އުފަން ރަށް ބ. ތުޅާދޫގައި މަތީ ގްރޭޑްތައް އޭރު، ނެތުމުން އައިޝަތު ޝަޒިއްޔާއަށް ޖެހުނީ ގްރޭޑް ހަތަކާ ހަމައިން ކިޔެވުން ނިންމާލާށެވެ؛ އޭގެ ފަހަށް އައި ދެތިން އަހަރު ރަށުގައި ހުރެފައި އެހެން މީހުން ވެސް ފަށާ ދަތުރުގައި އޭނާ ވެސް މާލެއަށް ބަދަލުވީ އެވެ. މިހާރު އުމުރުން 41 އަހަރު ވެފައިވާ ޝަޒިއްޔާގެ އޭރުގެ އުމުރަކީ 18 އަހަރެވެ. އޭރަކު ގިނަ ކޮލެޖްުތަކެއް ނެތެވެ. ކިޔަވާން ދާން ޖެހުނީ ނުރަސްމީ ތައުލީމު ދޭ މަރުކަޒަށެވެ.
އެތަނުން ހިންގާ އިނގިރޭސި ކޯހުގެ ލެވެލް އެކަކުން ހަތަރަކާ ހަމައަށް ފުރިހަމަ ކުރުމުން އޭރު އޯލެވެލް އާ އެއްވަރުގެ ސެޓްފިކެޓެއް ލިބެ އެވެ. އެކަމަކު ލެވެލް އެކަކުން ތިނަކާ ހަމައަށް ފުރިހަމަކޮށް ހަތަރެއްގެ ކިޔެވުން ފެށެން ވެފައި ވަނިކޮށް ކިޔެވުން މެދުކަނޑާލަން ޖެހުނީ މާލޭގައި އޮތް އާއިލާއަށް ވަގުތު ދޭން ޖެހިގެނެވެ. އެ ދުވަސްތަކުގައި ދިމާވި އެތައް ކަމެއްގެ ސަބަބުން އިތުރަށް ކިޔެވުން ކުރިއަށް ގެންދަން ބޭނުމެެއް ވެސް ނުވި އެވެ.
ފޮތާއި ކޮލެޖުން ނުކިޔެވުނު ނަމަވެސް ދިރިއުޅެން ކޮންމެވެސް މަސައްކަތެއް ދަސް ކުރަން އޭރުވެސް ވަރުގަދަ އަޒުމެއް އޮތެވެ. އާއިލާގެ މެންބަރުންގެ ތެރޭގައި ފެހުމުގެ މަސައްކަތް ކުރާތީ އެކަމަށް ޝައުގުވެރިވެ އެވެ.
"އެފަދަ ފުރުސަތަކަށް ބަލަން ހުއްޓާ ޔޫތު މިނިސްޓްރީ އިން ފަހާ ކޯސް ތަކަކަށް އިއުލާނު ކުރީ. އެ ކޯހުގައި ބައިވެރިވެ ބޭސިކް އަދި އެޑްވާންސް ލެވެލް ފުރިހަމަ ކުރީ އެހާ ހިސާބުން ދެން ލިބުނީ އެހާ ބޮޑަށް އުންމީދު ކޮށްގެން ހުރި ފުރުސަތެއް ނޫން. މިނިސްޓްރީން ހިންގާ އެފަދަ ކޯސްތަކަށް އިންސްޓްރަކްޓަރުން ތަމްރީނު ކުރަން ފަހާ ކޯހުގެ އެޑްވާންސް ލެވެލް އާ ހަމައަށް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހޮވައިލި ދަރިވަރުންގެ ތެރޭގައި ހިމެނުނީ" ޝަޒިއްޔާ ބުންޏެވެ. "އެ ފުރުސަތުގެ ތެރެއިން އަނެއްކާ ފަހާ ފޮށިން މާޖަހަން ދަސް ކޮށް ދޭ ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ފަހިވެގެން ދިޔަ،"
ޝަޒިއްޔާ ބުނި ގޮތުގައި އެ ފަހާ ކޯހުގެ ރައްޓެހިންގެ ތެރޭގައި ކޭކު އަޅަން ދަސްކުރުމުގެ ވާހަކަ ދެކެވުނެވެ. އެކަމަކު އެއީ ޝަޒިއްޔާ އެހާ ގަޔާވާ ކަމަކަށް އޭރަކު ނުވެއެވެ. ނަމަވެސް ރައްޓެހިންގެ އެދުމުގެ މަތީން އެމީހުނާއެކު އެއް ހަފުތާގެ ކޯހެއްގައި ބައިވެރި ވެލި އެވެ.
"އެއްވެސް ވަރަކަށް ޝައުގު ހުރި ކަމެއްނޫން އެއީ އޭރު، ރައްޓެހިންގެ އެދުމަށް އެމީހުންނާއެކު ބައިވެރިވެލީ. ކޮންމެ ރެއަކު ކްލާސް ނިންމާފަ ގެއަށް ދާއިރު މުޅި ގައިގަ ވެސް ހުންނާނީ ބަޓާ ކްރީމްތައް، އެކަމާ ހެދި ވެސް މާ ބޮޑަކަށް އެކަމާ ގަޔާވާ ގޮތެއް ނުވި". ކޭކު އެޅުމުގެ މަސައްކަތުގެ ތެރެއަށް ވަދެވޭން ދިޔަ ގޮތް އޭނާ ކިޔައި ދިނެވެ.
އޭނާ ބުނި ގޮތުގައި ކޯހުގެ ފައިނަލް ކޭކު ކްލާހަށް ގެންދަން ޖެހުނީ ގޭގައި އަޅައިގެނެވެ. އެހެންވެ ހީވެސް ނުކުރާހާ ގިނަ ވަގުތު އެކަމަށް ހޭދަވި އެވެ. މަސައްކަތް ހެނދުނު ފަށައިގެން މުޅިން ނިންމާލެވުނު އިރު ހަވީރު ފަހެއް ޖަހައިފި އެވެ. އެ ކޭކަކީ ގްރެޖުއޭޓް ވެފައިވާ ކުއްޖެއްގެ ސިފައަށް އޭނާ ތައްޔާރު ކުރި ކޭކެކެވެ.
މާ ބޮޑު ޝައުގުވެރި ކަމެއް ނެތި އަދި ވަރަށް ބުރަ މަސައްކަތުން ނިންމި ފުރަތަމަ ކޭކަށް މީހުން ތައުރީފުކުރި އެވެ. އެހާ ހިސާބުން ސިކުނޑީގައި ދެވަނަ ވިސްނުމެއް އެނބުރެން ފެށިއެވެ. ކޭކު އެޅުމުގެ މަސައްކަތް ދަސްކުރަން ބޭނުންވި އެވެ. ދެން ފެށުނީ ކުރިޔަށް ދާނެ މަގެއް ހޯދާށެވެ. އެ ގޮތުން އެފްއެކްސް ކޭކްގެ އެޑްވާންސް އަދި އިންޓަމީޑިއަޓް ލެވެލް ފުރިހަމަ ކުރި އެވެ. އެހާ ހިސާބުން މަގު ފެނި ހިތްވަރު ވެސް ލިބިއްޖެ އެވެ.
"ކޯސް ފުރިހަމަކޮށް ސެޓްފިކެޓު ލިބުމުން ވަރަށް ހިތްހަމަޖެހުނު، އޭރަށް ބަލާފައި ސެޓްފިކެޓެއް ލިބުމަކީ ދެން ކާމިޔާބީއެއް ކަމަށް ވިސްނުނީ".
ޝަޒިއްޔާއަށް ދެން އެހީވެ ދިނީ ރަހުމަތްތެރިއެކެވެ. އެއީ ވަޒީފާއަށް ދަމުން ދެ ކުދިންގެ ކަންކަން ބަލަހައްޓައި ކޭކު އެޅުމުގެ މަސައްކަތް އެކަނި ކުރަން އުނދަގޫވެފައި ހުރި ރަހުމަތްތެރިއެކެވެ. އޭނާގެ އެދުމަށް އެ މަސައްކަތުގައި އޭނާއާ ބައިވެރި ވީއެވެ.
"އޭނަ ބުނެފި ހިނގާށޭ ދެމީހުން ވެގެން މިކަން ކޮށްލެވޭތޯ ބަލަމާ، ކުރެވޭ ވަރަކުންނޭ އޯޑަރު ނަގާނީ، ކޮންމެވެސް ވަރެއްގެ އެއްޗެއްވެސް ލިބޭނެނޫންހޭ". ޝަޒިއްޔާ ބުންޏެވެ.
ޝަޒިއްޔާމެން އޯޑަރު ނެގީ ހަމައެކަނި ހަފުތާ ބަންދަށެވެ. ދެ މީހުން ވެގެން ކޭކު އަޅައި ޑެލިވަރީ ވެސް ކޮށްދެ އެވެ. ނަމަވެސް ސަބަބުތަކެެއް ދިމާވެ އެކަން މާ ދިގުލާ ގޮތް ނުވެ ނިމުނީ އެވެ. ދެން ގޭގައި ހުރެގެން މަސައްކަތް ފެށީ އެވެ. ފުރަތަމަ އާއިލާގެ ބައެއް މީހުންނާއި ރަހުމަތްތެރީންނަށް ކޭކު އަޅައި ދިނެވެ.
އަނެއްކާވެސް ޝަޒިއްޔާއަށް ދޮރެއް ހުޅުވުނެވެ. އެއީ ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ކޮމްޕެޓިޝަނުގައި ބައިވެރިވުމުގެ ފުރުސަތެކެވެ. އެފަދަ ބޮޑު މުބާރާތަކާ ކުރިމަތިލާނެ ތަމްރީން ލިބިފައި ނެތުމާއެކު އެކަން ގަބޫލު ކުރަން ވިސްނާލަން ޖެހުނެވެ. ނަމަވެސް އާއިލާއިން ދިން ސަޕޯޓާއެކު މުބާރާތަށް ތައްޔާރުވާން ފެށީ އެވެ.
"ފުރުސަތު ހޯދައިދިން އެކުވެރިޔާ ބުނެފި ދާށޭ ޖަނަވަރީމާގެއަށް، ގޮސް އެގޭން ޝެފް އަބްދުﷲ ރަޝީދު އާ ޝެފް ޖިސްތީ އާ ބައްދަލު ކުރާށޭ، އެހާ ހިސާބުން އެމީހުން ކިޔައި ދޭނޭ ދެން ކުރިއަށް ދާންވީ ގޮތް". ޝަޒިއްޔާ ބުންޏެވެ. "އަޅުގަނޑުގެ މަސައްކަތް އެ ބޭފުޅުންނަށް އެކުވެރިޔާ ކިޔައިދީފައި އޮތީމަ ވަރަށް ޕޮޒިޓިވްކޮށް ވާހަކަތައް އައީ"
އެ ގޭގައި އެއް މަސް ދުވަހުގެ ތަމްރީނަށް ފަހު މުބާރާތާ ކުރިމަތިލި އެވެ. މުބާރާތް ކުރިއަށްދާ މަރުކަޒަށް ދާން ޖެހުނީ ކޭކު ފިހެ ކޭކު ރީތި ކުރަން ބޭނުންވާ އައިސިން އާއި ފޮންޑަންޓް ތައްޔާރު ކޮށްގެންނެވެ. މުބާރާތުގައި ކުރަންޖެހޭ ކަމަކަށް ވެފައި އޮތީ އެންމެންގެ ކުރިމަތީގައި ކޭކު ރީތި ކުރުމެވެ.
"ދިޔަ އިރުވެސް ވަރަށް ހިތް އަވަސް ވެފައިހުރީ. އޯޑިއަންސްގައި ތިބި މީހުންގެ ގިނަ ކަމުންނާއި ޖަޖުންގެ ގޮތުގައި ތިބި ބޭފުޅުން ފެނިފައި އަތްފައި ތުރުތުރު އަޅަން ފެށީ. ހިތަށްއެރި މިކަން ކުރެވޭނެބާއޭ. އެކަމަކު އެވަގުތު ހިތްހަމަޖައްސައި ލެވޭތޯ ބެލީ،".
ޝަޒިއްޔާ ބުނި ގޮތުގައި އެ ދުވަހު ކޭކުގެ މަސައްކަތް ފުރިހަމަ ކުރަން އޮތީ ދެގަޑި އިރެވެ. އެހީތެރިޔަކު ކައިރީގައި ބެހެއްޓެ އެވެ. އޭނާ އެހީތެރިއެއްގެ ގޮތުގައި ގެންދިޔައީ އާއިލީ މެންބަރެކެވެ. މަސައްކަތުގައި އަވަސް ވެފައިހުރި ވަރުން އޯޑިއަންސާ ދިމާއަށް ބަލާއި ވެސް ނުލެވުނެވެ.
އެ މުބާރާތުގެ ނަތީޖާ އިއުލާނު ކުރި އިރު ކޭކުތަކުގެ ބަޔާ ހަމައިން ބައިވެރިވި ކަމުގެ ސެޓްފިކެޓް ދިން ބައިން ވެސް ޝަޒިއްޔާގެ ނަމެއް އިއުލާނެއް ނުކުރި އެވެ.
"ބައިވެރިންނަށް ބައިވެރިވި ކަމުގެ ސެޓްފިކެޓު ދިނުމަށް ނަންތައް އިޢުލާން ކުރިއިރު ވެސް އަޅުގަނޑުގެ ނަމެއް އިއުލާނެއް ނުކުރި. ވަރަށް ދެރަވި އެވަގުތު... އެފަދަ މުބާރާތަކުން ވަނައެއް ލިބޭނެ ކަމުގެ އުއްމީދެއްގައެއް ނޫން ހުރީކީ. އެކަމަކު ކުޑަމިނުން މުބާރާތުގައި ބައިވެރިވި ކަމުގެ ލިޔުމެއް ލިބޭނެ ކަމަށް އުންމީދު ކުރިން" އޭނާ ބުންޏެވެ.
ވަނަތައް އިއުލާނުކޮށް ޝަޒިއްޔާ ބައިވެރިވި ކެޓަގަރީއާ ހަމައަށް ގޮސް އެ ކެޓަގަރީ އިން "ތިން ވަނަ އަށް ދިޔަ ފަރާތަކީ އާއިޝަތު ޝާޒިޔާ" އޭ އިއުލާން ވި އެވެ. އެކަމަކު އޭގެ ފަހަތަށް ޝަޒިއްޔާ ބައިވެރިވި ތަނުގެ ނަމާއެކު ގޮވާލުމުން އެތަނުން އޭނާ ނޫން އެހެން މީހަކު ބައިވެރި ނުވާކަން އެނގުނެވެ. އޭރު އިނީ ވެސް ޝެފް އަބްދުއްރަޝީދާ ދާދި ގާތުގަ އެވެ.
"ޝައްކެއްގެ މަތީ ގޮނޑިން ތެދުވާން ވެސް ނޭގިފައި އިންދާ ޝެފް ރަޝީދު ގޮވާލާފައި ބުނެފި ޝަޒިއްޔާގެ ނަމޭ އެ ގޮވަނީ... އަވަހަށް ދާށޭ! އެހާހިސާބުން ދެން ގޮނޑިން ތެދުވެލާން ވެސް ހިތަށް އެރީ"
ބައިވެރިވި ކެޓަގަރީން ތިން ވަނަ އަދި ގޯލްޑް މެޑަލް ޝަޒިއްޔާ އަށް ލިބުނެވެ. "ވަރަށް އުފާވި އަސްލު ދެން އެފަދަ ކާމިޔާބީއެއް ލިބުނީމަ. މާލޭގައި ކޭކު އެޅުމުގެ މަސައްކަތުގައި އޭރު ވެސް ނަން ހިނގާ އެކި މީހުން މުބާރާތުގައި ބައިވެރިވި. އެމީހުންނާ ވާދަކޮށް މިފަދަ ކާމިޔާބީއެއް ލިބުނީމަ އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ގަބޫލު ކުރެވުނީ. އިތުރަށް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް އެ ކާމިޔާބީ ވެގެން ދިޔަ،"
އެ މުބާރާތުގެ ކާމިޔާބީއަށްފަހު އޭނާ ބްރޭކެއް ނެގި އެވެ. އެ ބްރޭކްގައި ހުއްޓާ ނޫހަކުން ފެނުނު އިއުލާނެއްގައި ފުށުން ހަދާ އެކިއެކި ބާވަތްތައް ދަސް ކޮށްދޭން ފަށާ ކަމަށް އޮއްވާ ފެނުނެވެ. އެއީ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ކޮށްފައިވާ އިއުލާނެކެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ކޯހުގައި ބައިވެރިވި އެވެ.
"ދިމާވި އެންމެ ބޮޑު ޗެލެންޖަކަށްވީ ތިއަރީ ކްލާސްތައް. ފޮތުން ކިޔެވުމަކީ މާބޮޑަށް ޝައުގުހުރި ކަމަކަށް ވެސް ވެފައި ނުވުމާއެކު އެ ކްލާސްތައް ވީ ފޫހި ކްލާސްތަކަށް، ކިޔަވައިދޭ އެއްޗެއް ފަހުމުވާ ގޮތެއް ނުވޭ. ކިތަންމެ ދުވަހަކު އިންނަން ހަމަ ތާއްޔާ ޖެހިޖެހި ވެސް، އެކަމަކު އެއާ ހިލާފަށް ޕްރެކްޓިކަލް ކްލާސްތަކަށް އެޓެންޑުވީ ވަރަށް ކުރާހިތުން" ޝަޒިއްޔާ ބުންޏެވެ.
ކޯސް ފުރިހަމަ ކުރުމަށް ހަދަންޖެހޭ އިންޓާންޝިޕް ހަދަން ނިންމާފައި އޮތީ ދަރިވަރުން ހުޅުލޭގެ ފްލައިޓް ކޭޓަރިންގަ އެވެ. ހުރިހާ ދަރިވަރުންނަށް ޕްރޮގްރާމް ކުރިއަށް ގެންދެވޭ ވަރަށް ޖާގަ ނެތުމުން އެތަނުގައި މަސައްކަތް ކުރަން ލިބުނީ ނަތީޖާ އެންމެ ރަނގަޅު ކުދިންނަށެވެ.
"އަޅުގަނޑު އެއްވެސް ތިއަރީ ކްލާހަކުން ފާހެއް ނުވި، އެކަމަކު ޕްރެކްޓިކަލް ބައިތަކުން ހަމަ ވަރަށް ރަނގަޅު ނަތީޖާ ލިބިފައި ހުރީ... އަޅުގަނޑާއެކު އަދި ތިބި އިތުރު ދެތިން ކުދިން، އެ ކުދިންނަށް އެހެންތަނަކުން އިންޓާންޝިޕް ފުރިހަމަ ކުރެވޭނެ އެހެން އިންތިޒާމެއް ހަމަޖެހޭތޯ އޭރުވެސް ފެކަލްޓީ އިން ދިޔައީ މަސައްކަތް ކުރަމުން."
އިންޓާންޝިޕް ކުރިއަށް ގެންދިއުމަށް ދިމާވި ގޮންޖެހުންތައް ހިއްސާ ކުރަމުން ޝަޒިއްޔާ ބުނި ގޮތުގައި ތިއަރީން ފާސްވެފައި ނެތުމުން ސެޓްފިކެޓެއް ނުލިބުނެވެ. އެހެން ނަމަވެސް އިންޓާންޝިޕް ފުރިހަމަ ކުރުމުން ކޯހުގައި ބައިވެރިވި ކަމުގެ ލިޔުމެއް ދެ އެވެ. އެ އިންޓާންޝިޕާ މެދު ގޮތެއް ނުނިމި އުޅެނިކޮށް ފެކަލްޓީން އެހެން ފުރުސަތެއް ފަހިކޮށްދީ ބަނޑޮސް ރިސޯޓުގައި އިންޓާންޝިޕް ފުރިހަމަ ކުރެވޭ ގޮތް ވިއެވެ.
"އެކަމަކު އަޅުގަނޑަކީ ހިސާބަކަށް ބަލި މީހަކަށް ވެފައި އެކަނި އެހެން އުޅެވިފައެއް ނޫން ހުރީ. ރިސޯޓެއްގައި ހާއްސަކޮށް އަންހެން ކުއްޖަކު މަސައްކަތް ކުރަން ދިއުމަކީ އޭރަށް ބަލާފަ މީހުން އެހާ ޕޮޒިޓިވްކޮށް ދެކޭ ކަމެއްވެސް ނޫން. މި ސަބަބުތަކާ ހެދި ވަރަށް އުނދަގޫވެފައި ހުރީ ގޮތެއް ނިންމަން. އެކަމަކު އެކަން ފުރިހަމަ ކުރަން ވެސް ވަރަށް ބޭނުންވޭ އެހެންވެ އާއިލާއާ ވާހަކަ ދައްކާފަ ބަނޑޮހުގައި އިންޓާންޝިޕް ފުރިހަމަ ކުރަން ނިންމީ،"
ރިސޯޓުގެ ބަދިގޭން ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ މުބާރާތުގައި ބަނޑޮހުގެ ފަރާތުން ބައިވެރިވި މީހަކާ ދިމާވި އެވެ. އޭނާއަކީ ސްރީލަންކާގެ މީހެކެވެ، އޭނާ ޝަޒިއްޔާ ދެނެގަނެ ވާހަކަ ދައްކަން ފެށީ އެވެ.
"އޭނަ ބުނެފި ދަންނަ މޫނަކާ ވައްތަރުހެން ހީވެޔޭ، މިވެނި މުބާރާތެއްގައި ބައިވެރިވެ މިވެނި ކާމިޔާބީއެއް ލިބުނުދޯ އޭ، އެހާ ހިސާބުން އަޅުގަނޑު ވެސް ވިސްނާލީމާ ހަނދާނަށް އައީ. ދެން އެތަނުގައި ތިބި އެހެންމީހުނަން އަޅުގަނޑުގެ ކާމިޔާބީ އޭނަ ކިޔައި ވެސް ދީފި،" ޝަޒިއްޔާ ބުންޏެވެ.
ދެން މަސައްކަތް ފެށުނީ ބަނޑޮހުގެ ޕޭސްޓްރީގަ އެވެ. މަސައްކަތް އޮންނަ ގޮތުން ކޮންމެ ދުވަހަކު މެންދުރު ބްރޭކެއް ލިބެ އެވެ. ގިނަ ދުވަސްދުވަހު އެ ބްރޭކް ވެސް ނުނަގާ ޝަޒިއްޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
އިންޓާންޝިޕްގެ 240 ގަޑިއިރުގައި ކޮންމެ ދުވަހަކީ ހެނދުނު 7:00 ޖަހާއިރުގެ ފެރީން ރިސޯޓަށް ގޮސް ރޭގަނޑު 8:00 ގެ ފެރީއިން މާލެ އައިސް ހޭދަކުރި ދުވަސް ތަކެކެވެ.
"ރޭގަނޑު މާލެ އަންނައިރު ބައެއް ފަހަރު އަންނަން ގޭގަ މަސައްކަތް ކޮށްލެވޭ ގޮތަށް އެއްޗެހި ހިފައިގެން ވެސް. ޝުގާ ފްލާވާ އެއްޗެހި ހެދުމަށް ބޭނުންވާ ސާމާނު ހިފައިގެން ގެއަށް އައިސް ރޭގަނޑު އެ މަސައްކަތްކޮށް އަނެއް ދުވަހު ރިސޯޓަށް ދާއިރު ދަނީ އެ ސާމާނުތައް ހިފައިގެން"
ޝަޒިއްޔާ ބުނި ގޮތުގައި އެހާ ހިސާބަށް ދިޔައިރު މަސައްކަތް ކުރަމުން ދިޔައީ ވަރަށް ޝައުގުވެރި ކަމާއެކު އެވެ. އެކަން ރިސޯޓުގެ މެނޭޖްމަންޓަށް ފާހަގަވެ އިންޓާންޝިޕް ފުރިހަމަވާން ކައިރިވެފައި ވަނިކޮށް އަހަރުގެ ޕީކް ދުވަސްކޮޅު ނިމެންދެން ރިސޯޓުގައި މަސައްކަތް ކުރަން ރިސޯޓުން އެދުނެވެ. އެ ފުރުސަތު އޭނާ ގަބޫލު ކުރީ ލިބޭނެ ތަޖުރިބާއެއް ކަމަށް ބަލައިގެނެވެ. އަދި އެ ހިސާބުން ޝަޒިއްޔާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިދާނެ ކަމުގެ ފެހި ސިގްނަލް ވެސް ލިބުނެވެ.
"ރިސޯޓުގެ އެގްޒެކެޓިވް ޝެފެއްގެ ގޮތުގައި އޭރު ހުންނެވި ޝެފް އިޝްހާޤު އެއްދުވަހަކު އަޅުގަނޑާ ބައްދަލުކޮށްފައި އެދުނީ އެ ރިސޯޓުގައި ދާއިމީކޮށް މަސައްކަތް ކުރަން ފުރުސަތު ދީފިއްޔާ ގަބޫލު ކުރާނަން ހެއްޔޭ، މެނޭޖްމަންޓުގެ އެހެން ބޭފުޅުންގެ ވެސް މަޝްވަރާގެ މަތިންނޭ މި ހުށަހަޅަނީ... އަޅުގަނޑު ބުނިން ވަގުތުކޮޅެއް ދޭށޭ ވިސްނާލަން، އެއީ އަޅުގަނޑަކީ ތަޢުލީމީ ގޮތުން އެހާ ރަނގަޅު ނަތީޖާތަކެއް ލިބިފައިހުރި މީހަކަށް ނުވެފައި އަދި އެފަދަ ކަމަކަށް ކުރިމަތިލާއިރު އިތުރު ބަހެއް ހޯދަންޖެހޭނެ މީހުން ތިބީމައާ ވެސް އެކީގައި އެމީހުންނާ މަޝްވަރާ ކުރުމަށް ވަގުތުކޮޅެއް ވެސް ބޭނުން ވާނެތީ. އަތުގައި ސެޓްފިކެޓް ތަކެއް ނެތްކަމުގައި ވިޔަސް އެފަދަ ފުރުސަތެއް ލިބުނީމަ ހިތައްއެރި އަޅުގަނޑުގެ ގާބިލުކަށް ހުރިކަމަށް އެފަރާތްތަކުން ވެސް ގަބޫލުކުރީމައޭ އެފަދަ ފުރުސަތެއް ފަހި ކޮށް ދޭނީ ވެސް. އެހެންވެ ހިތްހަމަޖެހުމެއް ވެސް ލިބުނު" އޭނާ ބުންޏެވެ.
ޝަޒިއްޔާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަން އަބަދު ވެސް ގާތުން ހިތްވަރުދެމުން އައީ އާއިލާ އެވެ. ބަނޑޮސް ރިސޯޓުން ފަހި ކޮށްދިން ފުރުސަތުގެ ބޭނުން ހިފައި ޕޭސްޓްރީ ކޮމިސް 3 ގެ މަގާމުގައި މަސައްކަތް ފެށި ޝަޒިއްޔާގެ މަގާމަކީ މިއަދު ޕޭސްޓްރީ ކޮމިސް އެކެކެވެ. މަސައްކަތުގެ މާހައުލުގައި ހޭދަ ކުރި އަށް އަހަރުގެ ތެރޭގައި ޝަޒިއްޔާ ވަނީ އެސޯސިއޭޓް އޮފް ދަ މަންތު ތިން ފަހަރު އަދި ބެސްޓު އެސޯސިއޭޓް އޮފް ދަ މަންތު ދެ ފަހަރު ހޯދާފައެވެ. ޝަޒިއްޔާގެ މި ކާމިޔާބީން އަންގައިދެނީ ކަމަށް ކަމޭހިތައި ކުރަންކެރިއްޖެނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބީއަށް ވާސިލުވެވޭ ކަމެވެ. ސެޓްފިކެޓެއް ނެތުމަކީ ކުރިޔަށް ނުދެވޭނެ ސަބަބެއް ނޫން ކަމެވެ.
ޝަޒިއްޔާއަށް ލިބިފައިވާ އިތުރު ކާމިޔާބީތައް
- ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ކޮމްޕެޓިޝަން 2009 ޑްރެސް ދަ ކޭކް ކެޓަރީން ތިންވަނަ އަދި ގޯލްޑް މެޑަލް
- ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ކޮމްޕެޓިޝަން 2013 ނޮވެލްޓީ ކޭކް ކެޓަގަރީން ބްރޯންޒް މެޑަލް
- ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ކޮމްޕެޓިޝަން 2019 ވެޑިންގ ކޭކް ކެޓަގަރީން ދެވަނަ އަދި ސިލްވާ މެޑަލް
- ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ކޮމްޕެޓިޝަން 2019 ޑްރެސް ދަ ކޭކް ކެޓަގަރީން ބްރޯންޒް މެޑަލް
- ފްއެޗްއޭއެމް 2014 ޑްރެސް ދަ ކޭކް ކެޓަގަރީން) 1 ވަނަ އަދި ސިލްވާ މެޑަލް
- އެފްއެޗްއޭއެމް) 2015 ޑްރެސް ދަ ކޭކް ކެޓަގަރީން 2 ވަނަ އަދި ސިލްވާ މެޑަލް
- އެފްއެޗްއޭއެމް 2016 ޑްރެސް ދަ ކޭކް ކެޓަގަރީން ބ3 ވަނަ އަދި ސިލްވާ މެޑަލް
ކަލިނަރީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ބޭރުގެ ގައުމުތަކުން ހާސިލްކޮށް ކަލިނަރީ ލެކްޗަރާ އެއްގެ ގޮތުގައި މަސައްކަތް ކޮށް އަދި އެ ދާއިރާއިން ގިނަ ބަޔަކު ތަމްރީނު ކުރުމުގައި މަސައްކަތް ކޮށް ގިނަ ކުކަރީ ޓީވީ ޝޯތަކެއް ވެސް އާންމުންނަށް ގެނެސްދީ އާންމުންގެ މަގުބޫލުކަށް ހޯއްދަވާފައިވާ ފާތުމަތު އުމަރު ވިދާޅުވި ގޮތުގައި ޝަޒިއްޔާ އަކީ ވަރަށް ހިތްވަރުގަދަ އަންހެނެކެވެ.
"ޝަޒިއްޔާ އަކީ ވަރަށް ހިތްވަރުގަދަ އަންހެނެއްގެ ގޮތުގައި ފާހަގަވި ކޯހުގައި އުޅުނު ދުވަސްވަރު ވެސް. ޕޭސްޓްރީ ކޯހަކީ ގިނަ ވަގުތު ތަކެއް ބަދިގޭގައި އުޅެންޖެހޭ ކޯހެއް ނަމަވެސް އެ ކޯހުގައި އުޅުނު އެހެން ކުދިންނެކޭ އެއްގޮތަށް އަމަލީ ގޮތުން މަސައްކަތް ކުރަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.