ކުރިޔަށް އޮތް ދެތިން ދުވަސްގެ ތެރޭގައި ރާއްޖެ މި ވަންނަނީ ބަލީގެ ނުރައްކާ އެންމެ ބޮޑުވާ ސާޖްއަކަށް ކަމަށާއި އެހެން ނަމަވެސް އެކަމަށް ސަރުކާރުން ވަަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންް އަލީ ވަހީދު ވިދާޅުވީ ރާއްޖެއާ ކުރިމަތި މިލަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާ ސާޖްގެ ދުވަސްވަރަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކުރިން އަންދާޒާކޮށްފައިވާ ކަމެއް ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ހިފަހައްޓާ އެކަންކަން ދަމަހައްޓަން ވަރަށް މުހިންމު ދުވަސްވަރެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ސާޖަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ތައްޔާރީތަކެއް ވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން މުޅި ރާއްޖެއަށް ކޭޓާ ކުރެވޭ ގޮތައް އައިސޮލޭޝަންގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށާއި ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް އައިސޮލޭޓް ކުރެވޭ ގޮތައް ތައްޔާރުވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގައި ހުރި ހިޔާ ފެސިލިޓީގެ އިތުރުން ކޮވިޑް-19 ވިލިވަރުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"މިފެށޭ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި އަަދި އެއާއެކޮށް ދެ ހަފްތާ އާއި ހަ ހަފްތާ ދޭތެރޭގައި މިކަހަލަ ސަޖްތައް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަނީ ކުރިމަތިލާފަ. އެ ސާޖްތަކަށް ފަހު އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތެއް ކުރެވިއްޖެ ނަމަ މި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ދެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ސާޖްގެ ދުވަސްވަރު މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާާޅުވި އެވެ. ކާބޯތަކެއްތި ހޯދުމާީ ފޯރުކޯށްދިނުމުގެ ކަންކަމާއި އެހެން ކަންކަން ވެސް މިހާރު ހުރި ގޮތައް ދަމަހައްޓާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ބަލިން ރައްކާތެރި ކުރުމަށް ފްރަންޓްލައިން އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމްގެ ފަރާތުން ގެނައި 20،000 އެން95 މާސްކާއި 5000 ސޫޓުގެ ޝިޕްމަންޓު ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން ގެނައި ތާމަލް ކެމެރާތަކުން ހަތަރު ކެމެރާ ޕޮލިސްއަށް އަދި ހަތަރު ކެމެރާ އެމްއެންޑީއެފްއަށް ވެސް ދީފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޮޕަރޭޝަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ޓޫރިޒަމް ސިނާއަތުގެ ފަރާތުން ވެސް ލިބެމުން އަންނަ ކަމަށާއި އެގޮތުން މިހާރު 3000 އަށް ވުރެ ކޮޓަރި މާލެ ސަރަހައްދުން ފްރަންޓް ލައިންގެ މަސައްކަތް ކުރާ ފަރާތްތަަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ 862 އަށް އަރައިފަ އެވެ.