އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގައި ތަކެތި ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދޮގު ކޮށްފި އެވެ.
ފުރަތަމަ ފަހަރަށް އައްޑޫން ވެސް ވަނީ ކޮވިޑަށް މީހަކު ޕޮޒިޓްވް ވެފަ އެވެ. އެ މީހަކީ މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެ މީހާ ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.
އައްޑޫން ކޮވިޑްގެ މީހަކު ފެނިފައި ވާއިރު އެ ސިޓީގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތުމުން އެކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލާއި، ރައްޔިތުން ވަނީ ފާޅު ކޮށްފަ އެވެ. އަދި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގައި މިވަގުތަށް ބޭނުންވާ މުހިންމު ބައެއް ތަކެތި ނެތް ކަމަށް ބުނެ ވެސް ވާހަކަތައް ފެތުރެމުން ދެ އެވެ.
އެކަމަކު މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ތަރުޖަމާނު މަބުރޫކް ވިދާޅުވީ އައްޑޫ ހޮސްޕިޓަލްގައި ތަކެތި ނެތް ކަމަށް ބުނަނީ ކީއްވެގެންކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިވަގުތު އެ ހޮސްޕިޓަލުގެ ސްޓޮކްގައި ހުރި ތަކެތީގެ ބައެއް ތަފްސީލު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ހޮސްޕިޓަލްގައި މިވަގުތު 280 ގައުން ސްޓޮކާއި 15 ބޮކްސް މާސްކާއި ސެނެޓައިޒާގެ 88 ފުޅި އެބަހުރި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަކަށް ނޭންގޭ އެހެންވީމަ ތަކެތި ނެތް ކަމަށް ބުނަނީ ކީއްވެގެން ކަމެއް."
މަބުރޫކް ވިދާޅުވީ އައްޑޫން ޕޮޒިޓިވްވި މީހާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓެއް ވެސް ހަދާ ކަމަށެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 26 މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ މީހާއާ ކޮންޓެކްޓްވި ހޮސްޕިޓަލްގެ ގިނަ އަދަދެއްގެ މުއައްޒަފުން ވެސް ހިމެނެ އެވެ. އެއީ ހަތް ޑޮކްޓަރުންނާއި 10 ނަރުހުންނެވެ. އެ މީހުން އައިސޮލޭޓްކުރީ ހޮސްޕިޓަލްގައި އެކަމަށް ހާއްސަ ކުރި ތަނެއްގަ އެވެ.
ދެން ހިމެނެނީ ޕޮޒިޓިވްވީ މީހާގެ އާއިލާ ބައެކެވެ. އެ މީހުންވެސް މިވަގުތު ތިބީ ހޯމް އައިސޮލޭޝަންގަ އެވެ.
އައްޑޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އަދި އެ ސިޓީގައި ކޮމިއުނިޓީސްޕްރެޑެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.