މާލެއަށް ގެނައި ލޮކްޑައުންއަކީ ކޮރޯނާ ވައިރަސް ފެތުރުނަ ނުދޭން އެޅި ބޮޑު އެއް ފިޔަވަޅެވެ. ރައްކާތެރި ކަމުގެ މި ފިޔަވަޅު ވެގެން ދިޔައީ ގިނަ ބައެއްގެ ދިރިއުޅުން އެފުށް މި ފުށަށް ޖެހުނު ކަމަކަށެވެ. މާލޭގައި މަސައްކަތް ކުރާ އެތައް ބިދޭސީންނަކީ މި ލޮކްޑައުންގެ ސަަބަބުން އެމީހުން ހައިހޫނު ކަން ފިލުވާނެ ގޮތް ހުސްވެ ނިކަމަތި ކަމާއެކު މަގުމަތިވި ބަޔެކެވެ.
ލޮކްޑައުންގެ ފިޔަވަޅަކީ މާލެ ތެރޭގައި ހާލުގައި އުޅޭ ބިދޭސީންނަށް ލިބުނު އިތުރު ނިކަމެތި ކަމަކަށް ވިއެވެ. ގޮތް ހުސްވެ ކާނެ އެއްޗެއް ހޯދަން މަގުމައްޗަށް ނުކުންނަށް ވަރަށް ގިނަ ބިދޭސީންނަށް މަޖުބޫރުވި އެވެ. އެތައް ބަޔަކަށް މި މަންޒަރު ފެނުނެވެ. އަދި އެމީހުންނާއި ދިމާވި ކަންކަމާއި ކުރެވުނު ތަޖުރިބާތަކުގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ގެންދިޔަ އެވެ. މީގެ ކުރިން އެހެންނާ މާލޭގެ މަގުމަތިން ހާލުގައި ޖެހިފައިވާ މީހަކު ފެނުމަކީ ވަރަށް ނުވާނެ ނާދިރު ކަމެކެވެ.
ހާލުގައި ޖެހި މީހުން އެހީއަކަށް އެދޭ ކޮންމެ ފަހަރަކު ދިވެހިން ނަމޫނާގެ މިސާލު ވެސް ދައްކަ އެވެ. އެފަދަ ކިތަންމެ ބަޔަކު އުޅޭވެސް މެއެވެ.
ބޭކް ހައުސް ކޭޓަރިން ހިންގާ ނުވަތަ މަޝްހޫރު ނަމުން ނަމަ "ހާޝިމް ބިިރިޔާނީ" ވިޔަފާރި ހިންގާ އާއިލާއިން ވެސް ވަނީ މިފަދަ އެހީއަކާއެކު ނުކުމެފަ އެވެ. އައިޝަތު ރާޔާ ހަސަން 26، ގެ އިސްނެގުމާއެކު މަސައްކަތް ފެށީ ކާން ނުލިބިފައިވާ ބިދޭސީންނަށް އެހީތެރި ވާށެވެ.
ރާޔާ ބުނިގޮތުގައި މިވަގުތު ވަޒީފާއެއްގައި ނެތަސް އޭނާއަކީ އެޗްޕީއޭގައި ހެލްތްވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް އައި އިރު އޭނާ ހުރީ ރިލީފަށް މަސައްކަތް ނުކުރެވޭތީ ކަންބޮޑުވެފަ އެވެ.
"އަނެއްކޮޅުން ސޯޝަލް މީޑިއާއިން ފެންނަނީ އެތައް ބިދޭސީއަކު ހާލުގައި ޖެހި ސަލާންޖަހާ މަންޒަރު. އަދި ވަރަށް ގިނަ ދިވެހިންގެ އެހީތެރިކަން ފޯރު ކޮށްދޭން ބޭނުންވެފައި ތިބިކަން އިނގުނު،"
ބޭކް ހައުސް ކޭޓަރިންގެ މުޅި ޓީމް އެއްކޮށް އަތުކުރި އޮޅާލީ އެފަދަ މީހުނަށް އެހީވާށެވެ.
"ދުވާލެއްގެ މައްޗަށް 163 މީލް އެއީ 83 މީހެއްގެ ކޮއްތު މި ތައްޔާރު ކުރަނީ. މި ކާނަ ތައްޔާރުކޮށް ޕެކްކޮށްފައި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ބެލުމުގެ ދަށުގައި ކަލާފާނު ސްކޫލްގައި ތިބި މީހުންނަށް ފޯރު ކޮށްދެނީ" އޭނާ ބުންޏެވެ.
ރާޔާ ބުނި ގޮތުގައި މިހާތަނަށް 204,374ރ. ގެ ތަފާތު އެކި ފަރާތްތަކުގެ އެހީތެރި ކަމާއެކު ވަނީ އެއްކޮށްފަ އެވެ. އަދި އަދިވެސް އިތުރު ފަރާތްތަކުން ދަނީ ބޭކް ހައުސް ކޭޓަރިން އިން އިސްނަގައިގެން ހިންގާ ހާލުގައި ޖެހިފައިވާ ބިދޭސީން އަށް އެހީތެރިވުމުގެ ޕްރޮގްރާމަށް ޑޮނޭޓް ކުރަމުންނެވެ.
ރާޔާ ބުނިގޮތުގައި ދިވެހިންނަކީ އަބަދުވެސް ހާލުގައި ޖެހޭ ވަގުތު އެއްބައިވަންތަކަން ދައްކުވައި އެހީތެރިކަން ފޯރުކޮށްދޭ ބަޔެކެވެ. މި އިސް ނެގުމުން އެކަނިވެސް މިކަން އެނގެ އެވެ.