ދީން

ރޯދަ މަހަކީ ގުރުއާން ކިޔެވުމުގެ މަހެއް!

މިއީ ކީރިތި ގުރުއާނުގެ މައްސަރެވެ. ކީރިތި ގުރުއާން ބާވާލަންވަން ފެއްޓެވީ ރޯދަ މަހުގަ އެވެ. އެކަން ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައި ވެއެވެ.

ގުރްއާން ބާވައިލެއްވުނީ ތިން ބާވައިލެއްވުމަކުންނެވެ. ފުރަތަމަ ބާވައިލެއްވުމަކީ ލައުހުލް މަހުފޫޒަށް ބާވައިލެއްވުމެވެ. ދެވަނަ ބާވައިލެއްވުމަކީ ބައިތުލް އިއްޒާއިން ދުނިޔޭގެ އުޑަށް ބާވައި ލެއްވުމެވެ. ތިންވަނަ ބާވައިލެއްވުމަކީ ވަކިވަކީ ކީރިތި ރަސޫލާއަށް ބާވައިލެއްވި ބާވައިލެއްވުމެވެ. ބަގަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ރޯދަ މަހު ގުރްއާން ބާވައިލެއްވުނީ އެކީ އެކައްޗަކަށް ބައިތުލް ޢިއްޒާއިން ދުނިޔޭގެ އުޑަށް ކަމުގައި އިލްމުވެރިން އިއްތިފާގުވެ ވަޑައިގަންނަވަ އެވެ.

ރޯދަމަހު ކީރިތި ގުރްއާން ކިޔަވައި ވިދާޅުވުމަށް ރަސޫލު ﷲ صلى الله عليه وسلم ހާއްސަ ސަމާލުކަމެއް ދެއްވި އެވެ.

މި ދުވަސްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް އަނބިއަނބިކަނބަލުންނާއި ގާތް ބޭފުޅުންނަށް އަދި އުންމަތަށް އެކަލޭގެފާނު ވަސިއްޔަތް ކުރެއްވި އެވެ. ސަލަފުއްސޯލިހުން މި ދުވަސްތަކުގައި ގުރުއާން ކިޔެވުމަށް ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވި އެވެ. އެކަމަށް ގަދައަޅާ މަސައްކަތް ކުރެއްވި އެވެ. ވީމާ މި މަތިވެރި މައްސަރުގައި ކީރިތި ގުރުއާން ކިޔެވުމަށް ހާއްސަ އިސްކަމެއް ދޭން ޖެހެ އެވެ.

އަލްއިމާމުލް ބުހާރީއާއި އަލްއިމާމު މުސްލިމު ރިވާ ކުރައްވާފައި ވެއެވެ. އިބްނު އައްބާސް رضي الله عنهما ވިދާޅުވި އެވެ:

"ނަބިއްޔާ صلى الله عليه وسلم ގެ ދީލަތިކަން އެންމެ އިތުރުވަނީ ރަމަލާން މަހުގަ އެވެ. ވަކީން ހާއްސަކޮށް ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނާ ބައްދަލު ކުރައްވާ ހިނދުގަ އެވެ. ރޯދަމަހުގެ ކޮންމެ ރެޔަކު އެކަލޭގެފާނާގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެން، އެ ދެބޭކަލުން ގުރްއާން މުދާރަސާ ކުރައްވަ އެވެ."

މި ހަދީސްފުޅުގެ ޝަރަހައިގައި އިލްމުވެރިން ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ބައެއް ފަހަރު ކިޔަވާ ވިދާޅުވެވަޑައިގަންނަވަ އެވެ. އަދި އަނެއްބައި ފަހަރަށް ޖިބްރީލްގެފާނު ކިޔަވާވިދާޅުވާ އަޑު އައްސަވަން އިންނަވަ އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވި އަހަރުގެ ރަމަލާން މަހުގައި ޖިބްރީލްގެފާނާ އެކުގައި ދެފަހަރު ގުރްއާން ހަތިމް ކުރެއްވިކަމުގައި ވެއެވެ. އެފަދައިން އެ ދެބޭކަލުން ގުރްއާން ކިޔެވުން ދެކެވަޑައިގެންފައިވާ ބޭކަލުންގެ ތެރޭގައި ޒައިދު ބުނު ސާބިތު رضي الله عنه ހިމެނެއެވެ. ޒައިދުގެފާނަކި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ގުރްއާންގެ އާޔަތްތައް ލިޔުއްވުމުގައި ރަސްމީކޮށް އުޅުއްވި ބޭކަލެއް ވެސް މެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ގުރްއާން ކިޔަވާ ވިދާޅުވާ އަޑު އެހުމަށް ލޯބިކުރައްވާކަމުގައިވެސް ރިވާވެގެންވެއެވެ. އަދި އެފަދައިން ގުރްއާން އަޑު އައްސަވާހިނދު، ހަނުހުނެވުމާއި، އެބަސްފުޅުތަކުގެ އަޑު އިވިވަޑައިގަތުމުން އިތުރު އެކަލޭގެފާނުގެ ދެލޯފުޅުން އޮހޮރެމުންދާ ކަރުނަ ކޯތާފަތްޕުޅު މައްޗަށް ފައިބާ ކަމުގައިވެސް ވެއެވެ.

އުއްމަތުގެ އިސްވެދިޔަ ޖީލުތަކުގެ ސޯލިހު ބޭކަލުން ރަމަޟާންމަހު ގުރްއާން ކިޔަވައި ވިދާޅުވުމަށް ނުހަނު ބޮޑަށް ސަމާލުކަން ދެއްވެވިއެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން ކޮންމެ ހަފްތާއަކު އެއްފަހަރު ހަތިމު ކުރައްވާކަމުގައިވެއެވެ. އަދި ކޮންމެ ތިން ދުވަހަކުން ހަތިމު ކުރެއްވި ބޭބޭކަލުންވެސް ތިއްބެއްވިއެވެ. އެގޮތުން އަލްއިމާމުއް ޝާފިއީ ކޮންމެ ދުވަހަކު ހަތިމެއް އަދި ކޮންމެ ރެޔަކު ހަތިމެއް ކުރައްވައެވެ. ހަމައެފަދައިން އިމާމުލް ބުހާރީވެސް ކިޔަވާ ވިދާޅުވާ ކަމުގައިވެއެވެ. އަދި އިމާމު މާލިކު ރޯދަމަހު ކިޔަވައިދިނުމުގެ ހުރިހާ މަސައްކަތަކުން ދުރުވެވަޑައިގެން ހަމައެކަނި ކީރިތި ގުރްއާން ކިޔެވުމަށް ހުސްވެވަޑައިގަންނަވައެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ