ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އޮޅުވާނުލާ، ބޭނުންހާއިރަކު ޕެންޝަން ފަންޑުން ފައިސާ ނުނެގޭނެ!

މުޅި ދުނިޔެއާއެކު ރާއްޖެ ވެސް މިހާރު ގުނަމުން ދަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއިން މުޅި ގައުމު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ބޭރު ފައިސާ ވަންނަ ހުރިހާ ދޮރުތައް ބަންދުވެ، އިގުތިސޯދު އޮތީ ވެންޓިލޭޓަރުގަ އެވެ. އާއްމު އުސޫލުގެ ދަށުން މިފަދަ ދަތި ދަނޑިވަޅެއްގައި، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އާދައިގެ ރައްޔިތު މީހާ އަށެވެ. މިހާރު ވެސް އެތައް ބައެއްގެ ވަޒީފާ ގެއްލި، ތިބެން މަޖުބޫރުވެފައި ވަނީ ކުއްޔަށް ހިފައިގެން އުޅޭ ގެއިން ނެރެލާނެ ދުވަހެއްގެ ހިތްދަތި ހިސާބުގަ އެވެ. ރޯދަ މަހެއްގެ ތެރެއިން ތަހައްމަލު ކުރަން ޖެހިފައިވާ ނިކަމެތި ކަމުގައި ގިނަ އާއިލާތަކެއް ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެސް އިންތިހާއަށް ބޮޑުވެފައި ވެއެވެ.

ގައުމުގެ މިހާ ބޮޑަށް ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި، ގިނަ ރައްޔިތުންތަކެއްގެ ފައިސާ އެއްވެފައިހުރި ފަންޑަކާ ދިމާއަށް ސަމާލުކަން ވަނީ އެނބުރިފަ އެވެ. ރައްޔިތުންގެ މާލީ ފުދުންތެރިކަމުގެ ޝަކުވާ ކުރެވޭ ކޮންމެ ފަހަރަކު ދެކެވޭ ޕެންޝަން ފަންޑުގެ ވާހަކައަކީ މުސްކުޅި ވެސް މައުލޫ އެކެެވެ.

ކޮވިޑް-19 އިގެ ބަލާއާފާތުގެ ކުރީން ވެސް، ގާނޫނަކުން މަޖޫބުރުން ނަމަވެސް، ޕެންޝަނަށް ޖަމާވެފައި ހުންނަ ފައިސާކޮޅު، މުސްކުޅިވެ، ގައިބާރު ދެރަވުމުގެ ކުރިން ބޭނުން ކުރެވެންޖެހޭ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް، މި ހާލަތުން އަރައިގަނެވޭނެ ދުވަހެއް ނޭނގި، ގިނަ ރައްޔިތުންގެ މާޔޫސްކަން ކޮޅުންލުމާއެކު އެ ޑިމާންޑުގެ އަޑު މިހާރު ވަނީ އިހަށް ވުރެ ގަދަވެފަ އެވެ. ރިޓަޔާކުރާ ހިސާބަށް ދާންވާ އިރަށް މިހާރުގެ ހާލަތު މުހިއްމު ވާނެ ކަމަށް ބުނެ، ޕެންޝަން ފަންޑަށް އަތް ބޭނުމުގެ ހުށަހެޅުންތައް މިހާރު ރައްޔިތުންގެ މަޖިލީހުގެ ވާޗުއަލް ބަހުސްތަކަށް ވެސް ވަނީ ވަދެފަ އެވެ.

ޕެންޝަން ފަންޑަކީ ސޭވިން އެކައުންޓެއް ނޫން

ގައުމުގެ ކަންކަން ހިނގާ ގޮތަށް ތަންދޮރު ފިލާފައި ތިއްބަވަންޖެހޭ ރައްޔިތުންގެ މަންދޫބުން، އެ ބޭފުޅުން ތަމްސީލު ކުރައްވާ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކެވުމަކީ އާ ކަމެެއްް ނޫނެވެ. އަދި މިހާރު އެއީ ހައިރާންވާންޖެހޭ ކަމަކަށް ވެސް ނުވާނެ އެވެ.

މީގެ 10 އަހަރު ކުރިން ވުޖޫދުކުރި ގާނޫނާއެކު، މިހާތަނަށް ރިޓަޔާމަންޓް ޕެންޝަން ފަންޑުގެ ޖުމްލަ ސައިޒަކީ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އެވެ. މިގޮތަށް އަދަދު ކިޔާލުމުން، ގިނަ ބައަކަށް ސިފަވަނީ ޕެންޝަން އޮފީހުގެ ކޮޓަރިއެއްގެ ތެރޭގައި ބަންޑެލިޖަހާފައި ހުންނަ ރުފިޔާތަކެކެވެ. ނޫނީ، ސޭވިން އެކައުންޓަކުން ބޭނުންހާ އިރަކު، އޭޓީއެމަށް ގޮސް ނެގޭ ގޮތަށް ހުރި ފައިސާތަކެއްގެ ގޮތުގަ އެވެ. އެކަމަކު ޕެންޝަނު ފަންޑުގެ ކަންކަން ހިނގަނީ އެހާ ތިލަ ގޮތަކަށް ނޫނެވެ.

ޕެންޝަން ފަންޑަށް ކޮންމެ މަހަކު ގާތްގަނޑަކަށް 95 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވާއިރު، ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން މަހަކު ޕެންޝަން ފައިސާގެ ގޮތުގައި ދޫކުރަނީ އެންމެ އަށް މިލިއަނެއްހާ ރުފިޔާ އެވެ. ކޮންމެ މަހަކު އިތުރުވާ އަދަދު، ބަންޑެލި ޖަހާފައި ބެހެއްޓުމުގެ ބަދަލުގައި، އެ ފައިސާ އަކީ އިންވެސްޓް ކުރެވޭ ފައިސާ އެކެވެ. ފަންޑުގެ ބައިވެރިންނަށް އެންމެ ރަނގަޅު މަންފާއެއް ލިބި، ޕެންޝަނަށް އެއްކުރެވޭ ފައިސާ އިތުރުކޮށް ގިނަ ކޮށްދިނުމުގެ ބޭނުމުގަ އެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓުތަކުން މިހާތަނަށް އަހަރަކަށް އެވްރެޖްކޮށް ފަސް ޕަސަންޓު ޖެހޭ ވަރުގެ ކުރިއެރުމެއް ދަނީ ލިބެމުންނެވެ. އެ އިންވެސްޓްމަންޓުތަކަށް ބަލާއިރު، ޖުމްލަ 13 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހުރީ ސަރުކާރުން ވިއްކާ ޓީ ބިލާއި ބޮންޑު ގައި އިންވެސްޓުކޮށްފަ އެވެ.

މިހާރު ވާޗުއަލްވިޔަސް އަދި މަޖިލީހުގެ ތަޅުމުގައި ވިދާޅުވާން ކިތަންމެ ފަސޭހަވިއަސް، އިންވެސްޓް ކުރުމަކީ ގިނަ ގަވާއިދުތަކަކާއި އުސޫލުތަކެއް އޭގައި ހިމެނޭ ކަމެކެވެ. އޭގެ އެންމެ އާދައިގެ މާނައަކީ، މިފަދަ ފަންޑަކަށް ޖަމާ ކުރެވޭ ފައިސާ އިންވެސްޓް ކުރުމަށްފަހު ބޭނުން އިރަކު ބޭނުން ގޮތަކަށް ފައިސާއަށް ބަދަލު ކުރުމުގެ ފުރުސަތު ނޯންނާނެ ވާހަކަ އެވެ.

ޕެންޝަން އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، ފަންޑުގެ އިންވެސްޓްމަންޓްތައް ރޭވިފައި ހުންނާނީ ދިގު މުއްދަތުގައި އޭގެން ފަންޑުގެ ބައިވެރިންނަށް ރަނގަޅުފައިދާ އެއް ނެރެދިނުމުގެ ވިސްނުމުގަ އެވެ. އެހެންކަމުން ރޭވުންތެރިކަމެއް ނެތި ފަންޑުން ފައިސާ ދޫކުރަން ފަށައިފިނަމަ ފަންޑު ހިންގުމުގެ މަގުސަދު ހާސިލެއް ނުކުރެވޭނެ އެވެ.

ޕެންޝަނުން ނެގިޔަސް ގިނަ ބައަކަށް ފައިދާއެއް ނެތް

ސަރުކާރާއި އިދިކޮޅުވެސް ހިމެނޭ ގޮތަށް އެ މޭރުމުން ވާހަކަ ދައްކަވަމުން ދާއިރު، ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް، އެމީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތެރެއިން ކޮންމެވެސް ބައެއް ނެގުމަށް މަޖިލީހަށް މިހާރު ހުށައަޅައިފައި ވެސް ވެއެވެ.

ނަމަވެސް މިހާރު ދިގު މުއްދަތަކަށް އިންވެސްޓުކޮށްފައި ހުރި ފައިސާތަކެއް ކުއްލިއަކަށް ނެގޭނެ ގޮތެއް ނުވިސްނެ އެވެ. އަދި ކޮންމެވެސް ގޮތަކަށް އެކަން ކުރަން ފައިވިއްދި ނަމަވެސް، އެއިން ބޮޑު ބައެއް ދައްކަން ޖެހޭނީ، މިހާރު ވެސް އާމްދަނީ ލިބޭ މަގުތައް ބަންދުވެ، ރައްޔިތުންނާ ގާތްގަނޑަކަށް އެއް ހާލެއްގައި އޮތް ސަރުކާރަށެވެ.

ސަބަބަކީ ޕެންޝަން ފަންޑުން އެމީހެއްގެ ފައިސާ އެމީހަކަށް ދޫކުރާ އުސޫލަށް ގޮސްފިނަމަ، ޕެންޝަން އޮފީހަށް އެންމެ ފުރަތަމަ ޖެހޭނީ މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތައް ރޫޅާލައި ފައިސާއަށް ބަދަލު ކުރަން ކަމަށް ވާތީ އެވެ.

ކުރިން ވާހަކަ ދެއްކި ބޭފުޅާ މިސާލެއްގެ ގޮތުން ނެންގެވީ، އެކި ކުންފުނިތަކުގެ ހިއްސާގެ ގޮތުގައި ހުރި އަދަދުތައް ހިއްސާ ވިއްކައިގެން ފައިސާއަށް ބަދަލު ކުރަން ޖެހޭނެ ކަމެވެ.

ދެން ފާހަގަ ކުރެއްވީ މި ބަހުސްގެ އެންމެ މުހިއްމު ނުކުތާ އެވެ. ޕެންޝަން ފަންޑުގެ ހަގީގީ ބާރު ގުޅިފައިވަނީ، ހުރިހާ ބައިވެރިންގެ ފައިސާތައް އެކުވީމަ އެވެ. ވަކި ވަކި ޕެންޝަން އެކައުންޓުތަކަށް ބަލާނަމަ، ގިނަ މީހުނަށް މާބޮޑު އެއްޗެއް ސޭވް ކުރެވިފައެއް އަދި ނެތެވެ.

އެގޮތުން، ޕެންޝަން ފަންޑަކީ ފަންޑެއްގެ ގޮތުގައި 13 ބިލިޔަން ރުފިޔާގެ ފަންޑަކަށް ވިޔަސް އޭގައި ހިމެނޭ ވަކިވަކި މީހުންގެ އަދަދުތައް ބަހާލައިފިނަމަ ވަކިވަކި ފަރުންދުންގެ އެވްރެޖް ސޭވިން ނިސްބަތުން ކުޑަ ވާނެތީ، މިއީ މިއަދު ބޭނުންކޮށް ނިންމާލައިފިނަމަ ވަރަށްކުޑަ މިންވަރެކެވެ.

ކޮންމެ ބޭނުމެއްގައި، ކޮންމެ ނަމެއް ކިޔައިގެން ވިޔަސް، ޕެންޝަން ފަނޑުން ފައިސާ ނެގުމުން އޭގެ ގެއްލުން ވަނީ ވަކިވަކި ފަރުދުންނަށް ކަމަށް ޕެންޝަން އޮފީހުން މީގެ ކުރިން ވެސް ތަކުރާރުކޮށް ބުނެފައިވެ އެވެ. ގައުމާއެކު ރައްޔިތުން ވެސް މި ހާލަތުން އަރައިގަތުމުގެ މަގު ހޯދުމުގެ ޒިންމާ އޮތީ ގައުމުގެ ވެރިންގެ ކިބައިގަ އެވެ. މިދަތިކަމާއި އުނދަގުލުން އަރައިގަތުމަށް، ރައްޔިތުން އުމުރު ދުވަހު ގުލާނު ކޮށް، ނޯކިރީ ނުކުރެވޭ ދުވަހަކަށް އެއްވެފައި ހުރި ފައިސާކޮޅު ބޭނުން ކުރަން އެއްބަހެެއް ނުވެވޭނެ އެވެ. އަދުގެ ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ މާދަމާ ވެސް ގުރުބާން ކުރަންނުޖެހޭ ހައްލެއް ހޯދައިދޭން ޖެހެ އެވެ. ސަރުކާރަކަސް އަދި ރައްޔިތުންގެ މަޖިލީހަކަސް ފަރުވާލެއް ނެތެވެ.