ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 19 މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 785 އަށް

މާލެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 785 އަށް އަރައިފި އެވެ.

މިރޭ އެންއީއޯސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުންގެ އިތުރުން އިތުރު 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު ޕޮޒިޓިވްވީ މީހުންގެ އަަދަދު ވަނީ 41 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 785 މީހުންނަށް ބަލި ޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 256 ދިވެހިންނާއި 528 ބިދޭސީންނެވެ.

މަބުރޫކް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5،180 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 291 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ބާރަށް ފެތުރެމުންދާއިރު މާލެ އާއި ހުޅުމާލެ އަދި ވިލިާމޭގެ އިތުރުން އައްޑޫ ސިޓީ ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.