މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 ޖެހުނު މީހުން އަދަދު ހަތަރު މިލިއަނަށް އަރައިފި އެވެ.
މިދިޔަ ޑިސެންބަރު މަހު ފެތުރެންފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގައުމަކަށް މި ބަލި ފެތުރި މިރޭގެ ނިޔަލަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 278،000 ވުރެ މައްޗަށް އަރާފައެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ އެމެރިކާ މީހުންނެވެ. އެ ގައުމުން އެކަނިވެސް 1.3 މިލިއަން މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 78،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގައި 216،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 31،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޓަލީން 218،000 ވުރެ ގިނަ މީހުން ބަލި ޖެހި، 30،000 ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ފްރާސްއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 170،000 ވުރެ މައްޗަށް ގޮސްފައެވެ. އެ ގައުމުން ކޮވިޑްގައި 26،000 ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ސްޕްއިންގައި 222،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 26،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 792 އަށް އަރާފައިވާއިރު މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ.