ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިމަހު 45 ވެންޓިލޭޓަރު ގެނެވޭނެ: މަބުރޫކް

މިމަހުގެ ތެރޭގައި 45 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރި، އެ ބަލި ޖެހޭ މީހުންގެ ތެރެއިން ހާލުސީރިއަސްވާ އެތައް ބަޔަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހުމުން ހުރިހާ ގައުމުތަކަށްވެސް ވެންޓިލޭޓަރުގެ ބޭނުން މުހިންމުވި ކަމަށެވެ.

އެހެން ކަމުން ވެންޓިލޭޓަރު ހޯދުމުގައި ދަތިތަކެެއް ކުރިމަތިވުމުން އެކަމުގައި އެހީތެރި ކަމަކަށް ޑަބްލިއުއެޗްއޯގައި އެދުނު ކަމަށެވެ. މަބުރޫކް ވިދާޅުވީ ޑަބްލިއުއެޗްއޯގައި އެދުނީ ވެންޓިލޭޓަރު ހޯދުމުގައި އެހީތެރިވުމަށް ކަމަށާ މިހާރު ހޯދާ ވެންޓިލޭޓަރަކީ އެ ޖަމާއަތުގެ ހަރަދުގައި ހޯދާ ތަކެއްޗެއް ނޫން ކަމަށެވެ.

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން ބައެއް ވެންޓިލޭޓަރު މިހާރު ވަނީ ގެނެސްފައެވެ. ތިން ކުންފުންޏަކަށް 145 ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައިވާއިރު މެޑްޓެކް ކިޔާ ކުންފުންޏަކުން ވަނީ 18 ވެންޓިލޭޓަރު ގެނެސްފައެވެ.

މަބުރޫކް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު 10 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި 35 ވެންޓިލޭޓަރު މިމަހުގެ 25 ހިސާބުގައި ގެނެވޭނެ ކަމަށެވެ. އަދި ދެން ހުރި މެޝިންތައް ގެނެވޭނީ އަންނަ މަހު ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ބިޑް ކުރުމެއްނެތި ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ކުންފުނިތައް ކަނޑައެޅި ގޮތާއި، ވެންޓިލޭޓަރުތައް ކަނޑައެޅި ތާރީހުގައި ނުގެނެވުމުން އެކަމަށް ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަޖިލީހުންވެސް އެކަން ދަނީ ބަލަމުންނެވެ.