ދީން

ސަދަގާތުގެ އެންމެ މުހިންމު ވަގުތު!

ރޯދަ މަކީ ސަދަގާތް ކުރުމާއި އިހްސާންތެރިވުމާއި ދީލަތިކަމުގެ މައްސަރެވެ. ފަގީރުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެންމެ ހެޔޮ ވެގެންވާ ވަގުތެވެ. ތިމާގެ މީހުންނާއި އަވަށްޓެރިންނަށް ހެޔޮ ފޯރުވައި، ގުޅުން ދަމަހައްޓަން އެންމެ މުހިންމު އެއް ދުވަސްވަރެވެ.

ވަކިން ހާއްސަކޮށް ފެތުރެމުން މިދާ ރޯގާގެ ސަބަބުން، ވަޒީފާ ގެއްލި، އަތްމަތި ދަތިވެފައިވާ އެތައް ބައެއް މިވަގުތު އެބަތިއްބެވެ. އޭގެ ތެރޭގައި ގާތް ތިމާގެ މީހަކު، އަވަށްޓެރިޔަކު ހުރިތޯ ބަލައި އެމީހެއްގެ ހާލު ބަލައި ގުޅުން ބާވައި ތިމާށް ވީވަރަކުން އެފަރާތަކަށް އެހީތެރި ވާންވީ ވަގުތަކީ މިއީ އެވެ.

އިބްނު އައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "ނަބިއްޔާ صلى الله عليه وسلم އަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތެވެ. އަދި އެކަލޭގެފާނުގެ ދީލަތިކަން އެންމެ އިތުރު ވަނީ ރޯދަ މަހުގަ އެވެ. ވަކީން ހާއްސަކޮށް ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނާ ބައްދަލު ކުރައްވާ ހިނދުގަ އެވެ. އެހިނދު، އެކަލޭގެފާނުގެ ދީލަތިކަން ފެތުރިގެންދާ ވައިރޯޅިއެއް ފަދަ އެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދީލަތިކަން އެންމެ ބޮޑު ވަނީ ރޯދަ މަހުގެ ކޮންމެ ރެއެއްގައި ޖިބްރީލްގެފާނާއެކު އެކަލޭގެފާނު ކީރިތި ގުރްއާން މުދާރަސާ ކުރެއްވުމުގައި (އެބަހީ: ދެބޭކަލުން އެކުގައި ކިޔަވާ ވިދާޅުވުމުގައި ހޭދަ ކުރައްވާ) ހޭދަކުރައްވާ ދުވަސްތަކުގަ އެވެ. އަދި އެކަލޭގެފާނުގެ ދީލަތިކަން، ފެތުރިގެންދާ ވައިރޯޅިއެއް ފަދައޭ އޮތް ބަހުގެ މާނައަކީ އެ ދީލަތިކަމުގެ ފައިދާ ކުދި ބޮޑު އެންމެނަށް ފޯރާ ކަމާއި ދެމިގެން ދާ ކަމުގައިވާ ކަމަށްޓަކަ އެވެ.

ހެޔޮ ކަމަށް އެދޭ މީހާ އަވަސްވެ ގަތުމަށާއި، ނުބައި ކަމަށް އެދޭ މީހާ އޭނާގެ ނުބައިކަމުން ދުރުވުމަށް، ރޯދަ މަސް ފެށޭ ހިނދު އުޑުތަކުގައި ނިދާ އިއްވެވޭކަމުގައި ރިވާވެފައި ވެއެވެ. އަދި ރޯދަމަހުގެ ކޮންމެ ރެއެއްގައި މާތް ﷲ ގެ އަޅުތަކުންކުރެ ބަޔަކު ނަރަކައިން ނަޖާ ކުރައްވާ ކަމުގައި ވެސް ހަދީސްފުޅުތަކުގައި ބަޔާން ވެފައި ވެއެވެ. ވީމާ، ރޯދަމަހުގެ ހެޔޮ ދަރުމަ އެދޭމީހާ، އޭނާގެ ހެޔޮ ކަމާއި އިހްސާންތެރިކަން މީސްތަކުންނަށް ފޯރު ކޮށް ދިނުމަށް އަވަސް ވެގަންނަޖެހެ އެވެ.

ސޮދަގާތް ކުރުމަކީ ބޮޑެތި އަދަދުތަކުގެ މުދަލުން ކުރެވޭ ހޭދައެއް ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވެ އެވެ. ނަމަވެސް އަހާއަށް ހިތްހެޔޮ ކަމާއެކު ހިނިތުންވެލުމަކީ ވެސް ސޮދަގާތެއްކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުތަކުގައި ވެއެވެ. އެއީވެސް ދަރުމަ އާއި ސަވާބު ލިބޭ ކަމެކެވެ. ހެޔޮ އަމަލުތަކުގެ ތެރެއިން އެއްވެސް ކަމަކީ މާ މަދު، މާ ދެރަވަރުގެ ކަމެއްކަމުގައި ނުދެކުމަށް ވެސް އެ ހަދީސްފުޅުގައި އަންގަވާފައި ވެއެވެ.

ހަމައެކަނި މި ހަދީސްފުޅަށް ވިސްނާލުމުން ވެސް ކިތަންމެ ކުޑަ މިންވަރަކުން ސޮދަގާތް ކުރި ނަމަވެސް އެއީ ދަރުމަ އާއި ސަވާބުން ފުރިގެންވާ އަމަލެއް ކަމަށް އެނގިގެން ދެއެވެ.

ރޯދަވެރީންނަށް ރޯދަވީއްލަން ދިނުމަކީ ކުރެވިދާނެ އެންމެ ހެޔޮ ވެގެންވާ ސޮދަގާތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަދީސްފުޅެއްގެ މާނައިގައި ވެއެވެ. ރޯދަވެރިޔަކަށް ރޯދަ ވީއްލަން ދީފިނަމަ، އެ ރޯދަވެރިޔާގެ ރޯދައިން އެއްވެސް އުނިވުމަކާއި ނުލާ، ރޯދަވީއްލަން ދިން މީހާއަށް ވެސް ރޯދަވެރިޔާއަށް ލިބޭ ދަރުމަ އާއި ސަވާބާ އެއްފަދަ ދަރުމަ އިތުރު ކޮށް ދެއްވާނެ އެވެ.

ރޯދަމަހަކީ ބަރަކާތާއި ދަރުމައިގެ މާތްވެގެންވާ ވަގުތުތަކެއް ކަމުގައިވީ ހިނދު، އެފަދަ މާތްވެގެންވާ ވަގުތުތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމަޔާއި ސަވާބު ވެސް އިތުރުވެގެން ދާނޭ ކަމުގައި އިލްމުވެރިން ވިދާޅު ވެއެވެ.

ވީހާވެސް މި މައްސަރު ސަދަގާތް ކުރުން ގިނަ ކުރާށެވެ. އެއީ ތިމާއަށް ސަވާބާއި ދަރުމަ ލިބުމުގެ އިތުރުން މުދަލުގައި ބަރަކާތްލެއްވި އަދި އެ މުދާ އިތުރުވެގެންދާ މަގެއް ކަމުގައިވާނެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ