޑަސް އެ ގެންނަން ޖެހެ އެވެ. މި ރާއްޖެ ގެނެސްގެން ނޫން ގޮތަކަށް މި "ހަނގުރާމައި" ން މިންޖެއް ނެތެވެ. -- ފިނޭންސް މިނިސްޓްރީން ދާދި ފަހުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް މިހާތަނަށް 230 މިލިއަނެއްހާ ރުފިޔާ ހަރަދު ވެފައިވެ އެވެ.

މި ކަން ކަމަށް ބޮޑު ހަރަދެއް ހިނގާއިރު، ސަރުކާރުން އިތުރު ކަންކަންމަށް ހަރަދު ކުރަން ޖެހިއްޖެނަމަ އެ ވާނީ ބޮޑު ބުރަ އަކަށެވެ. މިހާރު މުދާ އެތެރެ ކުރަން ގިނަ ޑޮލަރު ބޭނުން ވެއްޖެނަމަ ރާއްޖޭގެ ރިޒާވް ހަލުއި ކަމާއެކު ހުސް ވެގެން ދާނެ އެވެ. އެކަން ވާނީ ވަރަށް ބުރަ ކަމަކަށެވެ. އެހެންވެ، މިހާރުން މިހާރަށް ފަރުދީން ފެންވަރުގައި ގިނަ ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ. ތިމާގެ އަތުގައި ހުރި ފައިސާކޮޅު ހުސްވިޔަ ނުދީ ހިފައްޓަން ޖެހެ އެވެ. ހަރަދު ކުޑަ ކުރަން ޖެހެ އެވެ. ހަރަދު ކުޑަ ނުކޮށްފިނަމަ އިތުރު ދަތި ކަމެއް ކުރިމަތިވުމުގެ ދުވަސް އޮތީ މާ ދުރުގައެއް ނޫނެވެ.