ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވޯލްޑް ބޭންކުން ދިވެހި މަސައްކަތްތެރިންނަށް 12.8 މިލިއަން ޑޮލަރު

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރު ކުރި މީހުންނާއި މަސައްކަތްތެރިނަށް އެހީވާން ސަރުކާރުން ހިންގާ "އިންކަމް ސަޕޯޓް" މަޝްރޫ އަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 198,4 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށާ، މި މަޝްރޫއުގެ ދަށުން، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަކުރެވިގެންދާނެ އެވެ.

މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި އެކުލިވިގެންވަނީ، ސަރުކާރުން ތައާރަފުކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ. އެގޮތުން، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހަރަދުތައް ފޫބެއްދުމަށް އެހީތެރިކަމެއް ލިބިގެން ދާނެ އެވެ. އަދި ރާއްޖޭގައި، ވަކިން ހާއްސަކޮށް ތޮއް ޖެހިފައިވާ މާލެ ސިޓީގައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި ތިބުމަށް އެހީއަކަށް ވެގެން ދާނެ އެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިސާ އަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

"'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 12.8 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.

ވޯލްޑް ބޭންކުން އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވަނީ ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ، އަމިއްލަ މަސައްކަތްތެރިންނަށް މިހާތަނަށް 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.