ކޮވިޑް-19 އަށް އިތުރު 27 މީހަކު ރާއްޖެެއިން ޕޮޒިޓްވެއްޖެ އެވެ.
މިއަދު އަލަށް ޕޮޒިޓިވްވީ ބަންގްލާދޭޝްގެ 18 މީހަކާއި ދިވެހިންގެ ނުވަ މީހެކެވެ. މި 27 މީހުންނާއެކު މިހާރު ރާއްޖެއިން ކޮވިޑ-19 އަށް ޕޮޒިޓްވެފައިވާ މީހުންގެ އަދަދު ވަނީ 862 އަށް އަރާފަ އެވެ.
މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.