ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފޮޓޯގައި ފެންނަނީ ބަންގްލަދޭޝް ޑޮކްޓަރުން

އިންޑިއާ ސިފައިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އިން ފެންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ޑޮކްޓަރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަސްކަރީ ޔުނީފޯމުގައި ދަބަސްތަކެއް ހިފައިގެން ތިބި ބަޔަކު ހުޅުމާލޭގެ މަގުމަތިން ހިނގާފައިދާ މަންޒަރު ފެނެ އެވެ. މި ފޮޓޯތަކާއި ގުޅިގެން އެތަށް ބަޔަކު ދަނީ މިއީ އިންޑިއާ ސިފައިން ކަމަށްބުނެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެމްއެންޑީއެފް ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝް ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ޑޮކްޓަރުން ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ހުޅުމާލޭގައި އެބޭފުޅުންނަށް ހަމަޖައްސާފައިވާ ގެސްޓުހައުސްތަކަށް ދިޔަ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

އިންޑިއާ ސިފައިން ކަމަށްބުނެ މުޅި ސޯޝަލް މިޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުންދިޔައިރު މިއަދު ވަނީ އިންޑިއާގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރު ކޮށްފަ އެވެ. މި މަނަވަރަކީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހަށް ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހއްދުގައި ހިންގި ޖޮއިންޓް މެރިން ސާފޭސް ޕެޓްރޯލްގައި ބައިވެރިވުމަށްފަހު މާލޭގައި ބަނދަރު ކުރި މަނަވަރެކެވެ. މި މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.