ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސޯދީ ދާއިރާއަށް ކުރަމުންދާ ހޭދަ 2.7 ބިލިއަން ރުފިޔާ ފަހަނަ އަަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 19 ގެ ނިޔަލަށް ކޮވިޑް-19 ގެ ސިއްހީ ކަންކަމުގެ ހޭދަ 1.3 ބިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ. ސިއްހީ ދާއިރާއަށް ކުރަމުންދާ ހޭދަ މިދިޔަ ހަފުތާއާ އަޅާ ބަލާއިރު ވަނީ 0.03 ޕަސެންޓް އިތުރުވެފަ އެވެ.
ނިމިދިޔަ ހަފުތާގައި ސިއްހީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ހެލްތުންނެވެ. އެ މިނިސްޓްރީން ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކޮވިޑް-19 ގެ ބަލި ފެތުރެން ފެށިފަހުން، މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެ އޮތޯރިޓީއަށް 871.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ސިއްހީ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރި އެއް ދާއިރާއަކީ ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނު ރާއްޖެ ގެނައުމަށެވެ. މި ބަޔަކަށް 527.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އިގްތިސޯދު ހިންގުމަށްޓަކައި ސަރުކާރުން ތައާރަފު ކޮށްފައިވާ "އިގްތިސޯދީ ރިލީފް" ޕެކޭޖުގެ ތެރެއިން މިހާތަނަށް 1.3 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވެ އެވެ. ނިމިދިޔަ ހަފުތާގައި މި ބަޔަކަށް ކުރި ހޭދަ ވަނީ 1.3 ޕަސެންޓު އިތުރުވެފަ އެވެ. އަދި ނިމިދިޔަ ހަފުތާގައި އިގްތިސޯދީ ރިލީފުގެ ތެރެއިން އިންކަމް ސްޕޯޓުގެ ގޮތުގައި 18 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރެން ފެށުވިފަހުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭން 52 މީހަކު ޕޮޒިޓްވެފައިވެ އެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 12,810 އަށް އަރާފަ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1097 މީހުންނެވެ. މިހާތަނަށް 11،660 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 46 މީހަކު ވަނީ މަރުވެފަ އެވެ. މި ވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 95 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.