އިންޑިޔާގެ ގުޖްރާތުގެ ފިރިހެނަކަށް "މަންމައިންގެ ދުވަހު" ވަރަށް ރަނގަޅު ހަދިޔާއެއް ލިބިއްޖެ އެވެ. އެއީ މީގެ ދެ އަހަރު ކުރިއްސުރެ ގެއްލިފައިވާ އޭނާގެ މަންމަ އެ ދުވަހު ފެނިފައިވާތީ އެވެ. އޭނާގެ މަންމަ ހޯދައި ދިނުމަށް އެހީތެރިވެފައި ވަނީ އިންޑިޔާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަކުންނެވެ.
މިހާރު ގުޖްރާތުގައި ދިރިއުޅޭ ތޭޖަސް ޓާކޫރް މީގެ ދެ އަހަރު ކުރިން ދިރި އުޅުނީ މަންމައާއެކު ޕޫނޭގަ އެވެ. މީގެ ދެ އަހަރު ކުރިން މަންމަ ގެއްލުނީ ޕޫނޭގައި އުޅުނުއިރު އެވެ.
އޭނާގެ މަންމަ ހަރްޝާ ޓާކޫރް، 76، އަދި ސިކުނޑީގެ މައްސަލަތަކެއް ހުރުމުގެ އިތުރުން ހަނދާން ނެތޭ ބަލި ވެސް ހުރި މީހެކެވެ. މަންމަ ގެއްލުމުން ޕޫނޭ ފުލުހުންނަށް ތޭޖަސް އެ މައްސަލަ ހުށަހަޅާފައި ވެއެވެ.
ތޭޖަސްގެ މަންމަ ޕޫނޭގެ މަގެއް މަތީގައި އެނބުރެނިކޮށް ފެނުނީ އެންޖީއޯ އެއްގެ ވޮލަންޓިއަރުން ތަކަކަށެވެ. އެ ވޮލަންޓިއަރުން އޭރު އުޅުނީ އެހެން ހިސާބުތަކުން ހިޖުރަ ކޮށްފައިވާ މަސައްކަތު މީހުންނަށާއި މަގުމަތީގައި ދިރިއުޅޭ ފަގީރުންނަށް ކާ އެއްޗެތި ޕާރުސަލް ބެހުމަށެވެ.
އުމުރުން ދުވަސްވެފައިވާ އަންހެނަކު މަގުމަތީގައި އެނބުރޭތީ އެމީހުންގެ ސަމާލުކަން އައިސް އެ މީހާ ކައިރިއަށް ގޮސް ސުވާލުކުރުމުން އޭނާއަށް ބުނަން އެނގުނީ ހަމައެކަނި އޭނާގެ ނަމާއި ދަރިފުޅުގެ ނަމެވެ. އެހެން އެއްވެސް އެއްޗެއް އެ އަންހެންމީހާ ހަނދާނަކު ނެތެވެ. އެހެންވެ އޭނާ އުޅޭގެ ގެ ހޯދައިދޭކަށް ވެސް އެމީހުންނަކަށް ނޭނގުނެވެ. އެހެންވެ އެމީހުން ދެން މަސައްކަތް ފެށީ އެ އަންހެންމީހާއަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދޭށެވެ. ސަބަބަކީ ކޮރޯނާވައިރަހުގެ ވަބާގައި އެންމެ ބޮޑަށް ފުރާނައަށް ނުރައްކާވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވެފައި މި އަންހެންމީހާ މަގުމަތީގައި އެނބުރޭނަމަ އޭނާއަށް އެ ނުރައްކާ އިތުރުވާނެކަން ޔަގީންވާތީ އެވެ.
އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ގެތައް ހުރި ނަމަވެސް ބޭރުން އާ މީހަކު ގެނެސް އެފަދަ ގޭގެއަށް ވައްދާކަށް މިވަގުތު އެއްވެސް ބަޔަކު ބޭނުމެއް ނުވެ އެވެ. އެހެންވެ އެ ވޮލަންޓިއަރުން ތެރޭގައި ހުރި ހަސަން ޚާން ކިޔާ މުސްލިމް މީހަކު އޭނާގެ ގޭގައި އަންހެންމީހާ ބަހައްޓައި ދޭން އެއްބަސްވެ އޭނާ ގޮވައިގެން ދިޔައީ އެވެ. އަދި ހަސަންގެ ގޭގައި އޭނާގެ އާއިލާގެ މީހުން ވަނީ އަންހެންމީހާ ވަރަށް ރަނގަޅަށް ކާންދީގެން ބަލަހައްޓާފަ އެވެ. އަދި ތޭޖަސް އަށް އޭނާގެ މަންމަ ހުރިތަން އެނގިގެން އައިސް މިހާރު ވަނީ މަންމަ އާ ހަވާލުވެފަ އެވެ.
ވޮލަންޓިއަރުންނަށް ތޭޖަސްގެ މަންމަ މަގުމަތިން ފެނުނީ މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އަދި ހަސަންގެ ގެޔަށް އޭނާ ގެންދިއުމުގެ ކުރިން އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް ގޮސް އެ އަންހެންމީހާ ހަނދާނުގައި ހުރި ހުރިހާ މައުލޫމާތެއް ރިޕޯޓުކޮށްފައި ވެއެވެ. އަދި ތޭޖަސް ޓައްކަރް ހޯދުމުގެ މަސައްކަތް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވެސް ވޮލަންޓިއަރުން ފެށީ އެވެ.
އެގޮތުން މީގެ ދެ އަހަރު ކުރިއްސުރެ މަންމަ ގެއްލިގެން ހޯދާ ތޭޖަސް ތާކޫރް އެއް ސޯޝަލް މީޑިއާއިން ފެނުނެވެ. އަދި ތޭޖަސްގެ ނަންބަރު ލިބުމުން ވީޑިއޯ ކޯލް މެދުވެރިކޮށް އޭނާއަށް އަންހެންމީހާ ދެއްކުމުން އެއީ އޭނާ ގެއްލިގެން އުޅޭ މަންމަކަން ޔަގީން ކުރެވުނީ އެވެ.
އަދި މަންމަގެ ދުވަހު ތޭޖަސް އާއި އޭނާގެ މަންމަ އަލުން ވަނީ ބައްދަލުވެފަ އެވެ.