ރިޝީ ކަޕޫރުގެ ކުއްލި ވަކިވެ ދިއުމާއެކު ހިންދީ ފިލްމު އިންޑަސްޓްރީ އާއި އޭނާގެ އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. އަދި ރިޝީގެ 50 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި އޭނާ ކުޅެފައިވާ ރީތި ގިނަ ފިލްމުތަކުގެ ހަނދާންތައް މީހުން އާކުރެ އެވެ.
ރިޝީގެ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރަކީ ވެސް އޭނާގެ ބައްޕަ ފަދަ ކުޅަދާނަ އެކްޓަރެކެވެ. ރަންބީރު ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ ވަނީ އަގު ނުކުރެވޭ ވަރުގެ ވަރަށް ބޮޑު ދެ ހަދިޔާއެއް އޭނާއަށް ދީފަ އެވެ.
ރިޝީ 2017 ގައި ނެރުނު އޭނާގެ ބައިގްރޮފީ "ކުއްލަމް ކުއްލާ: ރިޝީ ކަޕޫރު އަންސެންސާޑް" ގައި ރިޝީ އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ހިތުގައިވާ ހުރިހާ ވާހަކަތަކެއް ހާމަކޮށްފައި ވެއެވެ. މި ފޮތުގައި ރިޝީ ދައްކާފައި ހުރި ވާހަކަ ތަކަކީ އެއްވެސް ފޮނިތޮށި ކާފޫރުތޮޅިއެއް އެޅުމެއް ނެތި ކިޔައިދީފައިވާ ވާހަކަ ތަކެކެވެ. މި ފޮތުގައި ރަންބީރު ކަޕޫރު ލިޔެފައިވާ ޚާއްސަ ލިޔުންކޮޅެއް ވެސް ވެއެވެ.
އެ ލިޔުމުގައި ރަންބީރު ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައާ ދޭތެރޭ ވިސްނާލާއިރު ބައްޕަ ދީފައިވާ ވަރަށް ރަނގަޅު ދެ ހަދިޔާއެއް އޭނާއަށް ލިބިފައިވާ ކަމަށް ގަބޫލު ކުރެ ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ހަދިޔާއަކީ އޭނާގެ ދައްތަ ރިދިމާ އަށާއި އޭނާއަށް އެއްވެސް ކަހަލަ ޝަރުތެއް ނެތި އެމީހުންގެ މަންމަ ދެކެ ލޯބިވާނެ ފުރުސަތު ބައްޕަ ހޯދައިދީފައި ވުމެވެ.
"މަންމައަކީ އަހަރެމެން އެންމެންގެ ވެސް ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ދޭންޖެހޭ މީހާކަމަށް ބައްޕަ މިސާލުން ދެއްކި. އަދި މަންމަ ހުރިއްޔާމުން އަހަރެމެންނަށް ހަޔާތުގައި އަންނަ އަޑިގަނޑުތަކުން ފަސޭހައިން އަރައިގަނެވޭނެކަން އަހަރެމެންނަށް ގަބޫލު ކުރެވޭ،" ރަންބީރުގެ ލިޔުމުގައި ވެއެވެ.
އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ބައްޕަ އޭނާއަށް ދީފައިވާ ދެ ވަނަ އަށް އެންމެ އަގުހުރި ހަދިޔާއަކީ ރަނގަޅު ފިރިއެއްގެ ގޮތުގައި މަންމައަށް ދެއްކި ނަމޫނާ އެވެ.
ރިޝީ އާއި ނީތޫގެ މެދުގައި އަރާރުމާއި ހަނގުރާމަ ނެތެކޭ ނޫނެވެ. ނަމަވެސް އެވަރަށް ލޯތްބާއި އޯގާތެރިވަން ވެސް ނީތޫ އާއި ދެ ދަރިންނަށް ރިޝީ ދިނެވެ. އޭނާގެ ހަޔާތުގެ އެންމެ ވޭނާއި ކެކުޅުމުގައި ހޭދަކުރި ފަހު ދުވަސްތައް ކެތްތެރިކަމާއި އޯގާތެރިކަމާއެކު އޭނާއަށް ޚިދުމަތްކުރުމަށް ނީތޫ ހުސްކޮށްލީ ހަމަ ގައިމުވެސް ރިޝީ ވެސް ފިރިއެއްގެ ހައިސިއްޔަތުން އޭނާއަށް ދޭންވާ ލޯތްބާއި އަޅާލުން ދީފައިވާތީ ކަމަށް ބެލެވެ އެވެ.
ވީމާ ބައްޕަގެ ފަރާތުން ލިބުނު މި އަގުހުރި ދެ ހަދިޔާ ރަންބީރު އޭނާގެ ދަރިންގެ ދަރިންނަށް ވާރުތަ ކޮށްދޭން މަސައްކަތް ކުރާނެ ކަން ޔަގީނެވެ.