ދީން

ހަނދާން ނެތިގެން ރޯދަވެރިޔާ އެއްޗެއް ކެއުން!

ރޯދަވެރިޔާއަށް މަނާ ކަންތައްތަކެއް ވެއެވެ. ހާއްސަކޮށް ކެއުމާއި ބުއިމުން ދުރުވެ ހުރުމަކީ ރޯދައިގެ އަސާސީ ސިފަ އެވެ. ފަޖުރުލީއްސުރެ އިރުއޮއްސުމާއި ހަމައަށް ކެއުމާއި ބުއިން އަދި ރޯދަ ގެއްލޭނެ އެންމެހާ ކަންތައްތަކުން ދުރުހެލިވާން ޖެހެއެވެ. އެހެން ނޫނީ ރޯދައިގެ ދަރުމައާއި ސަވާބެއް ނުލިބޭނެ އެވެ.

ރޯދައަށް ހުއްޓާ ހަނދާން ނެތިގެން އެއްޗެއް ކެވިއްޖެނަމަ ރޯދަ ގެއްލޭނެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ. އަދި ފަތިސް ނަމާދުގެ ބަންގި ގޮވިކަން ނޭނގި އެއްޗެއް ކާ ލެވިއްޖެނަމަ ރޯދައަށް އެކަމުން އަސަރެއް ކުރާނެތޯ ވެސް ސުވާލު ކުރެއެވެ. އަދި މަޣުރިބު ނަމާދު ވަގުތު ޖެހުމުގެ ކުރިން އޮޅިގެން އެ ވަގުތުޖެހިއްޖެ ކަމަށް ހީކޮށް ރޯދަ ވީއްލައިފިނަމަ އެ ރޯދަ ސައްހަވާނެތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ.

ރޯދައަށް ހުރެ އޮޅިގެން އެއްޗެއް ކެވުން

ރޯދަވެރިޔާ ހަންދާން ނެތިގެން ކެއުން ބުއިމުގެ ކަމެއް ކުރެނު ނަމަވެސް ރޯދައެއް ނުގެއްލޭނެ އެވެ. އަދި އެކަމަކީ އޭނާއަށް މާތް ﷲ ދެއްވި ރިޒުގެއް ކަމުގައި ހަދީސްފުޅުތަކުގައި ވާރިދުވެފައި ވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ. إِذَا نَسِيَ أَحَدُكُمْ، فَأكَلَ، أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإنَّمَا أطْعَمَهُ اللهُ وَسَقَاهُ މާނައީ: "ރޯދައަށް ހުރި މީހަކު ހަނދާންނެތިގެން އެއްޗެއް ކައިބޮއި ހަދައިފިނަމަ، ފަހެ އެ މީހެއްގެ ރޯދަ ފުރިހަމަ ކުރާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، އެއީ އެ މީހަކަށް މާތް ﷲ ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ."

ވީމާ ރޯދަވެރިޔާ ހަނދާން ނެތިގެން އެއްޗެއް ކެވިއްޖެނަމަ ނުވަތަ ބޮވިއްޖެ ނަމަވެސް އެދުވަހުގެ ރޯދަ ފުރިހަމަ ކުރަންވާނެ އެވެ. އަދި ހަނދާން ވުމުން ކެއުންބުއިން ހުއްޓާލަން ވެސް ޖެހޭނެ އެވެ.

ފަޖުރުނުލާ ކަމަށް ހީކޮށް ފެން ފޮދެއް ބޯލުން

ރޯދައަށް ހުންނަންޖެހޭ ވަގުތަކީ، ފަޖުރުލީއްސުރެ އިރުއޮއްސުމަށް ދާންދެން ކަމުގައި ބަގަރާ ސޫރަތުގެ 187 އާޔަތުގައި މާތް ﷲ ވަނީ އަންގަވާފަ އެވެ.

ފަތިސް ވަގުތު ނުޖެހޭކަމަށް ހީކޮށް ކައިބޮއި ހަދާމީހާގެ ރޯދައިގެ ހުކުމްމާ މެދު އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް ވެއެވެ. އެއް ރައުޔަކީ އޭނާ އެ ރޯދަ ގަލޯ ކުރަން ޖެހޭނެ ކަމުގައި ބުނާ ބުނުމެވެ.

އޭގައި ބޮޑަށް ރަނގަޅު ގޮތަކީ އޭނާގެ ރޯދަ ސައްހަވާނެ ކަމުގައި ބުނުމެވެ. އެހެނީ އޭނާ ކައިބޮއި ހަދަނީ ރޭނގަޑުގެ ވަގުތު ނުނިމޭ ކަމުގައި ދެކިގެންނެވެ. އަސްލަކީ ރޭނގަޑު ނިމިއްޖެކަން ކަށަވަރުވަންދެން ނުވަތަ ފަތިހުގެ ބަންގީގެ އަޑު އިވެންދެން ކެއުންބުއިން ހުއްދަ ވެގެން ވުމެވެ.

އިރު އޮއްސުނީ ކަމަށް ހީކޮށް ރޯދަ ވީއްލުން

އިރު އޮއްސުނު ކަމަށް ހީކޮށް ރޯދަ ވީއްލި ފަހުން އަދި އިރު ނުއޮއްސޭންކަން އެނގިއްޖެނަމަ އޭނާގެ ރޯދަ ފަހުން ގަލޯ ކުރަން ޖެހޭނެ އެވެ. އެ ހާލަތުގައި އޭނާ އިރު އޮއްސުނީ ކަމަށް ހީކޮށް ކަނީ ރޯދަ ދޫކޮށްލުމުގެ ނިޔަތާ އެކުގަ އެވެ. އެހެން ވުމުން ރޯދަވީއްލުމުގެ ނިޔަތުގައި ކެއުމަކީ ރޯދަ ގެއްލޭނޭ ކަމެއް ކަމުގައި ވާތީ އެ ރޯދަ ގަލޯ ކުރުމަށް އިލްމުވެރިން ފަތުވާ ދެއްވަ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ