ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރި މީހުންގެ ތެރެއިން 2،300 ވުރެ ގިނަ މީހުން ދޫކޮށްލައިފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކަރަންޓީންގައި 14 ދުވަސް ހޭދަކުރުމަށްފަހު ކޮންމެ ދުވަހަކުހެން މީހުން ދޫކުރަމުންދާ ކަމަށެވެ. އެމީހުން ދޫކޮށްލަމުންދަނީ ކަރަންޓީންގައި 14 ދުވަސް ހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ވުމުންނެވެ.
މަބުރޫކް ވިދާޅުވީ މިއަދު އެކަނިވެސް 130 މީހުން ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ. މިއަދުގެ ނިޔަލަށް 2،370 މީހުން ދޫކޮށްލާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު 41 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާ އެ މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ މާދަމާ ދޫކޮށްލާނެ ކަމަށެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއާއި އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވެފައިވާ މީހުންވެސް ގެންދަނީ ކަރަންޓީން ކުރަމުންނެވެ. އެހެން ކަމުން ކަރަންޓީން ކުރުމަށް ގިނަ ތަންތަން ވަނީ ހާއްސަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކެވެ. ވަރަށް ގިނަ ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ބޭނުން ކުރަމުން ގެންދެއެވެ.
ކަރަންޓީންގައި ތިބޭ މީހުންނަށް ދައުލަތުން ކޮންމެ ދުވަހަކު 750 ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ. އެ ހަރަދު ކުރަނީ އެމީހުންގެ ކެއިންބުމާއި އެހެނިހެން ހަރަދުތަކަށެވެ. ރިސޯޓްތައް ދޫކޮށްފައިވަނީ އިތުރު ފައިސާއެއް ސަރުކާރުން ދައްކަން ނުޖެހޭ ގޮތަށެވެ. ނަމަވެސް ކަރަންޓީން ފެސިލިޓީ ހެދުމަށް ރިސޯޓް ދީފައިވާ މުއްދަތުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތަކަށް ލުއި ލިބޭނެއެވެ.
މިރޭގެ ނިޔަލަށް 719 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 1،521 މީހުން ކަރަންޓީންގައި އެބަތިއްބެވެ.