އައްޑޫ ސިޓީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމައިފި އެވެ. އައްޑޫ ލޮކްޑައުން ކޮށްފައި ވަނީ އެ އަތޮޅުން ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވްވެފައި ވަނިކޮށެވެ.
އައްޑޫ ލޮކްޑައުން ކޮށްފައިވާކަން އިއުލާން ކޮށްފައި ވަނީ އެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާރު އޮތީ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތެއް ކަމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން މަނާ ކޮށްފައިވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވި އެވެ.
އޭގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދައި ދެވޭނެ އިންތިޒާމްތައް އެ ކައުންސިލުން ހަމަޖައްސާފައިވާ ކަމަށާއި ބޭރަށް ދިޔުމަށް ހުއްދަތަކެއް ދޫކުރަން ފަށާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އައްޑޫ އިން ކޮވިޑަށް ޕޮޒިޓްވްވި މީހާއަކީ ސ. މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެމީހާ ބަލިވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން އެ އަތޮޅުގައި ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.