އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތަކާއި އިންޓަރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޑީއެފްސީ އިން ބުނީ މިގޮތަށް އެކުންފުނިން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކަމަށެވެ. އަދި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށް، އެ ހަ މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީ އިން 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި މިއަހަރު އެސްޑީއެފްސީ މެދުވެރިކޮށް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވެސް ވަނީ ނިންމާފަ އެވެ.
މިދިޔަ އަހަރި މާޗް މަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފަރިތަކަށް މާލީ އެހީތެރިކަން ފޯރުކޯށްދިނުމުގެ ހިދުމަތް ދެމުން އަންނަ އެސްޑީއެފްސީ އިން ގެސްޓްހައުސް އެޅުމަށާއި ދަނޑުވެރިކަމަށާއި ވިޔަފާރި ފެށުމަށާއި ވިޔަފާރި ފުޅާކުރުމަށް ލޯނު ދޫކުރެ އެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަވުމުގެ އިތުރުން، އިކުއިޓީ އަށް އަތުން ދޭން ޖެހޭ ވަރު ވެސް ކުޑަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
އަދި އިގުތިސޯދަށް އަންނަ ހީނަރުކަމެއްގެ ތެރެއިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އިގުތިސޯދީ ވެއްޓުމުން އަރައިގަތުމަށް މާލީ ޕެކެޖެއް އެކުލަވާލަމުންދާކަމަށްވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.