ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަރުމަނު: ލޮކްޑައުން ލުއި ކުރުމުން އަނެއްކާ ބަލި ފެތުރެނީ

May 11, 2020
1

ބާލިން (މެއި 11) - ކޮވިޑް-19 އާ ގުޅިގެން ޖަރުމަނުގައި އަޅާފައިވާ ލޮކްޑައުން ލުއި ކުރުމާއެކު، އެ ބަލި ފެތުރޭ މިންވަރު އަނެއްކާ ވެސް އިތުރުވަމުންދާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލޮކްޑައުން އުވާލުމަށް ގިނަ ބައަކު ގޮވާލަމުން ދަނިކޮށް، ޖަރުމަނު ޗާންސެލާ އެންޖެލާ މާކަލް ވަނީ އެ ގައުމުގެ 16 ސްޓޭޓުގެ ވެރިންނާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު މިދިއަ ބުދަ ދުވަހުން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދޭން ނިންމަވައިފަ އެވެ.

އެގޮތުން، ފިހާރަތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ އިތުރުން ބައެއް ކްލާސްތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ޖަރުމަނުގެ ފުޓުބޯޅަ ލީގު ވެސް ހަފުތާ ބަންދުގައި އަލުން ފެށުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ނަމަވެސް، ދިރާސާއަކުން ދައްކާ ގޮތުގައި، އެކަކު އަނެކަކު ކިބައިން ބަލި ފެތުރޭ މިންވަރު މިހާރު ވަނީ އެކަކަށް އިތުރުވެފަ އެވެ. އޭގެ މާނައަކީ، ބަލި ޖެހިފައިވާ މީހެއްގެ ކިބައިން އިތުރު މީހަކަށް އެ ބަލި މިހާރު ފެތުރެމުންދާ ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާއިރު ޖަރުމަނަކީ، އެންމެ ގިނަ މީހުނަށް އެ ބަލި ޖެހުނު ހަތް ވަނަ ގައުމެވެ. އެގޮތުން، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 169،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް އެ ބަލީގައި 7،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.