ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

77،000 މީހުންނަށް ބަލި ޖެހިދާނެ ކަމަށް ލަފާކޮށްފި

ކޮވިޑް-19 ގެ ހާލަތު މިހާރު ރާއްޖޭގައި އޮތްގޮތުން އަދިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ ވަނީ ލޮކްޑައުންއާ ގުޅިގެން ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު އަދިވެސް ބޭނުންވާ މިންވަރަށް ދަށް ނުކުރެވޭ ކަމަށާ މި ހާލަތުގައިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޝީނާ ވަނީ މި ހާލަތުގައި ޕީކަށްދާ ދުވަހު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ.

ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާ ނަމަވެސް ޓެސްޓް ކުރެވޭ ކެޕޭސިޓީއަށް ބަލާއިރު އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަދަދަކީ މިހާތަނަށް އަދި ރާއްޖެއިން އެއްވެސް ދުވަހެއްގައި ޕޮޒިޓިވްވެފައިވާ މިންވަރެއް ނޫނެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު އެއް ދުވަހާ ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ޕީކް ޑޭ ގައި ހޮސްޕިޓަލްގައި 34 މީހަކު އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިމަހުގެ 15 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޕީކަށްދާ ދުވަހު 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މިމަހުގެ ފަހު ފަނަރަ ދުވަހު 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެން ކަމުން ޑރ. ޝީނާ ވަނީ މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

"މި މަހުގެ ސާޗް ދަށްކޮށްލެވިއްޖެއްޔާ ގޭބީސީތަކަށްދާ ރޭޓްވެސް ވަރަށް ބޮޑުތަން ދަށްކޮށްލެވޭނެ."

ޝީނާ ވިދާޅުވީ ލޮކްޑައުންގެ ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާ ކުރިއަށް އޮތް ދުވަސްތަކުގައި އާންމުން އިތުރަށް ސަމާލުވެއްޖެނަމަ މިހާރު އަންދާޒާކޮށްފައިވާ އަދަދުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

މި ވަގުތުވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގިނަ އަދަދެއްގެ ބީދޭސީން ދިރިއުޅެމުންދާ ތަންތަނުން ބަލި އިތުރަށް ފެތުރުން ކަމަށާ އެހެން ކަމުން އެއީވެސް ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެއް ކަމަށް ޝީނާ ވިދާޅުވިއެވެ.

ފުލުހުން މިހާރުވެސް ގެންދަނީ ގިނަ އަދަދަކަށް ބިދޭސީން އުޅެމުންދާ ތަންތަން މޮނިޓާ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 23 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ތަންތަނުގައި 1،100 ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ތަންތަނުގައި ތިބޭ ބިދޭސީންނަށް ބޭރަށް ނިކުތުން އަދި އިތުރު ބަޔަކަށް އެ ތަންތަނަށް ވަނުމުގެ ފުރުސަތެއްވެސް ނުދެއެވެ. އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

މީގެ ކުރިން ބިދޭސީން އުޅެމުންދިޔަ ތަނަކުން 95 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ބިދޭސީންގެ މައްސަލައާއިމެދު ކަންބޮޑުވުން އިތުރުވީ އެ ކްލަސްޓާގެ ފަހުންނެވެ.

ކޮވިޑްގެ ބަލި މީހަކު މާލެއިން ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އިތުރު ބަޔަކުވެސް ވަނީ ފެނިފައެވެ.

އެހެން ކަމުން އެދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. މިއަދުގެ މިހާތަނަށް 648 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 216 ދިވެހިންނާއި 432 ބިދޭސީންނެވެ.