ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ކުޑަކުދިންގެ ސިޔާސަތުތައް ވަރުގަދަ ކުރަން ބޭނުން"

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރެވޭއިރު ކުޑަކުދިންތައް އެ ބަލިން ރައްކާތެރި ކުރުމާ އެކު އެ ކުދިންނަށް އުފާވެރި މުސްތަގުބަލެއް ދިނުމަށް ސަރުކާރުގެ ސިޔާސަތުތައް މިއަށްވުރެ ވަރުގަދަ ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ ސަރުކާރުގެ އަމާޒާއި ސިޔާސަތުތައް އަލުން ވަރުގަދަކޮށް، ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ލިބި، އެ ކުދިންނަށް ބޭނުންވާ ދުޅަހެޔޮ ކާނާ އާއި، ތައުލީމުގެ ފުރުސަތުތަކާއި، އެކި ގޯނާތަކުން ރައްކާތެރިކަން ލިބިގެން ދިއުން،" ރައީސްގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 790 މީހަކު ފެނިފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. މި ގޮތުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖަކާއި، ދެ އަހަރުގެ ދެ ކުދިންނާއި ފަސް އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ބަލިން ރައްކާތެރިވާން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅާއި މިދިޔަ އަހަރުގެ ކުރީކޮޅުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. އޭގެ ތެރޭގައި ވެސް އަހަރާއި ދެ އަހަރު ފުރިފައިވާ ތުއްތު ކުޑަކުދިން ހިމެނެ އެވެ. ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ބެލުން އަވަސް ކުރަން ވެސް ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކުޑަކުދިންނަށް ދުޅަހެޔޮ ކާނާ ދިނުން ކަށަވަރު ކުރުމަށް ޓަކައި މި ސަރުކާރުން ވަނީ ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެ ޕްރޮގްރާމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.