ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަޓީ

"މަޓީގެ ލަފާ ސަރުކާރުން ބަލައިގަންނާނެ"

ކޮވިޑް-19 އާ ގުޅިގެން ނެރެފައިވާ އިގްތިސޯދު ރިލީފް ޕެކޭޖުގެ މައްސަލާގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ސަރުކާރާ ދެމެދު ބޮޑު ހިޔާލު ތަފާތުވުންތައް އުފެދުނު ކަމުގައި ވިޔަސް، މަޓީގެ ހެޔޮ ލަފަ އާއި އިރުޝާދު ބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނިންގެ ގޮތުގައި ތިއްބަވާ ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ، ޓޫރިޒަމް ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިއްޔެ ވަނީ ސަރުކާރުން ނެރެފައިވާ އިގްތިސޯދީ ރިލީފް ޕެކޭޖާމެދު ހިތްހަމަ ނުޖެހި، ފާޑު ކިޔައިފަ އެވެ.

ޓުއަަރިޒަމްގެ މަހުޖަނުންނާއި ސަރުކާރު ކޯޅުމަކަށް ގޮސްފައި އޮއްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން މަޓީ އަދި އެހެން ހުރިހާ ވިޔަފާރިތަކެއްގެ ވެސް ހެޔޮ ލަފަ އާއި އިރުޝާދު ބަލައިގަންނާނެ ކަމަށެވެ. އަދިި، ވިޔަފާރިވެރިންނަކީ ގައުމީ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށެވެ.

"އުފެއްދުންތެރިކަން ނުކުންނާނީ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނާއި އަދި ގުދުރަަތީ ވަސީލަތްތައް އެކުވީމައި" ނަޝީދު ވިދާޅުވެ އެވެ.

މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ނެރެފައިވާ 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ އެހީގެ ޕެކޭޖް ހަދާފައި ވަނީ، އެ ޖަމިއްޔާގެ ހިޔާލު ހޯދުމެއް ނެތި ކަމަށެވެ. އެ ޕެކޭޖްގެ ފައިދާ ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތް ތަކަށް ނުލިބޭ ކަމަށެވެ.

އަދި ރާއްޖޭގެ އިކޮނޮމީގެ 70 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމްގެ އެންމެ ގިނަ މަހުޖަނުން ހިމެނޭ ޖަމިއްޔާ ކަމަށްވާ މަޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިހާރުގެ ހާލަތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ، ބަނގުރޫޓު ވަމުން ދާއިރު، ވަޒީފާތައް ސަލާމަތް ކުރަން ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް އެ ފިޔަވަޅު ނޭޅޭ ކަމަށެވެ. އަދި މި ކަމަށް އެދި އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.