ހަބަރު

މިއީ ޕެންޝަން ފައިސާ މުހިންމު ވަގުތު: ސަލީމް

May 9, 2020
5

އިގްތިސޯދު އޮތީ ވެންޓިލޭޓަރުގައި ކަމަށާ، މި ވަގުތަކީ ޕެންޝަން ފައިސާ ރައްޔިތުންނަށް ލިބެން އެންމެ މުހިންމު ވަގުތު ކަމަށް، ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގައުމާއި އިގްތިސާދުވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެހެންވެ، މި ވަގުތަކީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް މުހިންމު ދަނޑިވަޅު ކަމަށެވެ. އަދި މިހާލަތުގައި 65 އަހަރު ވެދާނެކަމުގެ އުންމީދު އެއްވެސް މީހަކަށް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

ޕެންޝަން ފަންޑުގެ ފައިސާ ނެގޭނެ ގޮތް ތަކެއް ހަދައި ދޭން، ބައެއް ސިޔާސީ މީހުން ދަނީ ގޮވަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކަމެއް ދިމާވާއިރަށް ފައިސާ ނެގޭ ގޮތަށް ކުރިން ސަރުކާރުން ޕްރޮވިޑެންޑް ޕަންޑެއް އޮތް ކަމަށެވެ. ނަމަވެސް ޕެންޝަން ފަންޑުން ބޭނުންއިރަކު ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.

ޕެންޝަން ފަންޑު އުފައްދާފައިވަނީ މީގެ 10 އަހަރު ކުރިން ޕެންޝަން ގާނޫނެއް ގެނައުމަށްފަހު އެވެ. މި ފަންޑުގައި މިހާތަނަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އެބަހުއްޓެވެ.