ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޖިހާދު

"ޕެންޝަނުގައި އަތްލުން ރަނގަޅެއް ނޫން"

ކޮވިޑް-19 އާ ގުޅިގެން ޕެންޝަން ފަންޑާ ހަމައަށް ދާންޖެހޭ ހާލަތު ރާއްޖޭގައި އަދި ނާންނަ ކަމަށާއި ބޭރުގެ އެހީތެރިކަން ހޯދައި ރައްޔިތުންނަށް އެހީތެރިވުމަކީ މިވަގުތު ދައުލަތުގެ ޒިންމާއެެއް ކަމަށް ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅު ވެއްޖެ އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ދައުރުގައި ނާއިބު ރައީސްކަން ކުރެއްވި ކުރީގެ ފިނޭސް މިނިސްޓަރު އަދި ކުރީގެ ގަވަރުނަރު އަބްދުﷲ ޖިހާދު ވިދާޅުވީ ޕެންޝަން ފަންޑާ ހަމައަށް ދާންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ބަޖެޓް މެނޭޖްކޮށް ބޭރުގެ އެހީތެރިކަން ހޯދަން ކަމަށެވެ. މީގެ އިތުރުން ހަރަދު ކުޑަ ކުރެވޭނެ ހުރިހާ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"ޕެންޝަން ފަންޑުގައި އެ ހުރި ފައިސާއަކީ ވަކި ކަމަކަށް ބަހައްޓާފައިވާ ފައިސާއެއް. އެއީ މަސައްކަތުން ރިޓަޔާ ކުރާ ދުވަހަށް ބޭނުން ކުރަން ހުންނަ ފައިސާ. އެއީ ދުވަސްވީމަ ލިބެން އޮތް އިންކަމް ސަޕޯޓެއް. އެހެންވީމަ އެ ފައިސާ އެހެން ކަމަކަށް ބޭނުން ކުރަން ވެއްޖެނަމަ ހަގީގީ މަންފާއެއް ނުކުރާނެ، އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިފަދަ ސްކީމެއް އެހެން ކަމަކަށް ބޭނުމެއް ވެސް ނުކުރާނެ. އަޅުގަނޑުގެ ނަޒަރުގައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން ޖެހޭނީ ނުވަތަ އެ ފައިސާގައި އަތްލަން ވާނީ އެ ނޫން އެއްވެސް ގޮތެއް ނެތް ހާލަތެއްގައި."

ޖިހާދު ވިދާޅުވީ ޕެންޝަން ފައިސާ ބޭނުން ކުރެވޭނީ މިހާރު ހުރި ގާނޫނުތަކަށް ބަދަލު ގެެނެސްގެން ކަމަށެވެ. އެކަން ކުރާއިރު ޕެންޝަނަށް ޖަމާ ކޮށްފައިވާ ހުރިހާ ފައިސާއެއް ނުހުންނާނެކަން ވެސް ދަންނަންޖެހޭ ކަމަށެވެ. ޕެންޝަން ގާނޫނުގެ ދަށުން އެ ސްކީމްގައި ޖަމާ ކުރާ ފައިސާއިން ދަނީ އިންވެސްޓް ކުރަމުން ކަމަށާ އެހެން ކަމުން ބޭނުން ވަގުތަކު ނެގޭ ގޮތަށް ޕެންޝަނަށް ޖަމާކުރާ ގިނަ ފައިސާ ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެންޝަން ފައިސާއަކީ އިންވެސްޓްކުރާ ފައިސާއެއް. އެހެންވީމަ އެ އިންވެސްޓްމަންޓަށް ހޭދަ ކުރެވުނު ފައިސާއެއް މިވަގުތަކު ޕެންޝަން ފަންޑުގައި ގަނޑުކޮށް ނުހުންނާނެ. މަޖިލީހުން އަދި ބިލެއް ފާސް ކުރިއަސް އެ ކަނޑައަޅާ ގޮތެއްގެ މަތިން ފައިސާ ނެގޭނެ ގޮތްތަކެއް ނޯންނާނެ."

ޖިހާދު ވިދާޅުވީ މި ހާލަތަކީ ވަގުތީ ގޮތުން އައިސްފައިވާ ހާލަތެއް ކަމަށް ބަލަންޖެހޭ ކަމަށާއި ހައްލު ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެކަން ކުރަން ޖެހޭނީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ނޫން ކަމަށާ މި ވަގުތަކީ ބޭރުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭނެ ވަގުތެއް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވާނެ ކިތަންމެ ގައުމެއް އެބައޮތް ކަމަށާ އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފިނަމަ މި ހާލަތު މެނޭޖްކޮށް ރައްޔިތުންނަށް އެހީތެރި ވެވޭނެ މިންވަރަށް ގައުމުތަކުގެ ހިލޭ އެހީ ލިބޭނެ ކަމަަށެވެ.

"މިސާލަކަށް މެދުއިރުމަތީގެ މުއްސަދި ގައުމުތައް. ސައުދީ، ޔޫއޭއީ އަދި ބަހުރެއިން ފަދަ ގައުމުތަކުން ދިވެހިންނަށް އެހީތެރި ވެދޭނެ. މީގެ ކުރިން ވެސް ވަނީ އެހީތެރިވެދީފައި. މިހާރު މި އޮތް ހާލަތަކީ ޓެންޕަރަރީއެއް ކަމަށް ދެކެމާތޯ. އެހެންވީމަ މި ހާލަތު މެނޭޖް ކުރުމަކީ ދައުލަތުގެ ޒިންމާއެއް. އެކަން ކުރެވޭނީ އައިއެމްއެފް އަދި ވޯލްޑް ބޭންކް ވިޔަސް ނޫނީ އެކުވެރި ގައުމުތަކުން ނަމަވެސް އެހީތެރިކަން ހޯދައިގެން. އަޅުގަނޑުގެ ނަޒަރުގައި ދުނިޔޭގެ ހާލަތު މިގޮތަށް އޮތް ނަމަވެސް ފަހަރުގައި މިއީ ދިވެހިންނަށް އެހީތެރިކަން ހޯދަން އެންމެ ފަސޭހަ ވަގުތަށް ވެސް ވެދާނެ،"

ޖިހާދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. މިހާރު އޮތް އިގްތިސޯދީ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން ވެސް، ކުންފުނިތަކުން އަދި އާންމު ފަރުދުން ވެސް ހަރަދު ކުޑަ ކުރުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމު ކަމަށެވެ. މިއީ ފުއްދުންތެރި ގައުމެއްގެ ގޮތުގައި އަދި ފުއްދުންތެރި ރައްޔިތެއްގެ ގޮތުގައި ދިރި އުޅެވޭނެ ވަގުތެއް ނޫން ކަަމަށް ވެސް ވިދާޅުވި އެވެ.

"މި ހާލަތުގައި ސަރުކާރު ވެސް، ރައްޔިތުން ވެސް އުޅެންޖެހޭނީ ފަގީރުކޮށް. އެއީ ފުއްދުންތެރި ދިރިއުޅުމަށް ފަހުން ދިއުމަށްޓަކައި."

ޖިހާދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި އަދި ކުރިމަތިވަމުންދާ މައްސަލަތަކުން އަރައިގަންނަން ބޭނުންނަމަ އަމިއްލަ މަސައްކަތް ކުރަމުންދިޔަ މީހުން ނިކަމެތިވިޔަ ނުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިސާލަކަށް ޓެކްސީ ދުއްވާ މީހުން. ކަންމަތީ ހޮޓާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ މީހުން. މާރުކޭޓް ގޮޅި ހިންގާ އެކި ކަހަލަ ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދިޔަ މީހުން. އެހެން ގޮތަކަށް ބުނާނަނަ އިންފޯމާސް ސެކްޓަރު ނުވަތަ ފްރީލާންސަރުން. އެމީހުން އެއީ އިގްތިސޯދުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުން ދިޔަ ބައެއް. އެއީ ދައުލަަތަށް ބުރަ ކުޑަކޮށްދީ އަމިއްލަ މަސައްކަތުން އުޅެމުންދިޔަ މީހުން. ނަމަވެސް ހަގީގަތަކީ އެއީ އެ ދުވަހަކު އެ ލިބޭ އެއްޗެއް ދެކޮޅު ޖައްސަމުންދިޔަ މީހުން. އެހެންވީމަ އެމީހުން މިއަދު އެންމެ ނިކަމެތި ހާލުގައި ތިބޭނީ. އެމީހުންނަށް އެހީވުމަކީ ދައުލަތުގެ ޒިންމާއެއް." ޖިހާދު ވިދާޅުވި އެވެ.

ޓެކްސީ ދުއްވާ މީހުން، ކަންމަތީ ހޮޓާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ މީހުން. މާރުކޭޓް ގޮޅި ހިންގާ އެކި ކަހަލަ ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދިޔަ މީހުން. އެހެން ގޮތަކަށް ބުނާނަނަ އިންފޯމަސް ސެކްޓަރު ނުވަތަ ފްރީލާންސަރުން. އެމީހުން އެއީ އިގްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދިޔަ ބައެއް. އެއީ ދައުލަަތަށް ބުރަ ކުޑަކޮށްދީ އަމިއްލަ މަސައްކަތުން އުޅެމުންދިޔަ މީހުން. ނަމަވެސް ހަގީގަތަކީ އެއީ އެ ދުވަހަކު އެ ލިބޭ އެއްޗެއް ދެކޮޅު ޖައްސަމުންދިޔަ މީހުން. އެހެންވީމަ އެމީހުން މިއަދު އެންމެ ނިކަމެތި ހާލުގައި ތިބޭނީ. އެމީހުންނަށް އެހީވުމަކީ ދައުލަތުގެ ޒިންމާއެއް
އަބްދުﷲ ޖިހާދު | ކުރީގެ ނާއިބު ރައީސް

ޖިހާދު ވިދާޅުވީ މިހާލަތަށް ދިޔައިރު ވެސް ރާއްޖެއަށް ލިބުނު ހަގީގީ ގެއްލުން ޔަގީން ކުރެވިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މި ވަގުތަށް އިގްތިސޯދަށް ލިބުނު ގެއްލުން ބެލިއްޖެތޯ؟ މަސައްކަތްތެރިން ތިބި ތިބި ހާލަތު ބެލިއްޖެތޯ؟ ހާއްސަކޮށް އަމިއްލަ މަސައްކަތުން އުޅެމުންދިޔަ މީހުން. ހަގީގަތަކީ ގިނަ ރައްޔިތުންތަކެއް މިއަދު ވަރަށް ބިކަހާލުގައި އެބަތިބި. އެކަން ބެލިއްޖެތޯ؟ އެކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ، މިއީ ނޫންތޯ މި ވަގުތު ކުރަންވީ ކަމަކީ،"

ޖިހާދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުން އާމްދަނީ ހޯދަމުންދިޔަ އެތައް ބަޔަކު ތިބީ ވަޒީފާގެ ޔަގީންކަން ގެއްލި، މުސާރަ ނުލިބިކަމުގެ އަޑުތައް އިވޭ ކަމަށާއި އެކަންކަން ބަލައި އެ މީހުންނަށް އެހީވުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެކަންކަން ނުކޮށްފިނަމަ ދެން ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހާލަތު އިތުރަށް ދިގު ދެމިއްޖެނަމަ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް ވެސް އިތުރުވާނެ، އަދި އެ ނޫންވެސް އެތައް މައްސަލަތަކެއް އާންމުވުމަކީ އެކަށީގެންވާ ކަމެއް. އަނެއްކޮޅުން ވަޒީފާ ނެތުމުން އެ ކުރިމަތިވާ ނަފްސާނީ މައްސަލަތައް. އެއީ ވަރަށް ބޮޑު ވޭނަކަށް ވާނެ، އެކަންކަމަށް ހައްލު ހޯދަންޖެހޭ. އެއީ ދައުލަތުގެ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ. އެއީ މި ހާލަތުގައި ދައުލަތަށް ނޫނީ އެހީތެރިކަމެއް ދެވޭނެ ގޮތެއް ނެތް. އަޅުގަނޑުގެ ވިސްނުމަކީ އެ އެހީތެރިކަން ބޭރުގެ އެހީން ހަމަޖެއްސޭނެއޭ."

މިކަންކަމަށް ނުވިސްނައިފިނަމަ ގައުމަށް ކުރިއަށް ދިއުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ޖިހާދު ފާހަގަ ކުރެއްވި އެވެ. ކުރިން ހިނގަމުންދިޔަ ކުދި ވިޔަފާރިތައް އަލުން ފެށޭނީ މިވަގުތު ދައުލަތުން އެހީތެރި ވެދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވަން މިއީ ހަމައެކަނި ރައީސުލްޖުމްހުރިއްޔާއަށް ކުރެވޭނެ ކަމެކޭ. މިއީ މި ވަގުތު ދުނިޔޭގެ ތިއްބެވި ފަސް ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމުންގެ އެހީތެރިކަން ވެސް ލިބިގެން ނޫނީ ކުރިއަށް ނުދެވޭނެ ވަގުތެއް. ބައެއް ފަހަރު ސަރުކާރުން ޖެހޭ ބައްޕައެއްގެ ރޯލުވެސް އަދާ ކުރަން. ހަމައެކަނި ގައުމު ހިންގާ ބޮޑީގެ ގޮތުގައި އޮވެގެން ނުވާނެ. މިއީ އެ ވަގުތު." ވަރަށް ދިގު މުއްދަތެއްގައި އިގްތިސޯދީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޖިހާދު ވިދާޅުވި އެވެ.

ޕެންޝަން ފައިސާއިން ބައެއް ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެވެ. ޕެންޝަން ފައިސާ ބޭނުންކުރުމާމެދު މެންބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުން ވަނީ ބޮޑުވެފައެވެ. ސަރުކާރުން ވަނީ އެ ވިސްނުން ނުގެންގުޅޭ ކަމަށް ބުނެފައެވެ