ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކު ވެކްސިން ޖައްސަވައިފި

ރާއްޖޭގައި ޓޫރިޒަމް އުފައްދައި ކުރި އަރުވައި ދެއްވި އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

އިންޑިއާ އިން ހަދިޔާ ކޮށްފައިވާ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޝީލް ވެކްސިން ޖެއްސެވުމަށް ފަހު މަނިކް ވިދާޅުވީ މި ވެކްސިން ރާއްޖެ އަށް ލިބުމަކީ ބަލިން އަރައި ގަންނަން ދިއްލުނު އުންމީދުގެ ހުޅުކޮޅެއް ކަމަށެވެ.

"ވެކްސިން ހޯދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެހެން ބޭފުޅުން ކުރެއްވި މަސައްކަތަަށް ޝުކުރު އަދާ ކުރަން،" ޓޫރިޒަމް އުފެއްދި، އެއް ބާނީ ކަމަށްވާ އެމްޔޫ ވިދާޅުވި އެވެ.

ރާއްޖެއަށް ވެކްސިން ހަދިޔާ ކުރި އިންޑިއާ އަށް ޝުކުރު އަދާ ކުރައްވަމުން މަނިކު ވިދާޅުވީ މި ވެކްސިނާމެދު އެއްވެސް މީހަކު ބިރު ގަންނާނެ ކަމެއް ނެތް ކަމަށާ، ޖެހިލުން ވެސް ވާނެ ކަމެއް ނެތް ކަމަށެވެ.

"އެކަކު ވެސް ބިރު ގަންނާނެ ކަމެއް ނެތް،" އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަމުން ގެންދަވާ މަނިކު ވިދާޅުވި އެވެ.

ރާއްޖޭން މިއަދު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފަ އެވެ. ފުރަތަމަ ރާއްޖޭގައި ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހީމެވެ. އެ ޑޮކްޓަރަށް ފަހު މިއަދު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ. މާލޭ ސިޓީގައި މިއަދު އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ދާނެ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް މިއަދު ވެކްސި ޖަހަން ވަނީ ފަށާފަ އެވެ.

ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ވެކްސިން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރި (އެމްއެފްޑީއޭ) އިން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުއްދަ ދީފަ އެވެ. ހުއްދަ ދިނީ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ބޭނުން ކުރާށެވެ.

ރާއްޖޭގައި މިއަދު ޖަހަން ފެށީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.