ދީން

ގަސްތުގައި ދޫކޮށްލާ ރޯދައާމެދު އަމަލުކުރާނީ ކިހިނެތް؟

މުސްލިމުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުން ހުރެ ރޯދަ މަހާ ބައްދަލުވެއްޖެ ކޮންމެ މީހަކު ރޯދަ ހިފުން ވަނީ ފަރުލު ކުރައްވާފަ އެވެ. އަދި ބަލި ހާލަގައިވާ މީހާއާއި ދަތުރުވެރިންނަށް ލުއި ދެއްވައި، ރޯދަ މަހުގެ ރޯދައެއް ދޫކޮށްލުމަށް އޮތް އުޒުރެއް ކަމުގައި އެ ދެ ސަބަބު ލައްވާފައި ވެއެވެ. ބަލި ހާލުގެ ސަބަބުން ނުވަތަ ދަތުރެއްގައި ވުމުގެ ސަބަބުން ރޯދަ ދޫކޮށްލައިފި މީހާ އެހެން ދުވަސްތަކެއްގައި އެ ރޯދަ ގަލޯ ކުރުމުން ފުދޭނެ އެވެ.

ރޯދައިގެ އަޅުކަމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޝަރުއީ އުޒުރެއް ނެތި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައެކެވެ.

ގަސްތުގައި ރޯދަ ދޫކޮށްލައި ރޯދަމަހު ކައިބޮއި ހަދައިފި މީހަކު، އެ ކުރެވުނު ފާފައިން ތައުބާވެ ދެން ކަން ކުރާނޭ ގޮތަކާމެދު ބަލައިލުން މުހިންމެވެ.

ގަސްދުގައި ރޯދަ ދޫކޮށްލައިފި މީހަކު އޭގެ ބަދަލުގައި ވިދިވިދިގެން 30 ދުވަހުގެ ރޯދަ ހިފަން ޖެހޭނެ ކަމަށް ބުނާ ބުނުމަކީ ކުށް މައުލޫމާތެކެވެ. އަދި ބައެއް މީހުންނަށް ހީވެފައި އޮންނަ ކުށް ހީއެކެވެ. ނަމަވެސް ރޯދަމަހު ދުވާލު ދެމަފިރިން އެއްދާން ކޮށްފިނަމަ އެކަމުގެ ކަށްފާރާއެއްގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަސް ނުވަތަ 60 ދުވަހު ރޯދަ ހިފަން ވަނީ ކަނޑައަަޅުއްވާފަ އެވެ.

ގަސްތުގައި ރޯދައެއް ދޫކޮށްލައި ދުވާލު ކައިފިމީހާއަށް އޮތީ ތައުބާ ވުމެވެ. އެއާކު އެ ރޯދަ ގަލޯ ކުރަން ޖެހޭނެ ކަމުގައި އިލްމުވެރިން ދެކެ ވަޑައިގަންނަވަ އެވެ. ކުރީގެ ބޮޑެތި ދަންނަބޭކަލުންގެ ތެރެއިން އިބްނު އަބްދުލް ބައްރު رحمه الله ވިދާޅުވެފައިވެއެވެ. "މުސްލިމަކު ގަސްތުގައި ރޯދައެއް ދޫކޮށްލުމަކީ ބޮޑުވެގެންވާ ނުބައި ފާފައެއްކަމާއި، އެފަދަ މީހަކު ތައުބާވެ އެ ރޯދަ ގަލޯ ކުރަން ޖެހޭނޭ ކަމުގައި އުއްމަތުގެ ދަންނަބޭކަލުން ވަނީ އިއްތިފާގުވެފަ އެވެ."

ނަމަވެސް މި މައްސަލައިގައި ގައި އިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިލާފެއް ވެއެވެ.

ސައުދީ އަރަބިޔާގެ ކުރީގެ މުފްތީ، އައްޝައިހް ބިން ބާޒު رحمه الله ވިދާޅުވެފައި ވެއެވެ. "ގަސްތުގައި ރޯދަ ދޫކޮށްލާ މީހަކު ތައުބާވުން ވާޖިބު ވާނެ އެވެ. އަދި އޭނާ ދޫކޮށްލި ކޮންމެ ރޯދައެއްގެ ބަދަލުގައި ރޯދައެއް ހިފުމާއި، އަދި ކޮންމެ ރޯދައެއްގެ ބަދަލުގައި ކައްފާރާއެއްގެ ގޮތުގައި މިސްކީނަކަށް ކާންދޭން ވެސް ޖެހޭނެ އެވެ. އަދި މިސްކީނަކަށް ކާންދޭން ޖެހޭ މިންވަރަކީ ގާތްގަނޑަކަށް (ހަނޑުލުންނަމަ) ދޮޅު ކިލޯ އެވެ. ސަހާބީންގެ ތެރެއިން އިބްނު ޢައްބާސް رضي الله عنه ފަދަ ބޭކަލުންގެ އަރިހުން މިފަދައިން ރިވާވެގެންވެ އެވެ." (މަޖުމޫއު ފަތާވާ އިބްނު ބާޒް 15/346)

މި ރައުޔާ ހިލާފަށް ދެކެލައްވާ ބޭކަލުންގެ ތެރޭގައި ސައުދީ އަރަބިޔާގެ ދަންނަ ބޭކަލުންގެ ތެރެއިން ޝައިހު އިބްނު އުސައިމީން رحمه الله ހިމެނިވަޑައިގަންނަވަ އެވެ. އެބޭފުޅާ ވިދާޅުވެފައިވެއެވެ:

"މި މައްސަލައިގައި އެންމެ ރާޖިހު ގޮތަކީ (އެންމެ ރަނގަޅު ބަހަކީ) އުޒުރެއްނެތި ގަސްތުގައި ރޯދަ ދޫކޮށްލައިފި މީހަކު އެ ރޯދަ ގަލޯ ކުރުމެއް ނެތް ކަމެވެ. އެހެނީ އެރޯދަ ގަލޯ ކުރުމަކުން އޭނާއަށް ފައިދާއެއް ނެތެވެ. އަދި އޭނާގެ ކިބައިން އެ އަމަލު ގަބޫލު ނުކުރައްވާނެ އެވެ. އެހެނީ މިފަދަ މައްސަލަތަކުގައި އަމަލު ކުރެވޭ ގާއިދާއަކީ، ވަކި ވަގުތެއްގައި ކުރުމަށް ކަނޑައަޅުއްވާފައިވާ އަމަލެއް، އެވަގުތުގެ ތެރޭގައި ނުކޮށް ގަސްތުގައި ދޫކޮށްލައި ނުވަތަ ލަސްކޮށްލައިފި ނަމަ، ދެން އޭނާގެ ކިބައިން އެ އަމަލު ގަބޫލު ނުކުރެއްވޭނެ އެވެ." އެބަހީ އެފަދަ މީހަކަށް އޮތީ ތައުބާވެ، ދެން ދުވަހަކު ވެސް އެ ކުށަށް އަރައި ނުގަތުމެވެ. ތެދުވެރި ތައުބާއަކުން ތައުބާ ވެއްޖެ މީހެއްގެ ފާފާ މާތް ﷲ ފުއްސަވައިދެއްވާނޭ ކަމުގައިވަނީ ވައުދުވެ ވޮޑިގެންފައެވެ.

ގަސްތުގައި ރޯދަ ދޫކޮށްލާ މީހާއާއި ބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަދީސްފުޅެއްގެ މާނައިގައިވެ އެވެ. "ބަލިވުން ފަދަ އުޒުރެއް ނެތި، ގަސްތުގައި ރޯދަ ދޫކޮށްލާ މީހަކު އެއް އަހަރު ދުވަހު ރޯދަ ހިފިކަމުގައި ވިޔަސް އެ ރޯދަ ގަލޯ ނުކުރެވޭނެތެވެ." ނަމަވެސް މި ހަދީސަކީ ސައްހަ ހަދީސެއް ނޫން ކަމުގައި ހަދީސްގެ ފަނުންގެ އިލްމުވެރިންގެ ތެރެއިން އަލްއަލްބާނީ رحمه الله ފަދަ ބޭފުޅުންވަނީ ވިދާޅުވެފަ އެވެ.

ގަސްތުގައި ރޯދަ ދޫކޮށްލާ މީހުންނަށް ކަށްވަޅުގައި ވެސް ބޮޑެތި އަޒާބު ހުރިކަން ސުންނަތުން ސާބިތު ވެއެވެ. ވީމާ، މި ނުރައްކާތެރި ފާފައިން އެއްކިބާވާންޖެހޭނެއެވެ. އަދި މީގެ ކުރިން ގަސްތުގައި ރޯދައެއް ދޫކޮށްލެވިފައިވާނަމަ އޮތީ އަވަހަށް ތައުބާވުމެވެ. ހަގީގީ ތައުބާއަކުން ތައުބާވުމެވެ. ދެން ދުވަހަކު ވެސް އެފަދަ ފާފައެއް ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ