ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ސަތޭކައަށްވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކައިފި

މިހާލަތުގަައިވެސް 100 އަށް ވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ވަނީ ހުއްޓިފައެވެ. މިއީ ރާއްޖޭގައި ޓޫރިޒަމް ފެށުނު ފަހުން އެ ދާއިރާ ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އަދިވެސް ބޯޑަރު ވަނީ ބަންދުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ ވަހީިދު ވިދާޅުވީ އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް ރިސޯޓް އޯނަރުންގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން މި ހާލަތުގައިވެސް 100 ވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކާފައިވާ ކަމަށެވެ. އެކަމަށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވަނީ ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކާއި ސަރުކާރާ ދެމެދު އޮތް ކޯޅުން ފޮރުވާ ދެ ފަރާތުގެ ދެމެދުގައި އޮތީ ރަނގަޅު ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބޭ ގެއްލުން ތަކަށް އެހީވާން، ސަރުކާރުން ނެރުނު "ރިލީފް ޕެކޭޖަ" ން މާ ބޮޑު ފައިދާއެއް ސިނާއަތަށް ނުކުރާ ކަމަށް ބުނެ، ޓޫރިޒަމްގެ ބާނިން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ސަރުކާރަށް ވަނީ ފާޑުކިޔާފައެވެ. އެއާ ގުޅިގެން އެއީ ސަރުކާރުގަައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރެެއްވުމުންވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަޓީއާއި ސަރުކާރާ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި މަޓީގެ އެންމެ އިސްވެރިންނާއި ކޮންމެ ދުވަހަކު ފޯނުން މަޝްވަރާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.