ވާގި ނެތިފައިވާ 79 އަހަރުގެ މަންމައަކު ވަޅުލާފައި އޮންނަތާ ތިން ދުވަސް ފަހުން ސަލާމަތް ކޮށްފި އެވެ. ޗައިނާގެ ޝާންޒީ ޕްރޮވިންސްގައި ހިނގި މި ހާދިސާގައި އަންހެން މީހާ ވަޅުލި ކަމަށް ވަނީ އޭނާގެ ފިރިހެން ދަރިފުޅެވެ. އެ ފިރިހެންމީހާ ވަނީ މީހުން ނޫޅޭ ފަޅު ހިސާބުގަނޑަކަށް އޭނާގެ މަންނަ ގޮވައިގެން ގޮސް ކުރިން މީހަކު ވަޅުލާފައިވާ ވަޅުގަނޑެއްގައި ވަޅުލާފަ އެވެ. އެ ވަޅުގަނޑު ތެރޭގައި އަންހެންމީހާ ތިން ދުވަސް ވަންދެން މަރާ ހަނގުރާމަ ކޮށްކޮށް އޮތެވެ.
ވަންގް ނަމަކަށް ކިޔާ މި އަންހެންމީހާ ވަޅުގަނޑުން ނަގާ މަންޒަރުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. އެއްވެސް ހަރަކާތެއް ނެތް މި އަންހެންމީހާ ވަޅުގަނޑުން ނެގިއިރު އޮތީ ހިރަފުހާ ތަތްތެޅިފަ އެވެ. އޭނާ ނަގާ ބިންމަތީ ބޭއްވުމަށްފަހު ގައިމަތިން ފޮތިގަނޑެއް އަޅާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
މި މައްސަލައިގެ ތަހުގީގުތައް ޗައިނާ ފުލުހުން ފަށާފައިވާއިރު 58 އަހަރުގެ މި ފިރިހެންމީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ނުކުޅެދޭ މި އަންހެން މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު އިތުރަށް ގޯސް ނުވާ ކަމަށެވެ.
އަންހެންމީހާ ވަޅުގަނޑުން ސަލާމަތްކުރަން ފުލުހުންނަށް އެހި ސާބަށް ދާން އެނގުނީ ފިރިހެންމީހާގެ އަންހެނުން ފުލުހުންނަށް ގުޅާފައި އެ މައުލޫމާތު ހިއްސާ ކުރުމުންނެވެ. ފިރިމީހާ އޭނާގެ މަންމަ ގާޑިޔާގަނޑަކަށް ލައިގެން މޭ ދެ ވަނަ ދުވަހު ގެންދިޔަ ގޮތަކަށް މައިދައިތަގެ ޚަބަރެއް ނުވާކަމަށް ރިޕޯޓުކުރި އަންހެންމީހާ ބުނި ކަމަށް ވެއެވެ.
ލޯކަލް މީޑިއާއިން ބުނެފައިވަނީ އެ ގާޑިޔާގަނޑު ހިފައިގެން މޭ ތިން ވަނަ ދުވަހު ފިރިހެންމީހާ އެނބުރި ގެއަށް އައިއިރު މައިދައިތަ ނެތް ކަމަށެވެ. މަންމަ ކޮބައިތޯ ސުވާލުކުރުމުން ޑްރައިވަރަކާ ހަވާލުކޮށްފަ ތިމާގެ މީހެއްގެ ގެޔަށް ފޮނުވާލީ ކަމަށް ފިރިހެންމީހާ ވަނީ އޭނާ އަންހެނުން ކައިރީ ބުނެފަ އެވެ.
ނަމަވެސް ތިން ދުވަސް ވަންދެން މައިދައިތަ ހުރި ތަނެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން މާ ގެ އަންހެނުން އޭނާގެ މައިދައިތަ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އެވެ. ފުލުހުން އައިސް އެ މީހާއ ސުވާލުކުރަން ފެށުމުން އެންމެ ފަހުން މަންމަ ވަޅުލީ ކަމަށް އެއްބަސްވީ ކަމަށް ވެސް ޗައިނާގެ ނޫސްތަކުން ބުނެ އެވެ.
އެމީހާ ވަޅުލި ކަމަށް ބުނާ ސަރަހައްދު ހޯދަމުން ދަނިކޮށް އެ މީހާ ވަޅުލާފައި އޮތް ވަޅުގަނޑު ފެނި އެތަން ކޮންނަން ފެށިތާ އަންހެންމީހާ އެހީއަށް އެދި ރޯ އަޑު ވެސް އިވެން ފެށިކަމަށް އޮފިޝަލުން ވަނި ބުނެފަ އެވެ.