ހަބަރު

ކުދިންގެ ހައްގުތައް ހިމާޔަތް ކުރަން އެޗްއާރްސީއެމް ގޮވާލައިފި

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށް ވާއިރު ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭ ނަމަ ލަސް ނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން އެޗްއާރްސީއެމް އިން ގޮވާލައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ޖެހިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ހާލަތެއްގައި ކަމަށް ވާއިރު އެ ކުދިންގެ ހައްގުތައް ހިމާޔަތްްކޮށް ރައްކާތެރިކަން ފޯރު ކޮށް ދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ސްކޫލްތަކާއި ތައުލީމުދޭ އެހެނިހެން މަރުކަޒުތައް ބަންދު ކޮށްފައިވާއިރު ދަރިވަރުންގެ އުނގެނުމުގެ ހައްގު ކަށަވަރު ކުރުމަށް ދައުލަތާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ވެގެން ދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހަދަން ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

މީގެ އިތުރުން ހާއްސަ އެހީ އާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އާއިލާއިންނާއި ދައުލަތުން ފޯރު ކޮށްދޭން ޖެހޭ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.